
ފީފާ ވޯލްޑްކަޕް 2018: ޑެންމާކް އަދި އޮސްޓްރޭލިއާ ބައްދަލުކުރާ މެޗަށް ބަލާލުމެއް
ރަޝިއާގައި މިހާރު ކުރިޔަށްދާ ފީފާ ވޯލްޑް ކަޕްގައި މިރޭ އޮސްޓްރޭލިއާ އަދި ޑެންމާކު ބައްދަލުކުރާ މެޗަކީވެސް ފޯރި ކުޑަ މެޗަކަށް ނުވާނެއެވެ. ދެ ޓީމުވެސް މިރޭ މެޗަށް ނިކުންނައިރު، ކޮންމެ ޓީމަކުންވެސް މިހާތަނަށް ވަނީ އެއްމެޗު ކުޅެފައެވެ. އެގޮތުން ޑެންމާކް ޕެރޫއަތުން މޮޅެއް ހޯދާފައިވާއިރު އޮސްޓްރޭލިއާ ވަނީ ފްރާންސްއަތުން ބަލިވެފައެވެ. އެހެން ކަމުން ދެވަނަ ބުރަށް ދާން ބޭނުންނަމަ މިއަދުގެ މެޗުން އޮސްޓޭލިއާއަށް ޑެންމާކް ބަލިކުރުން މަޖުބޫރެވެ. އެޓީމަށް ޑެންމާކްއަތުން މޮޅު ނުވެ ބަލިވެއްޖެނަމަ ދެވަނަ ބުރުގެ ފުރުސަތު ގެއްލޭނެއެވެ. އަދި ޑެންމާކަށް ދެވަނަ ބުރުޔަގީންވާނެއެވެ.
ޑެެންމާކް ،
ފީފާ ރޭންކިންގެ 12 ވަނާގައި މިވަގުތު އޮތް ޑެންމާކުގެ ގައުމީޓީމަށް ބަލާއިރު، ފީފާ ވޯލްޑް ކަޕަށް އެންމެ ފުރަތަމަ ކޮލިފައިވީ 1986 ވަނަ އަހަރުއެވެ. އެ އަހަރު މެކްސިކޯގައި އޮތް ވޯލްޑް ކަޕްގެ ގަދަ 16ގެ ބުރަށް ޑެންމާކް ކޮލިފައިވި އެވެ.
އޭގެ ފަހުން 1998، 2002 އަދި 2010 ވަނަ އަހަރުގެ ވޯލްޑް ކަޕްގައި ޑެންމާކް ވާދަކުރިއެވެ. އެގޮތުން 1998ވަނަ އަހަރުގެ މުބާރާތުގެ ކުއާޓާ ފައިނަލްގައި ޑެންމާކް ވަނީ ދަތުރުކޮށްފައެވެ.
މިއީ ޑެންމާކްގެ ފަސް ވަނަ ވޯލްޑް ކަޕެވެ. ރަނގަޅު ކުޅުންތެރިންތަކެއް އުފެއްދި ނަމަވެސް، ޑެންމާކަކީ ގަވައިދުން ވޯލްޑް ކަޕަށް ކޮލިފައިވާ ޤައުމެއް ނޫނެވެ. އެކަމަކު ކޮލިފައިންގައި އެ ޤައުމަކީ އަބަދު ވެސް ރަނގަޅު ވާދައެއް ކުރާ ޤައުމެކެވެ.
ޑެންމާކް މީގެ ކުރިން ވޯލްޑް ކަޕްގައި ވާދަކުރި ހަތަރު ފަހަރުގެ ތެރެއިން، ތިން ފަހަރު ވަނީ ދެވަނަ ބުރަށް ދަތުރުކޮށްފައެވެ.
ޑެންމާކުގެ މުހިންމު ކުޅުންތެރިންނަށް ބަލާއިރު އެންމެ ފަހުން ޕެރޫއާ ދެކޮޅަށް ކުލުނު މެޗުގައި މޮޅުކުޅުންތެރިޔާގެ މަގާމު ހޯދި ގޯލްކީޕަރު ކޭސްޕާ ސްމައިކަލް ފާހަގަކޮށްލެވެއެވެ. ފުރަތަމަ މެޗުން ޑެންމާކް ސަލާމަތްކޮށްދިނީ އޭނާކަމުގައި ބުނުކަމުން ދޮގަކަށް ނުވާނެއެވެ. ނުރައްކާ އެތަކަެއް ހަމަލާތަކެއް ވަނީ ހުޝިޔާރުމަކާއެކު ދިފާއުކޮށްފައެވެ. މިއަދުގެ މެޗުގައި އޭނާގެ ދައުރު ބޮޑުވާނެކަމަށް ބެލެވެއެވެ. ދެވަނަ އެންމެ ފާހަގަކޮށްލެވޭ ކުޅުންތެރިއަކީ ކްރިސްޓިއަން އެރިކްސަންއެވެ.
