ފީފާ ވޯލްޑްކަޕް 2018: ބްރެޒިލް – ކޮސްޓަރީކާ

ދުނިޔޭގައި އަދިވެސް ވޯލްޑްކަޕުގެ ރަސްގެފާނުގެ ގޮތުގައި ގިނަބަޔަކުދެކޭ ބްރެޒިލްއަކީ މިފަހަރުގެ މުބާރާތުގެ ފޭވަރިޓެކެވެ. މޮޅެތި ޒުވާން ތަރިންތަކެއް ހިމެނޭ ބްރެޒިލް މިއަދުގެ މެޗަށް ކޮސްޓަރީކާއާ ދެކޮޅަށް ނިކުންނައިރު މުބާރާތުގެ ފުރަތަމަ މެޗުގައި އެޓީމު  ވަނީ ސްވިޓްޒަލޭންޑް އާ ވާދަކޮށް 1-1 ގެ ނަތީޖައިން އެއްވަރުވެފަ އެެވެ. އެހެން ކަމުން މިއަދުގެ މެޗުން މޮޅުވުމަކީ ބްރެޒިލްގެ ޓީމުން ކުރާނެ އެންމެ ބޮޑު އުންމީދެވެ. ކޮސްޓަރީކާއަތުން މޮޅެއް ހޯދިއްޖެނަމަ ބްރެޒިލް އަށް އަނެއްކާ ވެސް ހަމަޖެހުމެއް ލިބިގެންދާނެ އެވެ. އުންމީދު އާވާނެއެވެ.

މި މެޗުގެ ކުރިން އޮތް ފަރިތަކުރުމެއްގައި ބްރެޒިލްގެ ތަރި ނޭމާ އަށް އަނިޔާވެފައިވީ ނަމަވެސް އޭނާ މިހާރު ހުރީ ފިޓް ކޮށެވެ. އެހެން ކަމުން ނޭމާ މިއަދުގެ މެޗުގައި ކުޅޭނެކަމަށް ކޯޗުވަނީ ޔަގީންކަންދީފައެވެ. މިއަދުގެ މެޗަށް ނިކުންނައިރު ބްރެޒިލްގައި އަނިޔާގެ މައްސަލަ ކޮންމެވެސްވަރަކަށް އުޅެއެވެ. އެގޮތުން ކުރިން މެޗުގައި އަނިޔާވި ޑިފެންޑަރ ޑެނީލޯ އަށް މިއަދުގެ މެޗުގައި ނުކުޅެވޭނެ އެވެ.

އިޝްތިހާރު ބައިވެރވާ ފޯމު ފުރުމަށް މިތަނަށ ފިތާލާ

ކޮސްޓަރީކާއަށް ބަލާއިރު، މުބާރާތުގައި ކުޅުނު ފުރަތަމަ މެޗުން އެޓީމު ވަނީ ސާބިއާ އަތުން ބަލިވެފައެވެ. އެހެން ކަމުން މިއަދު މެޗުން ބްރެޒިލް އަތުން ބަލިވެއްޖެނަމަ، ކޮސްޓަ ރީކާ މުބާރާތާ ވަކިވާންޖެހޭނެއެވެ. އެހެން ނަމަވެސް ކޮސްޓަރީކާގެ އުންމީދަކީ މިއަދުގެ މެޗުން މޮޅުވެ އިތުރު ހަރުފަތަކަށް ދިއުމެވެ.

މިއީ ކޮސްޓަ ރީކާ އާއި ބްރެޒިލް ވޯލްްޑް ކަޕްގައި ވާދަކުރާ ތިން ވަނަ ފަހަރެވެ. މީގެ ކުރިން މި ދެ ޓީމު ބައްދަލުކުރި ދެ މެޗު ވެސް ކާމިޔާބުކުރީ ބްރެޒިލް އެވެ. ކޮސްޓަ ރީކާ އާއި ބްރެޒިލް މިހާތަނަށް 10 ފަހަރު ބައްދަލުކޮށްފައިވާއިރު، ކޮސްޓަ ރީކާ މޮޅުވީ އެންމެ ފަހަރަކު އެވެ. އެއީ 1960 ވަނަ އަހަރު ކުޅުނު އެކުވެރިކަމުގެ މެޗަކުންނެވެ.

