
ޔޫއެފާ ޗެމްޕިއަންސް ލީގު: ފަހު ވަގުތު ފަމީނޯ ކާމިޔާބުކުރި ގޯލުން ލިވަޕޫލް މޮޅުވެއްޖެ
ޔޫއެފާ ޗެމްޕިއަންސް ލީގުގައި ރޭ ލިވަޕޫލް އަދި ޕީއެސްޖީ ބައްދަލުކުރި މެޗު ފަހު ވަގުތު ލިވަޕޫލް އިން ކުރި ހޯދައިފިއެވެ.
އަދި ލިވަޕޫލްގެ ވައިނަލްޑަމް އަށް ކުރި ފައުލަކާ ގުޅިގެން ލިބުނު ޕެނަލްޓީއަކުން މެޗުގެ 36 ވަނަ މިނެޓުގައި ޖޭމްސް މިލްނާ ވަނީ ލިވަޕޫލްގެ ދެވަނަ ގޯލު ކާމިޔާބުކޮށްދީ ލީޑު ފުޅާކޮށްދީފައެވެ. ގޯލްޖަހާނެ މާގިނަ ފުރުސަތުތަކެއް ޕީއެސްޖީ އަށް މި ހާފުގައި ތަނަވަސްކުރެވިފައި ނުވި ނަމަވެސް ފުރަތަމަ ހާފް ނިމުމުގެ ކުރިން ތޯމަސް މެއުނިޔޭ ވަނީ އެޓީމަށް ގޯލެއް ކާމިޔާބުކޮށްދީ ނަތީޖާގެ ފަރަގު ކުޑަކޮށްދީފައެވެ.
އެއް ގޯލުގެ ލީޑަކާއެކު ފުރަތަމަ ހާފް ލިވަޕޫލް އިން ނިންމާލިއިރު ދެވަނަ ހާފް ވެސް ފަށައިގެން ރަނގަޅަށް ކުޅެމުން ދިޔައީ ލިވަޕޫލް އިންނެވެ. ނަމަވެސް ގޯލްޖަހާނެ މާ ރަނގަޅު ފުރުސަތުތަކެއް އެޓީމަށް ލިބިފައެއް ނުވެއެވެ. ލިވަޕޫލުން ރަނގަޅަށް ކުޅެމުން ދިޔަނަމަވެސް މެޗުގެ 83 ވަނަ މިނެޓްގައި ކިލިއަން އެމްބާޕޭ ވަނީ ޕީއެސްޖީ އަށް ގޯލުޖަހައިދީ މެޗުގެ ނަތީޖާ އެއްވަރުކޮށްދީ ފައެވެ.
މި ގޯލާއެކު ދެ ޓީމު ވެސް އެއްވަރެއްގައި އޮވެ މެޗު ނިމެންދަނިކޮށް، މެޗުގެ ފަހު ހާފު ނިމި ލިބުނު އިތުރުވަގުތުކޮޅުތެރޭ ފަހުހާފުގައި ބަދަލުކުޅުންތެރިއެއްގެ ގޮތުގފައި ކުޅެން އެރި ރޮބާޓޯ ފަމީނޯ ވަނީ ލިވަޕޫލްގެ ތިންވަނަ ގޯލު ކާމިޔާބުކޮށްދީ މި މެޗުން އެޓީމު މޮޅުކޮށްދީފައެވެ.
ގްރޫޕް ސީގައި ލިވަޕޫލް އާއި ޕީއެސްޖީގެ އިތުރުން ދެން ހިމެނެނީ ނަޕޯލީ އާއި ރެޑްސްޓާ ބެލްގްރޭޑްއެވެ. އެގޮތުން ނަޕޯލީ އާއި ބެލްގްރޭޑް ރޭ ބައްދަލުކުރި މެޗު ނިމުނީ ލަނޑެއް ނުޖެހި ދެ ޓީމުވެސް އެއްވަރުވެގެންނެވެ.
މި ގްރޫޕްގައި ލިވަޕޫލް ދެން ބައްދަލުކުރާނީ ނަޕޯލީއެވެ.
ރޭގައި ވަނީ ގްރޫޕް ޑީގެ ދެމެޗެއްވެސް ކުޅެފައެވެ. މި ގްރޫޕުގެ މެޗުތަކަށް ބަލާއިރު، ގަލަސަތްރާއީ ވަނީ ލޮކޮމޯޓިވް މޮސްކޯ އާ ވާދަކޮށް 0-3 އިން މޮޅުވެފައެވެ. އަދި ސާލްކޭ އާ ޕޯޓޯ ބައްދަލުކުރި މެޗު އެއްވެސް ކޮޅަކަށް ގޯލެއް ނުޖެހިވަނީ އެއްވަރުވެފައެވެ.
މީގެ އިތުރުން ގްރޫޕް އޭގެ ދެމެޗެއްވެސް ކުޅެފައިވާއިރު، މީގެތެރެއިން އެތްލެޓިކޯ މެޑްރިޑާއި މޮނާކޯ ބައްދަލުކުރި މެޗު 1-2 ގެ ނަތީޖާއިން ކާމިޔާބުކޮށްފައިވަނީ އެތްލެޓިކޯ މެޑްރިޑެވެ. އަދި ބޮރޯޝިއާ ޑޯޓްމުންޑާއި ކުލަބް ބުރޫޖް ބައްދަލުކުރި މެޗު 0-1 އިން ކާމިޔާބުކޮށްފައިވަނީ ބޮރޫޝިއާ ޑޯޓްމުންޑުންނެވެ.
ފޯރިގަދަ މެޗުތަކެއް މިރޭވެސް ކުޅެވޭނެއެވެ. މިރޭ ކުޅޭ މެޗުތަކަށް ބަލާއިރު ، ރެއާލް މެޑްރިޑް އަދި ރޯމާ ބައްދަލުކުރާ މެޗާއި ޔުވެންޓަސް އަދި ވެލެންސިއާ ބައްދަލުކުރާ މެޗު ފާހަގަކޮށްލެވެއެވެ. މި ދެމެޗުވެސް ކުޅޭނީ މިރޭ ރާއްޖޭ ގަޑިން ދަންވަރު 12:00 ގައެވެ.