ޤައުމީ މަންހަޖާއިގުޅޭ ސެމިނާރއެއް ހދ. ކުޅުދުއްފުށީގައި ބޭއްވުމަށް ނިންމައިފިއެވެ.
މަންދު ކޮލެޖުން މާދަމާ ބާއްވާ މި ސެމިނާއާ ގުޅޭގޮތުން އެ ކޮލެޖުން ބުނީ މިއީ ކުޅުދުއްފުށި ހިމެނޭ ސަރަޙައްދުގެ އެކި ރަށްރަށުގައި މަސައްކަތް ކުރާ ޓީޗަރުންނަށް ޚާއްޞަކޮށްގެން ބާއްވާ ސެމިނާރއެއް ކަމަށެވެ. އަދި މި ސެމިނާރ އޮންނާނީ މެންދުރު ފަހު 14:00 ން 18:00 އަށް ކަމަށެވެ.
މި ސެމިނާރގައި ހއ، ހދ، އަދި ށ. އަތޮޅުގައި މަސައްކަތް ކުރާ ވީހާވެސް ގިނަ ޓީޗަރުން ބައިވެރިވުމަށް އެ ކޮލެޖުން އެދިފައިވާ އިރު، ބައިވެރިވުމަށް ބޭނުންވާ ފަރާތްތަކުން އެ ކޮލެޖުގެ ކުޅުދުއްފުށީ ސެންޓަރުގެ ނަމްބަރު 9524333 ނުވަތަ 9564333 އަށް ގުޅުއްވުމުން ނަން ނޯޓު ކުރެވޭނެ ކަމަށްވެސް މަންދު ކޮލެޖުން ބުންޏެވެ.
އެ ކޮލެޖުން ބުނީ މަންހަޖަށް އަހުލުވެރިވުމަށް ޓީޗަރުންނަށް ވަރަށް ބޮޑެތި ގޮންޖެހުންތަކާ ދިމާވާ ކަމަށާއި އެހެންވެ އެ މައްސަލަތަކަށް ހައްލު ހޯދައިދިނުމަށް އެ ސެމިނާރުގައި އެހީތެރިވެދެވޭނެ ކަމަށެވެ. އަދި ސެމިނާރ ކުރިއަށް ދާ ވަގުތު، އެ ކޮލެޖުގެ ކޯސްތަކަށް ކުރިމަތިލުމުގެ ފުރުޞަތު ވެސް އޮންނާނެ ކަމަށާއި ކޯސްތަކަށް ކުރިމަތިލައިގެން 10 ޕަސެންޓުގެ ޑިސްކައުންޓެއް ލިބޭނެ ކަމަށެވެ.
މަތީ ތަޢުލީމް ފޯރުކޮށްދިނުމަށް އުފައްދާފައިވާ މަންދު ކޮލެޖުން މިފަދަ ސެމިނާރއެއް މި ބާއްވަނީ އެކޮލެޖުގެ 20 ވަނަ އަހަރީ ދުވަހާވެސް ގުޅުވައިގެންނެވެ. އަދި މުސްތަޤުބަލުގައިވެސް މިފަދަ އިތުރު ސެމިނާރތައް ބޭއްވުމަށް ވަނީ ނިންމާފައެވެ.
މަންދު ކޮލެޖުން އަންނަނީ ކިޔަވައިދިނުމުގެ ދާއިރާއާ ގުޅޭ ކޯސްތަކާއި ރާއްޖޭގެ ވަޒީފާގެ މާހައުލާ ގުޅޭ މުހިއްމު ކޯސްތަކެއްވެސް ހިންގަމުންނެވެ.