
ޓޯނީ ކުރޫސް ރެއާލްގެ އެއްބަސްވުން އާކޮށްފި.
ރެއާލް މެޑްރިޑަށް ކުޅެމުން އަންނަ ޖާމަން މިޑްފީލްޑަރ ޓޯނީ ކުރޫސް ރެއާލްގެ އެއްބަސްވުން އާކޮށްފިއެވެ.
ޓޯނީ ކުރޫސް ރެއާލްގެ އެއްބަސްވުން އާކޮށްފައިމިވަނީ އިނގިރޭސި ކުލަބު މެނޗެސްޓާ ޔުނައިޓެޑުން އޭނާއަށް ޝައުގުވެރިކަން ފާޅުކޮށްފައިވާ ދަނޑިވަޅެއްގައެވެ.
މި އެއްބަސްވުމާ އެކު ޖާމަން މިޑްފީލްޑަރު 2022 ވަނަ އަހަރުގެ ނިޔަކަށް ރެއާލްގައި މަޑުކުރާނެ އެވެ. އަދި އާ ކޮންޓްރެކްޓާއެކު އޭނާ އަށް ހަފުތާއަކު މުސާރައިގެ ގޮތުގައި 346000 ޕައުންޑް ވެސް ލިބޭނެ އެވެ.
މިހާރު އުމުރުން 26 އަހަރުގެ ކްރޫސް ވަނީ ރެއާލް އަށް މިހާތަނަށް ކުޅެދިން 108 މެޗުގައި ހަތަރު ގޯލު ޖަހައިދީފަ އެވެ. އަދި އޭނާ އަކީ ޔޫރަޕުގެ ގިނަ ކުލަބުތަކަކުން ޝައުގުވެރިވާ ހުނަރުވެރި މޮޅު ކުޅުންތެރިއެކެވެ.
ރެއާލް މެޑްރިޑުން އޭނާގެ އެއްބަސްވުން އާކޮށްފައިވާއިރު ވޭލްސްގެ ފޯވާޑް ގެރެތް ބޭލް އާއި ޕޯތުގަލް ތަރި ކްރިސްޓިއާނޯ ރޮނާލްޑޯ ވެސް ވަނީ 2021 ވަނަ އަހަރުގެ ނިޔަލަށް ޓީމުގައި މަޑުކުރުމަށް ނިންމާފައެވެ.
ރެއާލް މެޑްރިޑްގެ ކުޅުންތެރިންގެ އެއްބަސްވުންތައް އާކުރަމުންދާއިރު އެޓީމުވަނީ ކުޅުންތެރިން ނުގެނެވޭގޮތަށް ސަސްޕެންޑުކޮށްފައެވެ. ރެއާލް ސަސްޕެންޑް ކޮށްފައިވަނީ ގަވާއިދާ ހިލާފަށް 12 އަހަރުން ދަށުގެ ކުޅުންތެރިން ގެނައުމުގެ ކުށުގައެވެ. ރެއާލްގެ މިސަސްޕެންސަން 2018 ވަނަ އަހަރާ ހަމައަށް ދެމިގެންދާނެއެވެ.



