ޚަބަރު ފީތާ

ގެވެށި އަނިޔާއިން މުޖުތަމައު ސަލާމަތްކުރަމާތޯ ؟

ގެވެށި އަނިޔާގެ މައްސަލަތަކުގެ ވާހަކައަކީ އާވާހަކަތަކެއް ނޫނެވެ. ރެޔާދުވާލު މެދުކެނދުމެއް ނެތި ދިވެހި މުޖުތަމަޢުގައި ޢާއްމުކޮށް އަޑުއިވި ބައު ވެފައިވާ ވާހަކަތަކެކެވެ. ނަމަވެސް އެ ވާހަތަކަކީ ނުދައްކައި ދޫކޮށްލައިގެން ތިބެވެން އޮތް ވާހަކަތަކެއް ނޫނެވެ. އޭގެ ސަބަބުން ގިނައާއިލާ ތަކަށާއި މުޖުތަމަޢަށް ލިބެމުންދާ ގެއްލުން އިންތިހާއަށް ބޮޑެވެ. ކުށެއްނެތް މައުސޫމު ޅަ ދަރިންނާއި ޒުވާން އަންހެނުންނާއި ފިރިހެނުންވެސް މި ނުރައްކާތެރި ވަބާގައިޖެހި ބޮޑެތި އަނިޔާތައް ލިބެމުންދާ މައްސަލައަކަށް ގެވެށި އަނިޔާގެ މައްސަލަތައް ވަމުންދާތީއެވެ. އެކަމަކު ހިތާމައަކީ މިއަދުވެސް މިފަދަ މައްސަލަތައް ފޮރުވައި ރައްކައުކުރަން މުޖުތަމަޢުން ބަޔަކު މަސައްކަތް ކުރާކަމެވެ.

ގެވެށި އަނިޔާއަކީ ކޮބައިތޯ؟ ޤާނޫނު ނަމްބަރު 2012/2 “ގެވެށި އަނިޔާ ހުއްޓުވުމުގެ ޤާނޫނު” ގައި ބަޔާން ކޮށްފައިވަނީ “ގެވެށި ގުޅުމަކުން ގުޅިގެންވާ މީހުންގެ ތެރެއިން އެކަކު، އެގުޅުމުގެ ތެރޭގައި ހިމެނޭ އަނެކާގެ ނުވަތަ އަނެކުންގެ މައްޗަށް އަނިޔާގެ ޢަމަލު ހިންގުން” ކަމަށެވެ. އެހެން ގޮތަކަށް ދަންނަވާނަމަ ގެވެށި އަނިޔާއަކީ ޢާއިލާ ތެރޭގައި ނުވަތަ މުޖުތަމަޢުގެ ތެރޭގައި ހިމެނޭ މީހެއްގެ ނުވަތަ ބަޔަކުގެ ކިބައިން އެހެން މީހަކަށް ނުވަތަ ބަޔަކަށް ލިބިގެންދާ އަނިޔާއެވެ.

ތިލަކޮށް ދަންނަވާނަމަ ފިރިންގެ ފަރާތުން އަނބިންނަށް ލިބޭ އަނިޔާ އާއި އަނބިންގެ ފަރާތުން ފިރިންނަށް ލިބޭ އަނިޔާ އާއި މައިން ބަފަައިންނާއި ބޮޑެތި މީހުން ނުވަތަ ބަދަލުވެރިންގެ ފަރާތުން ތުއްތު ކުދިންނަށާއި އެނޫންވެސް އެފަދަ ފަރާތްތަކަށް ލިބޭ އަނިޔާ ހިމެނިގެންދަނީ ގެވެށި އަނިޔާގެ ގޮތުގައެވެ.

އިންސާނުންނަށް ލިބޭ ކޮންމެ އަނިޔާއަކީ ލޮލަށް ފެންނަން ހުންނަ އަނިޔާއެއް ނޫނެވެ. ގެވެށި އަނިޔާގެ ތެރޭގައިވެސް ލޮލަށް ނުފެންނަ އެހެނަސް އަނެކާގެ ޖިސްމަށް އެއިން ބޮޑެތި ގެއްލުންތަކެއް ލިބިގެންދާ އަނިޔާތައް ހިމެނެއެވެ. ތަޅައި އަނިޔާ ކުރުމުގެ ބަދަލުގައި ހިތްދަތިކޮށް، ވޭންދެނިވި އިޙްސާސްތައް ކުރުވާޒާތުގެ ކަންކަން ކުރިމަތިކޮށް ނަފްސާނީ ބަލިމަޑުކަމެއްގެ ތެރެއަށް މުޅި މީހާގެ ދިރިއުޅުން ބަދަލުކޮށްލާފަދަ ކަންކަން ގެވެށި އަނިޔާގެ ތެރޭގައި ހުންނަނީކީ މަދަކުންނޫނެވެ.

