ޚަބަރު ފީތާ

އަންނަ ސީޒަނުގައި ހުރިހާ މުބާރާތެއް ކާމިޔާބުކުރެވޭނެ ކަމުގެ އުންމީދު ބޮޑު- އެލެގްރީ

Italy Soccer Serie A

ދުނިޔޭގެ މިވަގުތު ހުރި އެންމެ މޮޅު ކުޅުންތެރިޔާ ކަމުގައި ގިނަބަޔަކު ގަބޫލުކުރާ ޕޯޗުގަލް ތަރި ކްރިސްޓިއާނޯ ރޮނާލްޑޯ އާ އެކު އަންނަ ސީޒަނުގައި ހުރިހާ މުބާރާތެއް ވެސް ޔުވެންޓަސް އިން ކާމިޔާބުކުރެވޭނެ ކަމުގެ އުންމީދު އާވެފައިވާ ކަމަށް ޔުވެންޓަސްގެ ކޯޗު މަސިމިލިއާނޯ އެލެގްރީ ބުނެފިއެވެ.

އެލެގްރީ ބުނީ ޔުވެންޓަސްގެ އަމާޒަކީ އަންނަ ސީޒަނުގައި ކުޅޭ ހުރިހާ މުބާރާތެއް ކާމިޔާބުކުރުން ކަމަށާއި މި އަމާޒަކަށް ބަދަލެއް ނާންނާނެކަމަށެވެ. އެލެގްރީ ބުނީ ރޮނާލްޑޯ އައީ މި ކަންކަން ހާސިލުކުރުމަށް އެހީތެރިވާންކަމަށާއި އެއީ ޗެމްޕިއަންސް ލީގު ނުވަތަ އިޓާލިއަން ލީގު ހޯދަން ކަމަށް ވިޔަސް މައްސަލައެއް ނެއް ކަމަށް އެލެގްރީ ބުންޏެވެ.
މިފަހަރުގެ އާ ސީޒަން ފެށުމަށް މިހާރު ތައްޔާރުވެފައިވާއިރު، މިފަހަރުގެ ހުރިހާ މުބާރާތެއް ކާމިޔާބުކުރަން ޔުވެންޓަސް އިން ބޭނުންވެއެވެ. އެގޮތުން މިފަހަރުގެ ޓްރާންސްފާ މާކެޓުގައި އެ ކްލަބުން ވަނީ ރެއާލް މެޑްރިޑަށް ކުޅެމުން އައި ޕޯޗުގަލްގެ ތަރި ކްރިސްޓިއާނޯ ރޮނާލްޑޯ 105 މިލިއަން ޔޫރޯގެ އަގަކަށް ގެނެސްފައެވެ.

ރޮނާލްޑޯ އައުމާއެކު ޔުވެންޓަސް އާއި މެދު ކުރެވޭ އުއްމީދުތައް އިތުރަށް ބޮޑުވެގެން ގޮސްފައިވާއިރު އެލެގްރީ ބުނީ ރޮނާލްޑޯ އަޔަސް ޔުވެންޓަސްގެ އަމާޒުތަކަށް އެއްވެސް ބަދަލެއް ނާންނާނެ ކަމަށާއި ކްލަބުން ހާސިލުކުރަން ބޭނުންވާ ކަންކަން ހާސިލުކުރުމަށް ރޮނާލްޑޯގެ އެހީތެރިކަން ލިބިގެންދާނެ ކަމަށެވެ.

ޔުވެންޓަސް އިން މިދިޔަ ސީޒަނުގައި އިޓާލިއަން ލީގާއި އިޓާލިއަން ކަޕް ކާމިޔާބުކޮށްފައިވާއިރު އެ ކްލަބަށް ކާމިޔާބު ނުކުރެވި އޮތް ބޮޑު މުބާރާތަކީ ޗެމްޕިއަންސް ލީގެވެ. ނަމަވެސް އެ ކްލަބުން ވަނީ ދެ ފަހަރެއްގެ މަތިން މި މުބާރާތުގެ ފައިނަލްގައި ވާދަކޮށްފައެވެ. އެ ދެ ފައިނަލުން ވެސް ޔުވެންޓަސް ބަލިވިއިރު ފުރަތަމަ އެ ކްލަބު ބަލިވީ ބާސެލޯނާއާ ބައްދަލުކޮށެވެ. އަދި ދެވަނަ ފައިނަލުން ބަލިވީ ރެއާލް މެޑްރިޑާއި ބައްދަލުކޮށެވެ.

ޔުވެންޓަސް އަށް ރަސްމީކޮށް ބަދަލުވުމަށްފަހު ރޮނާލްޑޯ ވަނީ ޗެމްޕިއަންސް ލީގު ހޯދައިދިނުމަށް އެ ކްލަބަށް އެހީތެރިވާނެ ކަމަށް ބުނެފައެވެ.

 

Rate this post