
ފީފާ ވޯލްޑްކަޕް 2018: ސްވިޑެން އަދި ދެކުނުކޮރެއާ ބައްދަލުކުރާ މެޗަށް ބަލާލުމެއް
ފީފާ ރޭންކިންގެ 23 ވަނައިގައި މިވަގުތު އޮތް ސްވިޑެން އަކީ ވޯލްޑް ކަޕްގައި މިހާތަނަށް 12 ފަހަރު ވާދަކޮށްފައިވާ ޤައުމެކެވެ. ސްވިޑެން އެންމެ ފުރަތަމަ ވޯލްޑް ކަޕްގައި ވާދަކޮށްފައިވަނީ 1934 ގަ އެވެ.
އަދި އޭގެ ފަހުން ޖެހިޖެހިގެން ދެ ފަހަރު ސްވިޑެން ވޯލްޑް ކަޕަށް ކޮލިފައިވިއިރު، 1938 ވަނަ އަހަރުގެ މުބާރާތުގެ ހަތަރުވަނަ ސްވިޑެން އިން ވަނީ ހޯދާފައެވެ. އަދި 1950 ވަނަ އަހަރު ގައި ބޭއްވި ވޯލްޑް ކަޕްގެ ތިންވަނަ އެޓީމުން ހޯދި އެވެ. ސްވިޑެން ދެން ވޯލްޑް ކަޕަށް ކޮލިފައިވީ 1958 ގެ ވޯލްޑް ކަޕަށެވެ. އެފަހަރު މުބާރާތް ބޭއްވީ ސްވިޑެންގައި ކަމަށްވާއިރު އެ މުބާރާތުގެ ރަނަރަޕްކަން އެޓީމުން ވަނީ ހޯދާފައެވެ. އެއީ ސްވިޑެން އަށް ވޯލްޑް ކަޕްގައި މިހާތަނަށް ލިބުނު އެންމެ ބޮޑު ކާމިޔާބީއަކީވެސް މިއީއެވެ.
ސްވިޑެން އެންމެފަހުން ވޯލްޑް ކަޕެއްގައި ވާދަކުރީ 2006 ވަނަ އަހަރުއެވެ. އެފަހަރު ސްވިޑެން ވަނީ މުބާރާތުގެ ދެވަނަ ބުރުން ކަޓާފައެވެ.
މިއަދު ކޮރެއާއާ ދެކޮޅަށް ނިކުން ސްވިޑަންގެ މުހިންމު ކުޅުންތެރިންނަށް ބަލާއިރު، އެންމެ ފާހަގަކޮށްލެވެނީ މެންޗެސްޓަރ ޔުނައިޓެޑަށް ކުޅެމުން އަންނަ ލިންޑެލޮފް އެވެ. އޭނާ އަކީ ސްވިޑެންގެ ފަހަތުގައި މުހިއްމު ދައުރެއް އަދާކުރަމުން އަންނަ ހުނަރުވެރި ކުޅުންތެރި އެކެވެ. އެގޮތުން ލިންޑެލޮފްގެ ހުނަރުވެރިކަން ސްވިޑެންގެ ވޯލްޑް ކަޕް ކޮލިފިކޭޝަން މެޗުތަކުގައި ވަނީ ވަރަށް ރަނގަޅަށް ފެނިގެން ގޮސްފައެވެ.
ސްވިޑެންގެ ގައުމީ ޓީމަށް ލިންޑެލޮފް ކުޅެން ފެށީ 2016 ވަނަ އަހަރުއެވެ. ލިންޑެލޮފް ވަނީ އެޓީމަށް މިހާތަނަށް 19 މެޗު ކުޅެދީ އެއް ގޯލު ކާމިޔާބުކޮށްދީފައެވެ.
ލިންޑެލޮޕްގެ އިތުރުން އެމިފް ފޯސްބާގް އަކީ ވެސް ފާހަގަކޮށްލެވޭ ކުޅުންތެރިއެކެވެ. އޭނާ އަކީ ޔޫރަޕްގައި މިވަގުތު ހުރި އެންމެ ހުނަރުވެރި އެއް މިޑްފީލްޑަރެވެ. ފޯސްބާގް އަކީ ސްވިޑެން ވޯލްޑް ކަޕަށް ކޮލިފައިކޮށްދިނުމުގައި ވަރަށް މުހިއްމު ދައުރެއް އަދާކުރި ކުޅުންތެރިއެކެވެ.
