
ފީފާ ވޯލްޑްކަޕް 2018: ސްޕެއިން އަދި އީރާން ބައްދަލުކުރާ މެޗަށް ބަލާލުމެއް
ގްރޫޕް ބީގައި ހިމެނޭ ސްޕެއިން އަދި އީރާން މިރޭ ބައްދަލުކުރާ މެޗަކީ ވެސް ތަފާތު އަދި ފޯރިގަދަވާނެއެވެ. މި ދެޓީމަކީ ފުޓްބޯޅައިގެ ފެންވަރަށް ބަލާއިރު ވަރަށް ތަފާތު ދެޓީމެވެ. ސްޕެއިން ޓީމުގައި ތިބީ ހުސް ތަރިންނެވެ. އެހެން ނަމަވެސް އިރާންގައި ތިބީ ސްޕެއިންގެ ކުޅުންތެރިންނާއި އަޅާބަލާއިރު އާދައިގެ ކުޅުންތެރިންނެވެ. ކޮންމެއަކަސް މިރޭގެ މި މެޗަކީ ދެޓީމައްވެސް އިންތިހާއަށް މުހިންމު މެޗެކެވެ. މުބާރާތުގައި އިތުރަށް ކުރިޔަށް ދިއުމަށް ކޮންމެ ޓީމަކަށްވެސް މޮޅުވުން މުހިންމެވެ. މިރޭގެ މެޗަށް ނިކުންނައިރު ދެޓީމުވެސް މިހާތަނަށް ވަނީ އެއް މެޗު ކުޅެފައެވެ. އެގޮތުން އިރާން މޮރޮކޯއަތުން މޮޅުވެފައިވާއިރު، ސްޕެއިން ވަނީ ޕޯޗުގަލްއާ ދެކޮޅަށް ކުޅުނު މެޗު އެއްވަރުވެފައެވެ.
ސްޕެއިން ޓީމް
ފީފާ ރޭންކިންގެ 4 ވަނާގައި މިވަގުތު އޮތް ސްޕެއިން އަކީ ފުޓްބޯޅައިގައި ވަރުގަދަ ބާރެކެވެ. ވަރުގަދަ ލީގަކާއި، ހުނަރުވެރި ކުޅުންތެރިންތަކެއް ސްޕެއިން އިން ނެރުނު ނަމަވެސް، 2010 ވަނަ އަހަރުގެ ކުރިން ވޯލްޑް ކަޕްގައި އެ ޤައުމުން އުންމީދުކުރި ވަރުގެ ކާމިޔާބެއް ނުލިބެ އެވެ.
ސްޕެއިން އެންމެ ފުރަތަމަ ވޯލްޑް ކަޕްގައި ވާދަކުރީ 1934 ވަނަ އަހަރެވެ. އަދި އޭގެ ފަހުން 1950 ވަނަ އަހަރުގެ ވޯލްޑް ކަޕްގައި ވާދަކޮށް، މުބާރާތުގެ ހަތަރު ވަނަ ހޯދި އެވެ.
ސްޕެއިން އިން ވަނީ 1978 ވަނަ އަހަރުން ފެށިގެން މިހާތަނަށް ބޭއްވި ހުރިހާ ވޯލްޑް ކަޕަކަށް ކޮލިފައިވެފަ އެވެ. މި މުއްދަތުގެ ތެރޭގައި 2010 ވަނަ އަހަރު ކުރިން އެ ޤައުމަށް ވޯލްޑް ކަޕްގައި އެންމެ ކުރިއަށް ދެވުނީ ކުއާޓާ ފައިނަލާ ހަމައަށެވެ.
އެކަމަކު 2008 ވަނަ އަހަރުގެ ޔޫރޯ ސްޕެއިން އިން ކާމިޔާބުކުރުމުން، ވޯލްޑް ކަޕް ކާމިޔާބުކުރުމަށް އެ ޤައުމުން ކުރަމުންދިޔަ އުންމީދު އާވި އެވެ. ސްޕެއިންގެ ”ގޯލްޑަން ޖެނަރޭޝަން“ގެ ގޮތުގައި މަޝްހޫރުވި ޓީމާއެކު، ސްޕެއިން އިން ފުޓްބޯޅައިގައި ޒަމާނީ ސިސްޓަމެއް ތައާރަފްކުރި އެވެ.
އެ ބިންގަލުގެ މަތީގައި، ސްޕެއިން އިން ވަނީ 2010 ވަނަ އަހަރު ދެކުނު އެފްރިކާގައި އޮތް ވޯލްޑް ކަޕްގެ ތަށި އުފުލާލައިފަ އެވެ. މިއީ ސްޕެއިންގެ ފުޓްބޯޅައިގެ ތާރީހުގައި މިހާތަނަށް ލިބުނު އެންމެ ބޮޑު ކާމިޔާބެވެ.
