
ފީފާ ވޯލްޑްކަޕް 2018: ސާބިއާ އަދި ކޮސްޓަރީކާ ބައްދަލުކުރާ މެޗަށް ބަލާލުމެއް !
ފީފާ ރޭންކިންގެ 25 ވަނާގައި މިވަގުތު އޮތް މެދުތެރޭ އެމެރިކާއަށް ނިސްބަތްވާ ކުޑަ ގައުމު ކޮސްޓަރީކާ އެންމެ ފުރަތަމަ ވޯލްޑްކަޕެއްގައި ވާދަކޮށްފައިވަނީ 1990 ވަނަ އަހަރު ބޭއްވުނު މުބާރާތުގައެވެ. އެ އަހަރު އެމެރިކާގައި އޮތް ވޯލްޑް ކަޕްގެ ގަދަ 16 އަށް އެޓީމު ވަނީ ދަތުރުކޮށްފަ އެވެ.
އޭގެ ފަހުން ކޮސްޓަ ރީކާ ވަނީ 1990، 2002، 2006 އަދި 2014 ވަނަ އަހަރުގެ ވޯލްޑްކަޕްގައި ވާދަކޮށްފަ އެވެ. އެގޮތުން 2014 ވަނަ އަހަރު އެ ޤައުމުން ވަނީ ވޯލްޑް ކަޕްގެ ކުއާޓާ ފައިނަލަށް ދަތުރުކޮށްފަ އެވެ. މިއީ ކޮސްޓަ ރީކާ ވޯލްޑް ކަޕްގައި ވާދަކުރާ 5 ވަނަ ފަހަރެވެ.
އާބާދީގައި ފަސް މިލިއަން މީހުން ހިމެނޭ ކޮސްޓަރިކާއަށް އެންމެ ފަހުން ބޭއްވި ވޯލްޑްކަޕަކީ ތާރީހީ ވޯލްޑްކަޕެކެވެ. ވޯލްޑްކަޕުގެ ދެ ޗެމްޕިއަނުން ކަމަށްވާ، ވަރުގަދަ އިޓަލީ އާއި އުރުގުއޭ ފަހަތަށް ޖައްސާލުމަށްފަހު ގުރޫޕް ’ޑީ‘ ގެ އެއް ވަނަ ހޯދި އެވެ.
ކޮސްޓަރިކާ މިފަހަރުގެ ވޯލްޑްކަޕަށް ކޮލިފައިވީ، އުތުރު އެމެރިކާ އަދި ކެރީބިއަން ސަރހައްދުގެ ދެ ވަނަ ހޯދައިގެންނެވެ. ސަރަހައްދުގެ އެއް ވަނަ ހޯދީ މެކްސިކޯއިންނެވެ.
ކޮސްޓަރިކާގެ މުހިންމު ކުޅުންތެރިންނަށް ބަލާއިރު، އެޓީމުގެ އެންމެ މުހިންމު ކުޅުންތެރިޔަކީ ރެއާލް މެޑްރިޑްގެ ގޯލްކީޕަރު ކޭލޯ ނާވަސް އެވެ. މިދިޔަ ތިން ސީޒަންގައި ރެއާލް މެޑްރިޑް ޗެމްޕިއަންސް ލީގް ހޯދިއިރު ނާވަސް ވަނީ މުހިންމު ދައުރެއް އަދާ ކޮށްފަ އެވެ. އޭނާ އަކީ ކޮސްޓަރިކާގެ މިދިޔަ ދެ އަހަރުގެ އެންމެ މޮޅު ކުޅުންތެރިޔާ އެވެ. މީގެ އިތުރުން އިޓަލީގެ ބޮލޯނިއާ އެފްސީގެ ޑިފެންޑަރު ޖިއާންކާލޯ ގޮންޒާލޭޒް އަކީވެސް ޓީމުގެ މުހިންމު ކުޅުންތެރިޔެކެވެ. އެންމެ ފަހުން ބޭއްވި ވޯލްޑްކަޕުގައި އޭނާ ދެއްކި މޮޅު ކުޅުން ގިނަ ބަޔަކު ފާހަގަ ކުރި އެވެ. މީގެ އިތުރުން ސްޕެއިންގެ ޑިޕޯޓިވޯ ލަކަރޫނިއާގެ މިޑްފީލްޑާ ސެލްސޯ ބޯރްގެސްއަކީ ކޮސްޓަރިކާ ޓީމުގެ މައި މިޑްފީލްޑަރެވެ.
ސާބިއާ ޓީމަށް ބަލާއިރު، ސާބިއާ މިވަގުތު އޮތީ ފީފާ ރޭންކިންގެ 35 ވަނާގައެވެ. ސާބިއާގެ މިނިވަން ދައުލަތެއް ޤާއިމްވުމުގެ ކުރިން ޔޫގޮސްލާވިއާ އަދި ސާބިއާ އެންޑް މޮންޓެނީގްރޯގެ ގޮތުގައި އެ ޤައުމު ވަނީ ވޯލްޑް ކަޕްގައި ޖުމްލަ 12 ފަހަރު ވާދަކޮށްފަ އެވެ.
