ތުރުކީގެ ހަކަތަ އާއި ދަތުރުފަތުރާ ބެހޭ ދާއިރާތައް ތަރައްޤީ ކުރުމަށް ޗައިނާއިން އެހީވާން ނިންމާ، 3.6 ބިލިއަން ޑޮލަރުގެ އެހީއެއް ދީފިއެވެ.
ތުރުކީގެ ފިނޭންސް މިނިސްޓަރ ބިރާތު އަލްބައިރަކު ވިދާޅުވީ މި ލޯނު ދިނީ ޗައިނާގެ އިންޑަސްޓްރިއަލް އެންޑް ކޮމާރޝަލް ބޭންކު (އައިސީބީސީ)ން ކަމަށެވެ.
އައިސީބީސީއަކީ ތުރުކީގައި ޗައިނާގެ ބޭންކެއް ހިންގަން ފެށި ފުރަތަމަ ބޭންކެވެ. އެއީ 2015 ވަނަ އަަހަރު ތުރުކީގެ ޓެކްސްޓިލް ބޭންކުގެ 75 އިންސައްތަ ހިއްސާ، 316 މިލިއަން ޑޮލަރަށް ގަނެގެންނެވެ.
ތުރުކީއަށް ޗައިނާއިން މި ލޯނު ދީފައިވާ މިވަނީ ތުރުކީއާ ދެކޮޅަށް އެމެރިކާ އިން ދަތިކުރުމުގެ ފިޔަވަޅު އަޅާނެ ކަމުގެ އިންޒާރު ދީފައިވާ ދަނޑިވަޅެއްގައެވެ. އެމެރިކާ އިން އެއިންޒާރު ދީފައި ވަނީ ތުރުކީން އެޤައުމުގެ ދީނީ ޢިލްމުވެރިޔަކު ހައްޔަރު ކުރުމާ ގުޅިގެންނެވެ.
މިވަގުތު ގޭ ބަންދުގައި ހުރި އެންޑްރޫ ބްރަންސަން ހައްޔަރު ކުރީ 2016 ވަނަ އަހަރު ތުރުކީއަށް ގެންނަން މަސައްކަތް ކުރި ބަޣާވާތާ ގުޅިގެންނެވެ.