
ރައީސުލްޖުމްހޫރިއްޔާ ސްރީލަންކާއަށް ފުރަމާނަ ދަތުރުފުޅެއް ކުރައްވަނީ
ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް ސްރީލަންކާއަށް ފުރަމާނަ ދަތުރުފުޅެއް ކުރައްވާގޮތަށް ހަމަޖެހިފައިވާ ކަމަށް ރައީސް އޮފީހުން ހާމަކުރައްވައިފިއެވެ.
އެ އޮފީހުން ހާމަކުރައްވާފައިވާ ގޮތުގައި ރައީސްގެ ފުރަމާނަ މި ދަތުރުފުޅުގައި ސްރީލަންކާއަށް ފުރާވަޑައިގަންނަވާނީ މި ފެބުރުވަރީ މަހުގެ 3 ވާ އާދިއްތަ ދުވަހުއެވެ.
އެ މަނިކުފާނުގެ މި ދަތުރުފުޅަކީ ސްރީލަންކާގެ 71 ވަނަ މިނިވަން ދުވަސް ފާހަގަކުރުމުގެ ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވުމަށް، ސްރީލަންކާގެ ރައީސް މައިތްރިޕާލަ ސިރިސޭނާގެ ދައުވަތަކަށް ކުރައްވާ ދަތުރުފުޅެކެވެ.
ފެބްރުއަރީ 3 ން 5އަށް ކުރައްވާ މި ދަތުރުފުޅުގައި ސްރީލަންކާގައި ދިރިއުޅުއްވާ ދިވެހި ރައްޔިތުންނާ ބައްދަލުކޮށްލެއްވުމަށްވެސް ހަމަޖެހިފައިވާކަމަށް ރައީސް އޮފީހުން ހާމަކުރައްވައެވެ.



