ކްރިސްޓިއާނޯ ރޮނާލްޑޯ އިޓަލީގެ ޔުވެންޓަސް އަށް ބަދަލުވެއްޖެ
ރެއާލް މެޑްރިޑަށް ކުޅެމުން އައި ޕޯޗުގަލްގެ އިތުބާރު ފޯވާޑް ކްރިސްޓިއާނޯ ރޮނާލްޑޯ އިޓަލީގެ ޔުވެންޓަސް އަށް ސޮއިކޮށްފިއެވެ.
ރެއާލްއިން ރެނުނެ ބަޔާނުގައި ރޮނާލްޑޯއަށް ޝުކުރުއަދާކޮށްފައިވާއިރު، އޭނާ ހޭދަކުރި މުއްދަތުގައި ރެއާލްއަށް ހޯދާދީފައިވާ ކާމިޔާބީތަކަށް އެ ކްލަބުން ވަނީ ރޮނާލްޑޯ އަށް ޝުކުރު އަދާކޮށްފައެވެ.
ޔުވެންޓަސް އަށް ބަދަލުވުމުގެ ކުރިން ހަދަންޖެހޭ މެޑިކަލް ފުރިހަމަކުރުމަށް އަންނަ ހަފްތާގައި ރޮނާލްޑޯ އިޓަލީއަށް ދާންނިންމާފައިވާއިރު، ރޮނާލްޑޯ ހުރީ ޗުއްޓީގައި އާއިލާއާ އެކު ގްރީސްގައެވެ. އެގޮތުން މިއަދުގެ ވަގުތެއްގައި އޭނާއާ ބައްދަލުކުރުމަށް ޔުވެންޓަސްގެ ރައީސް އަންދްރޭ އެގްނެލީ ގްރީސް އަށް ގޮސްފައިކަން ފާހަގަކޮށްލެވެއެވެ.
އުމުރުން 33 އަހަރުގެ ރޮނާލްޑޯ ވިއްކާލަން ރެއާލް އިން ނިންމިއިރު، އޭނާ ނެތްތަން ފޫބައްދަން މިފަހަރުގެ ޓްރާންސްފާ މާކެޓުގައި ކުޅުންތެރިން ހޯދުމަށް މަސައްކަތް ކުރާނެއެވެ. އެގޮތުން ރެއާލްއިން ފާރަލަމުން ގެންދަނީ ޕީއެސްޖީ އަށް ކުޅެމުން އަންނަ ނޭމާ އަދި ޗެލްސީ އަށް ކުޅެމުން އަންނަ އެޑެން ހަޒާޑް ގެނައުމަށް ކަމަށް ރިޕޯޓްތަށް ދަނީ ބުނަމުންނެވެ.
މެންޗެސްޓަރ ޔުނައިޓެޑުން 2009 ވަނަ އަހަރު ރެކޯޑް ފީއަކަށް ރެއާލް އަށް ބަދަލުވިއިރު އޭނާ ވަނީ ރެއާލްގައި ހޭދަކުރި 9 އަހަރު އެކުލަބަށް ބޮޑެތި ކާމިޔާބީތަކެއް ހޯދަދީފައެވެ. އެގޮތުން ރޮނާލްޑޯ ވަނީ ރެއާލް އަށް ކުޅެދިން 438 މެޗުގައި 451 ލަނޑު ކާމިޔާބުކޮށްދީފައެވެ.
މީގެ އިތުރުން ހަތަރު ފަހަރެއްގެ މަތިން ޗެމްޕިއަންސް ލީގު، ދެ ފަހަރެއްގެ މަތިން ސްޕެނިޝް ލީގު، ސްޕެނިޝް ކަޕް އަދި ސްޕެނިޝް ސުޕަރ ކަޕް ކާމިޔާބުކުރުން ހިމެނެއެވެ.
ރޮނާލްޑޯ އަކީ ދުނިޔޭގެ މޮޅު ކުޅުންތެރިއާގެ މަގާމު ފަސް ފަހަރެއްގެ މަތިން ހޯދާފައިވާ ކުޅުންތެރިއެކެވެ. ރޮނާލްޑޯއާ އެންމެ ގާތުން ވާދަކުރަނީ މެސީއެވެ. އޭނާވެސް ވަނީ ދުނިޔޭގެ އެންމެ މޮޅުކުޅުންތެރިޔާގެ މަގާމު ފަސްފަހަރު ހޯދާފައެވެ.