ކްރިސްޓިއާނޯ ރޮނާލްޑޯގެ ގޯލުން މޮރޮކޯގެ މައްޗަށް ކުރި ހޯދައި ވޯލްޑް ކަޕްގެ ދެވަނަ ބުރުގެ ފުރުސަތު ޕޯޗުގަލް އިން ބޮޑުކޮށްފިއެވެ.
މިރޭ މޮރޮކޯއާ ދެކޮޅަށް ކުޅުނު މެޗުން ޕޯޗުގަލް މޮޅުވެފައިވަނީ 0-1 ގެ ނަތީޖާއިންނެވެ.
މިއަދު ހަވީރު ކުޅުނު މި މެޗުގެ ފެށިގެން މާ ގިނައިރުތަކެއް ނުވަނީސް ޕޯސުގަލްއިން ވަނީ ގޯލެއް ކާމިޔާބުކޮށް މެޗުގެ ލީޑުނަގާފައެވެ. ހަތަރުވަނަ މިނެޓްގައި މި ގޯލް ޕޯޗުގަލްއަށް ކާމިޔާބުކޮށްދިނީ ކެޕްޓަން ކްރިސްޓިއާނޯ ރޮނާލްޑޯއެވެ. މި ގޯލު ރޮނާލްޑޯ ކާމިޔާބުކޮށްދިނީ މޮރޮކޯގެ ޕެނަލްޓީއޭރިއާ ތެރޭ ހުރެ ބޮލުން ފޮނުވާލި ބާރު ހަމަލާއަކުންނެވެ. މިއީ މިފަހަރުގެ ވޯލްޑް ކަޕްގައި ރޮނާލްޑޯ ކާމިޔާބުކުރި ހަތަރުވަނަ ގޯލެވެ.
މި ގޯލާއެކު ރޮނާލްޑޯ ވަނީ ޔޫރަޕްގެ ކުޅުންތެރިއަކު ގައުމީ ޓީމަކަށް އެންމެ ގިނަ ގޯލު ކާމިޔާބުކޮށްދީގެން ހަދާފައިވާ ރެކޯޑު ވެސް މުގުރާލާފައެވެ. މި ރެކޯޑު މީގެކުރިން އޮތީ ހަންގޭރީގެ ކުރީގެ ފުޓްބޯޅަ ތަރި ފެރެންކް ޕުސްކާސްގެ އަތުގައެވެ. އޭނާ މި ރެކޯޑު ހެދީ ހަންގޭރީގެ ގައުމީ ޓީމަށް 84 ގޯލު ކާމިޔާބުކޮށްދީގެންނެވެ. ރޮނާލްޑޯ މިއަދުގެ މެޗުގައި ކާމިޔާބުކުރި ގޯލާއެކު ޕޯޗުގަލްގެ ގައުމީ ޓީމަށް އޭނާ ކާމިޔާބުކޮށްދިން ގޯލުގެ އަދަދު ވަނީ 85 އަށް އަރާފައެވެ.
ފުރަތަމަ ހާފް ނިމުމުގެ ކުރިން ޕޯޗުގަލްގެ ލީޑު ފުޅާކޮށްލަން އެޓީމުގެ ގުއެޑޭސް އަށް ރަނގަޅު ފުރުސަތެއް ލިބުނު ނަމަވެސް އޭނާ ފޮނުވާލި އެ ހަމަލާ މޮރޮކޯގެ ކީޕަރު މުނީރް ވަނީ ދިފާއުކޮށްފައެވެ.
ލީޑު ފުޅާކޮށްލަން ޕޯޗުގަލް އަށް ފުރުސަތުތަކެއް ލިބުނުއިރު ނަތީޖާ އެއްވަރުކޮށްލަން މޮރޮކޯ އަށް ވެސް ވަނީ ގިނަ ފުރުސަތުތަކެއް މި މެޗުގައި ލިބިގެން ގޮސްފައެވެ. އެގޮތުން މޮރޮކޯ ޓީމުގެ ބެލްހަންޑާ ފޮނުވާލި ނުރައްކާތެރި ދެ ހަމަލާއެއް މި މެޗުގައި މޮޅު ކުޅުމެއް ދެއްކި ޕޯޗުގަލްގެ ކީޕަރު ރުއީ ޕެޓްރީސިއޯ ވަނީ ދިފާއުކޮށްފައެވެ.
މޮރޮކޯއަތުން މޮޅުވެ ދެވަނަ ބުރުގެ ފުރުސަތު ޕޯޗުގަލް އިން ބޮޑުކޮށްފައިވާއިރު ގްރޫޕް ސްޓޭޖުގެ ފަހު މެޗުގައި އެޓީމު ނިކުންނާނީ އީރާންއާ ދެކޮޅަށެވެ. މޮރޮކޯ ނިކުންނާނީ ސްޕެއިންއާ ދެކޮޅަށެވެ.
މިރޭގެ މޮޅާއެކު ޕޯޗުގަލް މިހާރު އޮތީ ގްރޫޕް ބީގެ އެއްވަނައިގައި ހަތަރު ޕޮއިންޓާއެކުއެވެ. ދެވަނައިގައި ޕޯޗުގަލް އަށް ވުރެ އެއް މެޗު މަދުންކުޅެ ތިން ޕޮއިންޓާއެކު އީރާން އޮތްއިރު މި ގްރޫޕްގެ ތިންވަނައިގައި އެއް ޕޮއިންޓާއެކު އޮތީ ސްޕެއިންއެވެ. ގްރޫޕްގެ ފުލުގައި މިހާތަނަށް ކުޅުނު ދެ މެޗުން ވެސް ބަލިވެ ޕޮއިންޓެއް ނުލިބި އޮތީ މޮރޮކޯއެވެ. އެޓީމު މިހާރު ވަނީ މުބާރާތުން ކަޓާފައެވެ. މި ގްރޫޕްގައި މިރޭ އީރާން އާއި ސްޕެއިން ބައްދަލުކުރާނެއެވެ.