ކޮސްޓަރިކާ

މެދުތެރޭ އެމެރިކާއަށް ނިސްބަތްވާ ކުޑަ ގައުމު ކޮސްޓަރީކާ ވަނީ އެންމެ ފަހުން ބޭއްވި ވޯލްޑްކަޕުގެ ކްއާޓާ ފައިނަލަށް ދަތުރު ކޮށްފަ އެވެ. ކްއަޓާ ފައިނަލުގައި އެ ޓީމު ބަލިވީ ޕެނަލްޓީ ޖަހައިގެން ހޮލެންޑް އަތުންނެވެ. މިއީ ކޮސްޓަރިކާގެ ފަސް ވަނަ ވޯލްޑްކަޕެވެ. އާބާދީގައި ފަސް މިލިއަން މީހުން ހިމެނޭ ކޮސްޓަރިކާއަށް އެންމެ ފަހުން ބޭއްވި ވޯލްޑްކަޕަކީ ތާރީހީ ވޯލްޑްކަޕެކެވެ. ވޯލްޑްކަޕުގެ ދެ ޗެމްޕިއަނުން ކަމަށްވާ، ވަރުގަދަ އިޓަލީ އާއި އުރުގުއޭ ފަހަތަށް ޖައްސާލުމަށްފަހު ގުރޫޕް ’ޑީ‘ ގެ އެއް ވަނަ ހޯދި އެވެ.

ބްރެޒިލް

ބްރެޒިލް އަކީ ވޯލްޑް ކަޕްގެ ތާރީހުގައި އެންމެ ކާމިޔާބު ގައުމެވެ. މިހާތަނަށް ބޭއްވި ހުރިހާ ވޯލްޑް ކަޕެއްގައި ވާދަކުރުމުގެ ހަމައެކަނި ޝަރަފު އޮތީ ވެސް ބްރެޒިލް އަށެވެ.މި މުބާރާތް އެންމެ ގިނަ ފަހަރު ކާމިޔާބުކޮށްފައި ވަނީ ވެސް އެ ގައުމެވެ. އެގޮތުން 1958، 1962، 1970 ،1994 އަދި 2002ގެ ތަށި އުފުލައިލި އެވެ.

ބްރެޒިލް އަކީ ފުޓްބޯޅަ އަށް މަރުދޭ ގައުމެކެވެ. ފުޓްބޯޅަ އަކީ ބްރެޒިލްގެ ރައްޔިތުންގެ ދިރިއުޅުމާ ގުޅިފައިވާ، ގައުމީ ކުޅިވަރެވެ. އަބަދުވެސް ދުނިޔޭގެ ފެންވަރުގެ މޮޅެތި ކުޅުންތެރިން އެ ގައުމުން އުފެދެ އެވެ.

ނަމަވެސް 2002 ވަނަ އަހަރަށް ފަހު ބޭއްވި ތިން ވޯލްޑް ކަޕްގައި ވެސް ބްރެޒިލަށް އުންމީދުކުރި ފެންވަރުގެ ކާމިޔާބެއް ނުލިބެ އެވެ. އަމިއްލަ ގައުމުގައި 2014 ގައި އޮތް މުބާރާތަށް ފޮނި އުންމީދަކާ އެކު ނިކުތް ނަމަވެސް، ސެމީ ފައިނަލްގައި ޖަރުމަން އަތުން ބަލިވީ 7-1 ގެ ތަފާތު ބޮޑު ނަތީޖާއަކުންނެވެ. މިއީ ބްރެޒިލްގެ ފުޓްބޯޅައިގެ ތާރީހުގައި ވެސް ކުރިމަތިލާން ޖެހުނު އެންމެ ލަދުވެތި ނަތީޖާ އެވެ.

ކޮސްޓަރީކާ އަދި ބްރެޒިލް ބައްދަލުކުރާ މެޗު ފަށާނީ ރާއްޖޭ ގަޑިން މިއަދު ހަވީރު 17:00 ގައެވެ.

 

 

މިލިޔުން ކިޔާލުމުން

ވައިބަރ ޗެނަލަށް ވަންނަވާ
އިޝްތިހާރު

ޚިޔާލު ފާޅުކުރައްވާ


ގުޅުން ހުރި ލިޔުންތައް

Below Comments Ad
Back to top button
Close

Ad blocker Detected ! ފޮޓޯ ބްލޮކް ކުރާއެއް ފެނިއްޖެ

ތިޔަ ޑިވައިސްގައި ފޮޓޯ ބްލޮކް ކުރާ ސޮފްޓްވެއަރ/އެޕް އެއް އަޅާފައި އެބަހުއްޓެވެ. އެހެންކަމުން މިވެބްސައިޓްގައިވާ ފޮޓޯތައް ނުފެނުން އެކަށީގެންވެއެވެ. ފޮޓޯތައް ފެންނަ ގޮތަށް ވަނުމަށްޓަކައި ފޮޓޯ ބްލޮކް ކުރާ (އެޑް ބްލޮކަރ) އޮފކޮށްލައްވާށެވެ.