ޚަބަރު ފީތާ

މޮޑްރިޗް އާ މެދު ގޮތެއް ނިންމަން އިންޓަ އިން ރެއާލް އާއެކު މަސްވަރާކުރަން އެއްބަސް ވެއްޖެ.

މޮޑްރިޗާ މެދު ގޮތެއް ނިންމުމަށް އިންޓަމީލާނާއެކު މަސްވަރާކުރުމަށް ރެއާލްއިން ނިންމައިފިއެވެ.

ރެއާލްއިން މިގޮތަށް މި ނިންމީ އެޓީމަށް ކުޅެމުން އަންނަ ކްރޮއޭޝިއާގެ މިޑްފީލްޑަރު ލޫކަ މޮޑްރިޗް ގެނައުމުގެ މަސައްކަތް އިންޓަ މިލާނުން ކުރަމުންގެންދާ ކަމަށް މީޑިޔާ ރިޕޯޓުތައް ބުނެފައިވަނިކޮށެވެ.

ގޯލް ޑޮޓްކޮމް އިން ރިޕޯޓުކޮށްފައިވާ ގޮތުގައި މިފަހަރުގެ ޓްރާންސްފާ މާކެޓުގައި އިންޓަ އިން އެ ކްލަބުގެ މެދުތެރެ އިތުރަށް ވަރުގަދަކުރުމަށް އެންމެ ބޮޑަށް ގެންނަން ބޭނުންވާ ކުޅުންތެރިއަކީ މޮޑްރިޗްއެވެ. އެގޮތުން މޮޑްރިޗް ގެނައުމާ ގުޅޭގޮތުން އިންޓަ އިން ދާދިފަހުން އޭނާގެ އެޖެންޓުންނާއި އެކު ވާހަކަތައް ކުރިއަށް ގެންގޮސްފައިވާ ކަމަށްވެސް ރިޕޯޓުކޮށްފައިވެއެވެ.

މޮޑްރިޗް ގެނައުމަކީ ފަސޭހަ ކަމެއް ނޫން ކަމަށާއި އެކަމާ ގުޅޭގޮތުން ކުރިއަށް އޮތް ދުވަސްތަކުގައި ރެއާލް އާއެކު ވެސް އިންޓަ އިން ވާހަކަތައް ބާއްވާނެ ކަމަށްވެސް ”ސްކައި އިޓަލީ“ އިން ރިޕޯޓުކޮށްފައިވެއެވެ.

އަންނަ ސީޒަނުގެ ޗެމްޕިއަންސް ލީގުގައި ވެސް ވާދަކުރާ އިންޓަ އަށް މޮޑްރިޗް ނުލިބިއްޖެނަމަ އެ ކްލަބުން ދެން މަސައްކަތް ކުރާނީ ބަޔާން މިއުނިކަށް ކުޅެމުން އަންނަ ޗިލީގެ މިޑްފީލްޑަރު އާޓޫރޯ ވިޑާލް ގެނައުމަށް ކަމަށްވެސް ބުނެފައިވެއެވެ.

ރެއާލްގެ މެދުތެރޭގައި މުހިއްމު ދައުރެއް އަދާ ކުރަމުންދާ މޮޑްރިޗް އަކީ އެ ކްލަބަށް ޖެހިޖެހިގެން ތިން ފަހަރު ޗެމްޕިއަންސް ލީގު ހޯދައިދިނުމުގައި އިސް ރޯލެއް އަދާކުރި ކުޅުންތެރިއެކެވެ.

ނިމިގެންދިޔަ ވޯލްޑް ކަޕްގެ މޮޅު ކުޅުންތެރިޔާގެ މަގާމުވެސް ހޯދާފައިވާ މޮޑްރިޗް ރެއާލްއާ ގުޅުނީ 2012 ވަނަ އަހަރު ޓޮޓެންހަމް އިންނެވެ. މޮޑްރިޗް ވަނީ މިހާތަނަށް ރެއާލް އަށް 200 އަށްވުރެ ގިނަ މެޗު ކުޅެދީފައެވެ.

އުމުރުން 32 އަހަރުގެ މޮޑްރިޗް ރެއާލް އާއެކު ހަދާފައިވާ ކޮންޓްރެކްޓް ހަމަވާނީ 2020 ވަނަ އަހަރުއެވެ.

Rate this post