
ރޮނާލްޑޯ ދުނިޔޭގެ ރެކޯޑް ފޮތަށް..!
ޕޯޗުގަލްއާއި ރެއާލް މެޑްރިޑްގެ ތަރި ކްރިސްޓިއާނޯ ރޮނާލްޑޯ ދުނިޔޭގެ ރެކޯޑް ފޮތުން ޖާގަ ހޯދައިފި އެވެ.
މަޝްހޫރު ފުޓްބޯޅަ ތަރި ކްރިސްޓިއާނޯ ރޮނާލްޑޯ މިއަަހަރުގެ ދުނިޔޭގެ ރެކޯޑު ފޮތުން ޖާގަ ހޯދީ ސޯޝަލް މީޑީއާ ނެޓްވޯކެއް ކަމަށްވާ ޓްވިޓާގައި އެންމެ ގިނަ ބަޔަަކު ފޮލޯ ކުރާ އެތުލީޓުގެ ގޮތުގަ އެވެ.

މި އަހަރުގެ އޮކްޓޫބަރު މަހުގެ 12 ވަނަ ދުވަހާއި ހަމައަށް ޓްވިޓާގައި 47.4 މިލިއަން މީހުން ރޮނާލްޑޯ އަށް ފޮލޯ ކޮށްފައިވާއިރު ސޯޝަލް މީޑީއާގައި އެންމެ މަޝްހޫރު އެތުލީޓުގެ ގޮތުގައި ފާހަގަކުރެވިފައިވާ ރޮނާލްޑޯ އަކީ ފޭސްބުކްގައިވެސް އެހާމެ މަޝްހޫރު ކުޅުންތެރިއެކެވެ. އޭނާގެ އޮފިޝަލް ފޭސްބުކް އެކައުންޓަށް މިހާރު 117 މިލިއަނަށްވުރެ ގިނަ ލައިކްސް ވަނީ ލިބިފައެވެ. ފޭސްބުކާއި ޓްވިޓާ އާއި އިންސްޓަގްރާމް އެއްކޮށްގެން ރޮނާލްޑޯ އަށް ފޮލޯ ކުރާ މީހުންގެ އަދަދު މިހާރު ވަނީ 200 މިލިއަނަށްއަރާފައެވެ.
ޕޯޗުގަލް ތަރި ކްރިސްޓިއާނޯ ރޮނާލްޑޯ ގެ އިތުރުން ދުނިޔޭގެ ރެކޯޑް ފޮތުން މިއަހަރު ޖާގަހޯދި އިތުރު ކުޅުންތެރިންނަކީ އާސެނަލްގެ ގޯލްކީޕަރު ޕީޓާ ޗެކް އާއި އެވަޓަންގެ މިޑްފީލްޑަރު ގެރެތު ބެރީއެވެ.
ޕީޓަ ޗެކް ދުނިޔޭގެ ރެކޯޑް ފޮތުން ޖާގަ ހޯދީ އިނގިރޭސި ޕްރިމިއާ ލީގުގައި ގޯލަށް ލަނޑެއް ވައްދާނުލާ އެންމެ ގިނަ މެޗު ހަމަކުރި ކީޕަރުގެ ގޮތުގަ އެވެ. ޗެކް ވަނީ ޕްރިމިއާ ލީގުގައި މިހާތަނަށް 181 ކްލީން ޝީޓް ހަމަކޮށްފަ އެވެ.

ޗެކް އެންމެ ގިނަ ކްލީން ޝީޓް ނެގުމުގެ ރެކޯޑް ހެދާފައިވަނީ 2015 ވަނަ އަހަރުގެ ޑިސެމްބަރު މަހު ޕްރިމިއާ ލީގުގައި ބޯންމައުތުއާ ދެކޮޅަށް ކުޅެ 0-2 ގެ ނަތީޖާއިން އާސެނަލް މޮޅުވި މެޗުގަ އެވެ.
ބެރީ އަށް ދުނިޔޭގެ ރެކޯޑް ފޮތުން ޖާގަ ލިބުނީ އިނގިރޭސި ފުރަތަމަ ޑިވިޝަންގައި އެންމެ ގިނަ މެޗުގެ ފުރަތަމަ އެގާރައިގައި ހިމެނިގެން ކުޅުނު ކުޅުންތެރިއާގެ ގޮތުގައެވެ. ބެރީ ވަނީ ފުރަތަމަ 11 ގައި ހިމެނިގެން މިހާތަނަށް އިނގިރޭސި ފުރަތަމަ ޑިވިޝަންގައި 580 މެޗުގެ ފުރިހަމަކޮށްފަ އެވެ.
މީގެ އިތުރުން ލިވަޕޫލަށް ކުޅެމުން އަންނަ ހުނަރުވެރި ކުޅުންތެރިއާ ސާޑިއޯ މާނޭ އާއި ލެސްޓާގެ ފޯވަޑް ޖޭމީ ވާޑީ ވެސް ވަނީ ރެކޯޑް ފޮތުގައި ހިމެނިފައެވެ. މާނޭ ރެކޯޑް ފޮތުގައި ހިމެނިފައިވަނީ އެންމެ އަވަސް ހެޓްރިކް ހެދި ކުޅުންތެރިއާގެ ގޮތުގައެވެ. މާނޭ ވަނީ 2 މިނިޓް 56 ސިކުންތުން ހެޓްރިކެއް ފުރިހަމަކޮށްފައެވެ. ވާޑީ ރެކޯޑް ފޮތުގައި ހިމެނިފައިވަނީ އެންމެ ގިނަމެޗުގައި ލަނޑުޖެހި ކުޅުންތެރިއާގެ ގޮތުގައެވެ. ވާޑީ ވަނީ ޖެހިޖެހިގެން 11 މެޗުގައި ލަނޑު ޖަހައިގެން ރެކޯޑް ހަދާފައެވެ.