ޔޫގޮސްލާވިއާގެ ގޮތުގައި އޮތްއިރު، އެ ޤައުމުން ވަނީ 1930 އަދި 1962 ވަނަ އަހަރުގެ ވޯލްޑް ކަޕްގެ ހަތަރު ވަނަ ހޯދާފަ އެވެ. އަދި ވޯލްޑް ކަޕްގައި ގިނަ އަހަރަކު ވާދަކުރި އެވެ. ޔޫގޮސްލާވިއާގެ ނަމުގައި އެންމެ ފަހުން ވޯލްޑް ކަޕްގައި ކުޅުނީ 1998 ވަނަ އަހަރެވެ.
ޔޫގޮސްލާވިއާ ރޫޅުމަށް ފަހު، ސާބިއާ އެންޑް މޮންޓެނީގްރޯ އުފެދި 2006 ވަނަ އަހަރު ވޯލްޑް ކަޕްގައި ވާދަކުރި ނަމަވެސް، ގުރޫޕް ސްޓޭޖުން ވަނީ ކަޓައިފަ އެވެ.
ސާބިއާގެ މިނިވަން ދައުލަތެއް އުފެދުނު ފަހުން، އެ ޤައުމުން ވަނީ 2010 ވަނަ އަހަރު ވޯލްޑް ކަޕްގައި ވާދަކޮށްފަ އެވެ. ބްރެޒިލްގައި 2014 ވަނަ އަހަރު އޮތް މުބާރާތަށް ސާބިއާ ކޮލިފައިނުވެ އެވެ.
މިއަދުގެ މެޗަށް ނިކުންނައިރު ސާބިއާގެ ޓީމުގައި ފާހަގަކޮށްލެވޭ މުހިންމު ކުޅުންތެރިންނަށް ބަލާއިރު، ސާބިއާ ޓީމުގައި މިހާރު ހުރި އެންމެ މަޝްހޫރު އެއް ކުޅުންތެރިޔަކީ މިޑްފީލްޑަރު ނެމަންޔާ މަޓިޗެވެ.
ވަރުގަދަ ކުޅުންތެރިއެއްގެ ގޮތުގައި ފާހަގަވެފައިވާ މަޓިޗް މިހާރު ކުޅެމުންދަނީ މެންޗެސްޓާ ޔުނައިޓަޑަށެވެ. ކުރިން އޭނާ ކުޅުނީ ޗެލްސީއަށެވެ.
މެދުތެރެ ޑޮމިނޭޓްކުރާ މަޓިޗް ސާބިއާގެ ޤައުމީ ޓީމަށް ކުޅެން ފެށީ 2009 ވަނަ އަހަރުން ފެށިގެނެވެ. އޭގެ ފަހުން އޭނާ ވަނީ ޤައުމީ ޓީމަށް 36 މެޗު ކުޅެފަ އެވެ. ޤައުމީ ޓީމަށް ކުޅުމުގެ ކުރިން އޭނާ ވަނީ ސާބިއާގެ 21 އަހަރުން ދަށުގެ ޓީމަށް ވެސް ކުޅެފަ އެވެ.
ދެވަނައަށް ފާހަގަކޮށްލެވޭ ކުޅުންތެރިޔަކީ ސާބިއާގެ ކެޕްޓަން އިވަނޮވިޗްއެވެ. އޭނާ އަކީ އެ ޓީމުގެ އެންމެ މުހިންމު އެއް ކުޅުންތެރިޔާ އެވެ. ތަޖުރިބާކާރު އިވަނޮޗިޗް ވަނީ ޗެލްސީ އަށް 2008 އިން 2017 ވަނަ އަހަރާ ހަމައަށް ކުޅެ، ގިނަ ކާމިޔާބީތަކެއް ހޯދައިފަ އެވެ. އިވަނޮވިޗް އަކީ ސެންޓްރަލް ޑިފެންސްގެ އިތުރުން، ފުލް ބެކަށް ވެސް ކުޅޭ ކުޅުންތެރިއެކެވެ.
އިވަނޮޗިޗް އަމިއްލަ ޤައުމުގައި ކެރިއަރު ފެށުމަށް ފަހު، 2006 ވަނަ އަހަރު ރަޝިއާ ލީގަށް ބަދަލުވި އެވެ. އޭނާ ޔޫރަޕްގައި ވިދާލީ ރަޝިއާ ލީގުންނެވެ.
ސާބިއާގެ ޤައުމީ ޓީމަށް އޭނާ ކުޅެން ފެށީ 2005 ވަނަ އަހަރު އެވެ. މިހާތަނަށް ޤައުމީ ޓީމަށް 100 މެޗު ހަމަކޮށްފައިވާއިރު، އޭނާ ވަނީ 12 ލަނޑު ޖަހައިފަ އެވެ.
މި ދެޓީމުގެ ބައްދަލުކުރުންތަކަށް ބަލާއިރު ، ކޮސްޓަރީކާ އަދި ސާބިއާ މީގެ ކުރިން ވާދަވެރި މުބާރާތެއްގައި ބައްދަލުކޮށްފައެއް ނުވެއެވެ.



