
އެފްއޭއެމްގެ ޖެނެރަލް ސެކްރެޓަރީ ބައްސާމް ވަކިކުރި އެކްސްކޯގެ ޔައުމިއްޔާ ފޮނުވަން ފީފާއިން އަންގައިފި
ރާއްޖޭގެ ފުޓްބޯޅަ އެސޯސިއޭޝަން (އެފްއޭއެމް) ގެ ޖެނެރަލް ސެކްރެޓަރީގެ މަގާމުން ބައްސާމް އަދީލް ޖަލީލް ވަކިކުރި އެކްސްކޯ ބައްދަލުވުމުގެ ޔައުމިއްޔާ ފޮނުވަން ފީފާއިން އެފްއޭއެއްމްގައި އެދެފި އެވެ.
ދުނިޔޭގެ ފުޓްބޯޅަ ޖަމިއްޔާ (ފީފާ) އިން އެފްއޭއެމުގެ ރައީސްކަމުން ވަކިވެފައިވާ ކުރީގެ ގައުމީ ފޯވަޑް އަހުމަދު ތޯރިގް އަށް އެޑްރެސްކޮށް ފޮނުވާފައިވާ ސިޓީގައި ބުނެފައިވަނީ އަސާސީ ގަވާއިދާ ހިލާފަށް ބައްސާމް ވަކިކޮށްފައިވާނަމަ އޭނާގެ މަގާމާއި މަސްއޫލިއްޔާތު އަލުން އިއާދަވާނެ ކަމަށެވެ.
މި ސިޓީ އަކީ ބައްސާމް އަދީލް ވަކިކުރިކަން ފީފާ އަށް އެންގުމުގެ ގޮތުން އެފްއޭއެމުން ފޮނުވާފައިވާ ސިޓީގެ ޖަވާބެވެ.
އެފްއޭއެމުގެ އެކްސްކޯއިން އިސްތިއުފާދިން ފަސް މެމްބަރުން ވެސް ވަނީ ބައްސާމް މަގާމުން ވަކިކޮށްފައިވަނީ އަސާސީ ގަވައިދާ ހިލާފަށް ކަމަށް ބުނެފަ އެވެ.
އެގަވާއިދުގެ 35 ވަނަ މާއްދާގައިވާ ގޮތުން ޖެނެރަލް ސެކްރެޓަރީ އައްޔަންކުރަން ޖެހެނީ ވެސް އަދި ވަކިކުރަން ޖެހޭނީ ވެސް ރައީސް ނަން ހުށަހެޅުއްވުމުން އެކްސްކޯގެ މެމްބަރުންގެ މެދުގައި ވޯޓުލައިގެންނެވެ.
އެހެން ނަމަވެސް އެފްއޭއެމުގައި އެކްސްކޯ ބައްދަލުވުމެއް މިކަމަށް ނުބާއްވާ ކަމަށް އެކްސްކޯ މެމްބަރުން ވިދާޅުވެ އެވެ.