ޓޮޓެންހަމް ހޮޓްސްޕާ އަށް ކުޅެމުންދާ ކްރިސްޓިއަން އެރިކްސަން އަކީ ޑެންމާކްގެ އެންމެ މުހިންމު އެއް ކުޅުންތެރިޔާ އެވެ. އަޔަކްސް އިން ޔޫރަޕްގައި ވިދާލި އެރިކްސަން ޓޮޓެންހަމް އަށް ބަދަލުވީ 2012 ވަނަ އަހަރެވެ. އަދި އިނގިރޭސި ޕްރިމިއާ ލީގުގައި އޭނާ ވަނީ ފެންވަރު ދައްކާލައިފަ އެވެ.
އޮސްޓްރޭލިއާ
އެނެމް ފަހުން ފްރާންސްއާ ދެކޮޅަށް ކުޅުނު މެޗުގައި އޮސްޓޭލިއާއިން ވަނީ ރަނގަޅުކުޅުމެއް ދައްކާފައެވެ. ޚާއްޞަކޮށް ޔޫރަޕްގެ ގިނަތަރިންތަކެއްގެ މައްޗަށް އެކުލެވޭ ވަރުގަދަ ފްރާންސްއަށް ވަނީ އޮސްޓްރޭލިއާގެ ޑިފެންސް ފޫއަޅުވާލަން ނުކުޅެދިފައެވެ. ފްރާންސްއަށް އެމުގައި ހަމަ އެކަނި އޮސްޓްރޭލިއާގެ ގޯލަށް ވައްދާލެވުނީ އެއްމެ ލަނޑެއް ޕެނަލްޓީއަކުންނެވެ. ދެވަނަ ލަނޑަކީ އޮސްްޓްރޭލިއާގެ ކުޅުންތެރިންގެ އަތުން ބައިކޮޅަށް ވަތް ލަނޑެކެވެ.
އޮސްޓްރޭލިއާ އަކީ 2006 އިން ފެށިގެން ގަވައިދުން ވޯލްޑް ކަޕްގައި ވާދަކުރަމުންއަންނަ ގައުމެކެއެެވެ. އެ އަހަރުގެ ކުރިން އޮސްޓްރޭލިއާ ވޯލްޑް ކަޕްގައި ވާދަކުރީ ހަމައެކަނި 1974 ގެ މުބާރާތުގަ އެވެ. އޮސްޓްރޭލިއާ އަށް ވޯލްޑް ކަޕެއްގައި މިހާތަނަށް ލިބުނު އެންމެ ރަނގަޅު ނަތީޖާއަކީ 2006 ގައި ދެ ވަނަ ބުރަށް ދިއުމެވެ. އޮސްޓްރޭލިއާ އިން ވަނީ 2015 ގައި އަމިއްލަ ގައުމުގައި އޮތް އޭޝިއަން ކަޕް ކާމިޔާބުކޮށްފަ އެެވެ.
މިއަދުގެ މެޗުގައި އޮސްޓްރޭލިއާގެ މައިތަނބަކީ ޓިމް ކޭހިލްއެވެ. މިއީ އޮސްޓްރޭލިއާގެ ގައުމީ ޓީމަށް މިހާތަނަށް އެންމެ ގިނަ ލަނޑު ޖެހި ކުޅުންތެރިޔާ އެވެ. މަސައްކަތުގެ ރޭޓު ރަނގަޅު ކުޅުންތެރިއެއްގެ ގޮތުގައި ފާހަގަކުރެވިފައިވާ ކޭހިލް ،38، އަކީ ވޯލްޑް ކަޕެއްގައި ލަނޑު ޖެހި އޮސްޓްރޭލިއާގެ ފުރަަތަމަ ކުޅުންތެރިޔާ ވެސް މެ އެވެ. ތިން ވޯލްޑް ކަޕްގައި ކުޅެ، އޭނާ ވަނީ ފަސް ލަނޑު ޖަހައިފަ އެވެ. ކުރިން އެވަޓަން އާއި ނިއު ޔޯކް ރެޑްބުލްސް އަށް ކުޅުނު ކޭހިލް މި ވަގުތު ހުރީ ކްލަބެއް ނެތި އެވެ. އެކަމަކު އޭނާ އަކީ އޮސްޓްރޭލިއާގެ ގައުމީ ޓީމަށް ވަރަށް މުހިންމު ކުޅުންތެރިއެކެވެ.
އޮސްޓްރޭލިއާ އަދި ޑެންމާކުގެ ބައްދަލުކުރުންތަށް
ޑެންމާކް އަދި އޮސްޓްރޭލިއާ މިހާތަނަށް ވާދަވެރި އެއްވެސް މުބާރާތެއްގައި ބައްދަލުކޮށްފައެއް ނުވެއެވެ. އެހެން ނަމަވެސް އެކުވެރިކަމުގެ 3 މެޗެއްވަނީ ކުޅެފައެވެ. މި މެޗުތަކުގެ ނަތީޖާތަކަށް ބަލާއިރު 2 މެޗުން ޑެންމާކް މޮޅުވެފައިވާއިރު، އޮސްޓޭލިއާއަށް މޮޅުވެވިފައިވަނީ އެންމެ މެޗަކުންނެވެ.
އޮސްޓްރޭލިއާ އަދި ޑެންމާކް ބައްދަލުކުރާ މެޗު ފަށާނީ ރާއްޖޭ ގަޑިން ހަވީރު 5:00 ގައެވެ.



