
އައިސްލޭންޑުން އާޖެންޓީނާ ހިފަހައްޓައިފި
ވޯލްޑް ކަޕަށް މުޅިން އަލަށް ކޮލިފައިވި އައިސްލޭންޑުން، ވަރުގަދަ އާޖެންޓީނާ މޮޅުވިޔަ ނުދީ ހިފަހައްޓައިފިއެވެ. ގްރޫޕް ޑީ ގައި މިރޭ މި ދެ ޓީމު ކުޅުނު މެޗު ނިމުނީ 1-1 އިން އެއްވަރު ވެގެންނެވެ.
މެޗުގައި ގިނަ ވަގުތު ބޯޅަ ހިފަހައްޓައިގެން ރަނގަޅަށް ކުޅެ އާޖެންޓީނާއިން ވަނީ މެޗުގެ 19 ވަނަ މިނެޓުގައި ލަނޑެއްޖަހާ ލީޑުނަގާފައެވެ. މި ލަނޑު އެޓީމަށް ކާމިޔާބުކޮށްދިނީ ކުން އަގުއޭރޯއެވެ. އެހެން ނަމަވެސް އާޖެންޓީނާއަށް ލީޑުގައި މާގިނައިރުތަކެއް ވަންދެން ހިފަހައްޓާނުލެވުނެވެ. އަގުއޭރޯ ލަނޑު ޖެހިތާ 4 މިނިޓުގެ ތެރޭގައި އައިސްލޭންޑްގެ ފިންބޮގަސަން ވަނީ އެ ޓީމަށް ނަތީޖާ ހަމަހަމަ ކޮށްދީފައެވެ.
މިރޭގެ މެޗު އެއްވަރު ވެފައިވަނިކޮށް، ނަތީޖާ އަނބުރާލަން އާޖެންޓީނާއަށް ވަނީ ޕެނަލްޓީއެއް ލިބިފައެވެ. އެހެން ނަމަވެސް ލިބުނު ޕެނަލްޓީ އެ ޓީމުގެ ތަރި ލިއޮނަލް މެސީއަށް ކާމިޔާބު ކުރެވޭ ގޮތެއް ނުވިއެވެ. މެސީ ފޮނުވާލި ޕެނަލްޓީ ހުޝިޔާރުކަމާއި އެކު އައިސްލޭންޑްގެ ގޯލްކީޕަރ ހަލްޑޮސަން ވަނީ ސަލާމަތް ކޮށްފައެވެ.
މި ނަތީޖާއަކީ އާޖެންޓީނާއަށް ވަރަށް ބޮޑު ކަންބޮޑުވުމެކެވެ. ގްރޫޕް އޮފް ޑެތު ގެ ގޮތުގައި ސިފަކުރާ ގްރޫޕްގައި އާޖެންޓީނާއަށް ދެން ވާދަކުރަން ޖެހޭނީ އެފްރިކާގެ ވަރުގަދަ ނައިޖީރިއާ އާއި ކްރޮއޭޝިޔާ އާއެވެ. މިރޭގެ ނަތީޖާގެ ސަބަބުން ވޯލްޑްކަޕުގެ ފެވަރިޓޫންގެ ތެރޭގައި އާޖެންޓީނާ ނުހިމެނޭކަމަށްވެސް ބައެއް ފަރާތްތަކުން ދަނީ ބުނަމުންނެވެ. އެންމެ ބޮޑު ފާޑުކިޔުމެއް އަމާޒުވެފައިވަނީ ކެޕްޓަން މެސީއަށެވެ. މޮޅުވަން ލިބުނު ފުރުސަތު ނަގާލީމައެވެ.