ޖަރުމަނުގެ ރެޑްބުލް ލީޕްޒިގް އަށް ކުޅެމުން އަންނަ ފޯސްބާގް ވަނީ ސްވިޑެންގެ ގައުމީ ޓީމަށް މިހާތަނަށް 34 މެޗު ކުޅެދީ ހަ ގޯލު ކާމިޔާބުކޮށްދީފައެވެ
ސްވިޑަންއާއި ދެކޮޅަށް ނިކުންނަ ދެކުނު ކޮރެއާ އަށް ބަލާއިރު، އެޓީމު މިވަގުތު އޮތީ ދުނިޔޭގެ ފީފާ ރޭންކިންގެ 61 ވަނާގައެވެ. ފީފާ ވޯލްޑް ކަޕަށް އެންމެ ފުރަތަމަ ދެކުނު ކޮރެޔާ ކޮލިފައިވީ 1954 ވަނަ އަހަރުއެވެ. އޭގެފަހުން 1986 އިން 1998 ވަނަ އަހަރާ ހަމައަށް ވޯލްޑް ކަޕްގެ ގުރޫޕް ސްޓޭޖުގައި ދެކުނު ކޮރެއާ ވާދަކުރި އެވެ.
ދެކުނު ކޮރެއާ އާއި ޖަޕާންގައި 2002 ވަނަ އަހަރު އޮތް ވޯލްޑް ކަޕަކީ ދެކުނު ކޮރެއާ އަށް އެންމެ ކާމިޔާބު މުބާރާތެވެ. އެ މުބާރާތުގެ ހަތަރު ވަނަ ދެކުނު ކޮރެއާ ހޯދި އެވެ. އަދި 2010 ވަނަ އަހަރުގެ މުބާރާތުގެ ދެވަނަ ބުރަށް ދެކުނު ކޮރެއާ ދަތުރުކުރި އެވެ.
އެންމެ ފަހުން ބްރެޒިލްގައި 2014 ވަނަ އަހަރު އޮތް މުބާރާތް ދެކުނު ކޮރެއާ ނިންމާލީ ގުރޫޕް ސްޓޭޖުންނެވެ.
ދެކުނު ކޮރެއާގެ މުހިންމު ކުޅުންތެރިންނަށް ބަލާއިރު އެޓީމުން އެންމެ ނުރައްކާ ކުޅުންތެރިއަކަށް ބެލެވެނީ ސޮންގް ހިއުންގް މިންއެވެ. ޓޮޓެންހަމް އަށް ކުޅެމުނާ ސޮން އަކީ ދެކުނު ކޮރެއާގެ ޓީމުގައި މި ވަގުތު ހުރި އެންމެ ހުނަރުވެރި އެއް ކުޅުންތެރިޔާ އެވެ. ސޮން ޤައުމީ ޓީމަށް ކުޅެން ފެށީ 2010 ވަނަ އަހަރެވެ.
މި ފަހަރުގެ ވޯލްޑް ކަޕް ކޮލިފައިންގައި ސޮން މުހިއްމު ލަނޑުތަކެއް ސޮން ކާމިޔާބުކުރިއިރު އޭނާ ވަނީ ކޮލިފިކޭޝަންގައި 18 ލަނޑު ޖަހައިފައެވެ. އަދި ސޮން ވަނީ ކޮރެއާ ޓީމަށް މިހާތަނަށް ކުޅުނު 35 މެޗުގައި 28 ލަނޑު ޖަހާފައެވެ.
މިޑްފީލްޑަރު ކޫޗާ ޗިއޮލް އަކީ ވެސް ފާހަގަކޮށްލެވޭ ކުޅުންތެރިއެކެވެ. ދެކުނު ކޮރެއާ ޓީމުގައި މި ވަގުތު ހުރި އެންމެ ތަޖުރިބާކާރު އެއް ކުޅުންތެރިޔަކީވެސް އޭނާއެވެ. ޑޫޖާ ޗިއޮލް މިހާރު ކުޅެމުންދަނީ ޖަރުމަންގެ އޮގްސްބާގަށެވެ.
މި ދެޓީމުގެ ބައްދަލުވުންތަކަށް ބަލާއިރު، އެއްވެސް ވާދަވެރި މުބާރާތެއްގައި މި ދެޓީމު މީގެ ކުރިން ބައްދަލުކޮށްފައެއް ނުވެއެވެ. އެހެން ނަމަވެސް އެކުވެރިކަމުގެ 3 މެޗެއްގައި މި ދެޓީމުވަނީ ބައްދަލުކޮށްފައެވެ. އޭގެތެރެއިން އެއްމެޗުން ސްވިޑަން މޮޅުވިނަމަވެސް އަނެއް ދެމެޗު ވަނީ އެއްވަރުވެފައެވެ.



