މަޙަލްދީބް ފައުންޑޭޝަން ގެ ފަރާތުން އިންތިޒާމް ކޮށްގެން ބާއްވާ ”ރެއިސް- ތަރުބިއްޔަތު“ ވޯކްޝޮޕް މިއަދު ފަށައިފި އެވެ.
ދެދުވަހަށް ތާވަލް ކުރެވިގެން ބޭއްވޭ މިވޯކްސޮޕް ކުރިއަށް ދަނީ ސްޓެލްކޯ 5 ވަނަ ފަންގިފިލާގެ އޯޑިޓޯރިއަމް ހޯލުގައެވެ. މި ވޯކްޝޮޕްގައި ރެޖިސްޓްރީ ކުރުމަށް 50 ޖާގަ ދޫކުރެވިފައިވާ އިރު، މި 50 ޖާގަ ވެސް ވަނީ އެއްކޮށް ފުލް ވެފައެވެ.
ދަރިން ތަރުބއްޔަތު ކުރުމާއި ބެހޭ މި ޚާއްސަ ވޯކްޝޮޕްގައި ކިޔަވާ ދެއްވަނީ އައްޝައިޚް މުޙައްމަދު އަނީލް އާއި އައްޝައިޚް އަޙްމަދު ސަމީރު އެވެ.
މި ހިނގާ އޮކްޓޯބަރު މަހުގެ 14 އަދި 15 (ހުކުރު އަދި ހޮނިހިރު) ދެދުވަހު ބާއްވާ މި ވޯކްޝޮޕްގައި މިއަދު އެންމެ ފުރަތަމަ 14:00 ން 15:00 އޮތީ ވޯކްޝޮޕާއި، ވޯކްޝޮޕްގައި ބައިވެރިވާ ފަރާތްތަކާއި އަދި ވޯކްޝޮޕާއި ބެހޭ ތަޢާރަފެކެވެ. އެއަށް ފަހު 15:30 ން 18:00 އަށް ކިޔާ ދެވުނީ މިއަދުގެ އެންމެ ފުރަތަމަ މަޢުޟޫކަމުގައިވާ ”ކީރިތި ރަސޫލާ ޞައްލަﷲ ޢަލައިޙީ ވަސައްލަމަ އެކަލޭގެފާނުގެ ގެކޮޅުގައި“ އެވެ. އެއަށްފަހު ވޯކްޝޮޕް މެދު ކަނޑާލުމަށްފަހު ދެން ކުރިއަށް ދާނީ މިރޭ 20:00 ން 22:00 އަށެވެ. އެގަޑީގައި ކުރިއަށް ދާނީ ”ޕޮޒިޓިވް ޕޭރެންޓިންގ“ މަޢުޟޫ އެވެ.
ވޯކްޝޮޕް މާދަމާ ވެސް ކުރިއަށް ދާއިރު، ހެނދުނު 8:00 ން 10:00 އަށް އޮންނާނީ ”ދެމަފިރިންގެ ޙައްޤުތައް“ މި މަޢުޟޫއަށް ނަގައިދެވޭ ސެޝަނެކެވެ. އެއަށްފަހު 10:00 ން 12:00 އަށް ”ކުށް އިސްލާޙޫ ކުރެވޭނެ ނަބަވީ 10 އުކުޅު“ ކިޔާދެވޭނެ އެވެ. އެއަށްފަހު ކުޑައިރުކޮޅަކަށް ސެޝަންތައް މެދުކަނޑާލުމަށްފަހު 13:30 ން 15:00 އަށް ”އެކި އުމުރުފުރާގެ ކުދިން ތަރުބިއްޔަތު ކުރާނެ ގޮތް“ ކިޔާދިނުމަށްފަހު 16:00 ން 18:00 އަށް ”ތަރުބިއްޔަތައް އެޅޭ ހުރަސްތައް“ ކިޔަވާ ދިނުމަށް ވަނީ ހަމަޖެހިފައެވެ.
”ރެއިސް- ތަރުބިއްޔަތު“ ވޯކްޝޮޕް ނިމުމުގެ ރަސްމިއްޔާތު ބޭއްވުމަށް ހަމަޖެހިފައިވަނީ މާދަމާ ރޭ 20:00 ން 22:00 އަށެވެ.
މިފަދަ ވޯކްޝޮޕެއް ބޭއްވުމުގެ މައިގަނޑު މަޤްސަދަކީ ދަރިން ތަރުބިއްޔަތު ކުރުމަށް ސައިކޮލޮޖިސްޓުން ވިދާޅުވާ އުކުޅުތަކާއި އޭގެ އިތުރުން ދީނީގޮތުން ވެސް ދަރިން ތަރުބިއްޔަތުކޮށް އެކުދިންނަށް ކުރެވޭ ކުށްތައް އިސްލާޙު ކުރެވޭނެ ގޮތްތައް ދަސްކޮށްދިނުމެވެ. އަދި މުސްތަޤްބަލުގައި މިފަދަ އިތުރު ވޯކްޝޮޕްތައް ބޭއްވުމަށްވެސް މަހަލްދީބް ފައުންޑޭޝަނުން ދަނީ ރާވަމުންނެވެ.