އެކަމަކު 2014 ވަނަ އަހަރުގެ ވޯލްޑް ކަޕްގައި ސްޕެއިން ވަނީ ފުރަތަމަ ބުރުން ކަޓައިފަ އެވެ. ވޯލްޑް ކަޕް 2010 ވަނަ އަހަރު އަދި ޔޫރޯ 2012 ވަނަ އަހަރު ކާމިޔާބުކުރި ޓީމުގައި ހިމެނޭ ގިނަ ކުޅުންތެރިންތަކެއް 2014 ވަނަ އަހަރު ވޯލްޑް ކަޕްގައި ކުޅުނު ނަމަވެސް، ސްޕެއިން އަށް ތަފާތު ދެއްކޭ ގޮތެއްނުވި އެވެ. ސްޕެއިންގެ ޓީމަށް ބަދަލުތަކެއް ގެންނަންޖެހޭކަން އެ މުބާރާތުން ސާބިވުވި އެވެ.
އީރާން ޓީމް
އޭޝިއާގެ ވަރުގަދަ ބާރެއް ކަމަށްވާ އީރާނަކީ ވޯލްޑް ކަޕަށް އާ ޤައުމެއް ނޫނެވެ. މިހާތަނަށް ހަތަރު ފަހަރު އީރާން ވަނީ ވޯލްޑް ކަޕްގައި ވާދަކޮށްފަ އެވެ.
އޭޝިއާގެ މަޝްހޫރު ކުޅުންތެރިން ކަމަށްވާ އަލީ ކަރީމީ އާއި އަދި މަހްދީ މެހްދެވިކިޔާ އަދި އަލީދާއީ ފަދަ ކުޅުންތެރިން ނިސްބަތްވާ އީރާން އެންމެ ފުރަތަމަ ވޯލްޑް ކަޕް ކުޅުނީ 1978 ވަނަ އަހަރެވެ. އެކަމަކު އެ އަހަރުގެ މުބާރާތް އީރާން ނިންމާލީ އެންމެ ޕޮއިންޓަކާއެކު އެވެ.
އޭގެ ފަހުން އީރާން ކޮލިފައިވީ 1998 ވަނަ އަހަރު ފްރާންސްގައި އޮތް ވޯލްޑް ކަޕަށެވެ. އެ މުބާރާތުން ވެސް އީރާން ކެޓީ ގުރޫޕް ސްޓޭޖުންނެވެ. އެކަމަކު ގުރޫޕް ސްޓޭޖުގައި އީރާން ވަނީ ވޯލްޑް ކަޕްގައި ފުރަތަމަ ފަހަރަށް މެޗަކުން މޮޅުވެފަ އެވެ. ގުރޫޕް ސްޓޭޖުގައި އެމެރިކާ އަތުން އީރާން މޮޅުވުމަކީ، ދެ ޤައުމުގެ ދެމެދުގައި އޭރު އޮތް ދާހިލީ މައްސަލަތަކާއެކު އީރާން އިން ބޮޑު ކާމިޔާބެއްގެ ގޮތުގައި ފާހަގަކުރި ކަމެކެވެ.
ޖަރުމަންގައި 2006 ވަނަ އަހަރު އޮތް ވޯލްޑް ކަޕަށް އީރާން ނުކުތީ ފޮނި އުންމީދުތަކާއެކު އެވެ. އެކަމަކު އެ މުބާރާތުގެ ގުރޫޕް ސްޓޭޖުން ވެސް އީރާން ކެޓީ އެންމެ ޕޮއިންޓަކާއެކު އެވެ.
ޤައުމުން ބޭރުގައި އުޅޭ އީރާން ދަރިކޮޅު ކުޅުންތެރިންނަށް ޤައުމީ ޓީމުން ފުރުސަތު ދީ، އީރާން އިން 2014 ވަނަ އަހަރުގެ ވޯލްޑް ކަޕަށް ކުރިމަތިލީ ރަނގަޅު ސްކޮޑަކާއެކު އެވެ. އެކަމަކު އެ މުބާރާތުގެ ގުރޫޕް ސްޓޭޖުން ވެސް އީރާން ކެޓީ އެންމެ ޕޮއިންޓަކާޢެކު އެވެ.
އީރާން އަދި ސްޕެއިންގެ ބައްދަލުވުންތަކަށް ބަލާއިރު މިހާތަނަށް ވާދަވެރި އެއްވެސް މުބާރާތެއްގައި އަދި އެކުވެރިކަމުގެ މެޗެއްގައިވެސް މި ދެޓީމު ބައްދަލުކޮށްފައެއް ނުވެއެވެ. މިރޭގެ މެޗަކީ މި ދެޓީމުގެ ފުރަތަމަ ކުރިމަތިލުމެވެ.