ރާއްޖޭގައި ގެވެށި އަނިޔާގެ މައްސަލަތައް އިންތިހާއަށް އޮތް ނަމަވެސް އެފަދަ މައްސަލަތައް ޢާއިލާތަކުން ދެކެނީ އެއީ “ޢާއިލީ ކަމެއް” ގެ ގޮތުގައެވެ. އެކަންކަން ފޮރުވައި ރައްކާކޮށްގެން ތިބެނީ “ޢާއިލީ ބޮޑު ސިއްރުގެ” ގޮތުގައެވެ. ޢާއިލާތަކުގެ ތެރޭގައި ހިނގާ ގެވެށި އަނިޔާގެ ކަންކަން ހައްދުން ނެއްޓި އަވަށްޓެރިންނަށާއި ދުރުހިލޭ މީހުންނަށް އެނގިގެންދާއިރު އޮންނަނީ “ވާނެ ހައެތި” ވެފައެވެ. އަނިޔާގެ ޝިކާރަވެރިޔާއަށް ސަލާމަތް ނުވެވޭ ހިސާބަށް ގޮސްފައެވެ. އެފަދަ މައްސަލަތައް ކަމާބެހޭ ފަރާތްތަކަށް ހުށަހަޅައިގެން ޙައްލު ހޯދުމުގެ ބަދަލުގައި ފޮރުވައި ރައްކައުކޮށްގެން ތިބެނީއެވެ.

ތަފާސް ހިސާބުތަކަށް ބަލާއިރު ގެވެށި އަނިޔާގެ މައްސަލަތައް ހުށަހެޅުން އިތުރު ނަމަވެސް އަދިވެސް އަޅުގަނޑުމެންގެ ސަޤާފަތަކީ ޢާއިލީ ކަންކަމާ އެހެން މީހުން ބެހުމުގެ ފުރުޞަތު ނުދީ ގެވެށި އަނިޔާގެ ޝިކާރަވެރިންގެ ގޮތުގައި އެތައް ބަޔަކު ނިކަމެތި ކަމުގައި ބޭތިއްބުމެވެ. ގެވެށި އަނިޔާއިން ޝިކާރަވެރިން ސަލާމަތް ކުރުމުގެ ބަދަލުގައި އެފަދަ ކަންކަން ހުތުރު ކަންކަމުގެ ގޮތުގައި ފޮރުވައި ސިއްރުކޮށްފައި ބޭއްވުމެވެ. ނަތީޖާ އަކަށް ވެގެންދަނީ އެތައް ބަޔަކު ދިރިއުޅުންމަތިން ފޫހިވެ މާޔޫސް ކަންމަތީގައި ދުވަސްތައް ވޭތު ކުރަންޖެހުމެވެ. ގެވެށި އަނިޔާއިން ލިބޭ އަނިޔާއަށް ކެތް ނުކުރެވި މަދުން ނަމަވެސް މި ދުނިޔެއާއި ބައެއް މީހުންނަށް އަލްވަދާޢު ކިޔަން ޖެހިފައި އެބަހުއްޓެވެ.

އެހެންކަމުން މިއަދު އަޅުގަނޑުމެން އެންމެން އަތާ އަތް ގުޅާލައި، ފިސާރި ސަމާލުވެ ތިބެގެން ގަދަ ހިތްވަރާއެކު މަސައްކަތް ކޮށް، ދިވެހި މުޖުތަމަޢުން ގެވެށި އަނިޔާގެ ނުރައްކާ ނައްތާލަން މަސައްކަތް ކުރަން މިވަނީ ޖެހިފައެވެ. ޅަދަރިންނާއި ފުރާއަރުގެ ކުދިންނާއި ޒުވާނުންނާއި ހަރު މިހުންނާއި ދުވަސްވީ މީހުން ގެވެށި އަނިޔާއިން ސަލާމަތްކޮށް އުފާ ފާގަތިކަން ގެނެސް ދިނުމަށް ގުޅިގެން މަސައްކަތް ކުރުން އިތުރު ކުރަން ވަނީ ޖެހިފައެވެ. ގެވެށި އަނިޔާގެ މައްސަލަތަކަކީ ފޮރުވައި ރައްކައުކުރެވޭ ނުވަތަ ޢާއިލީ ކަރާމާތް ގެއްލިދާފަދަ މައްސަލަތަކެއްގެ ގޮތުގައި ނުދެކި އެއީ ބަޔަކު އަނިޔާގެ ޝިކާރައިން ސަލާމަތްކޮށް ފާގަތި ދިރިއުޅުމަކަށް ކޮށްދެވޭ ހެޔޮ ކަމެއްގެ ގޮތުގައި ދެކިގެން ގެވެށި އަނިޔާ ހުއްޓުވަން މަސައްކަތްކުރަަމާތޯއެވެ.

Rate this post