މިރޭގެ ބޮޑު މެޗު، ޕޯޗުގަލް އަދި ސްޕެއިންގެ ކުރިމަތިލުން !

ޔޫރަޕުގެ ފުޓްބޯޅައިގެ ވަރުގަދަ ދެބާރު ކަމުގައިވާ ޔޫރަޕްގެ ޗެމްޕިއަން ޕޯޗުގަލް އަދި ސްޕެއިން މިރޭ ބައްދަލުކުރާ މެޗަށް ގިނަ ބަޔަކު ދަނީ ކެއްތެރިކަމެއް ނެތި އިންތިޒާރުކުރަމުންނެވެ.

ދުނިޔޭގެ އަދި ޔޫރަޕުގެ ވެސް މިވަގުތު ހުރި އެންމެ މޮޅު ފުޓްބޯޅަ ކުޅުންތެރިޔާ މަސްހޫރު ހުނަރުވެރި ފޯވާޑް ކްރިސްޓިއާނޯ ރޮނާލްޑޯ ހިމެނޭ ޕޯޗުގަލް އަދި ގިނަ ހުނަރުވެރި ތަރިންތަކެއްގެ ހިމެނޭ ސްޕެއިން މިރޭގެ މެޗަށް ނިކުންނައިރު ދެ ޓީމުގައިވެސް އަނިޔާގެ މާބޮޑު މައްސަލަތަކެއް ނެއްކަން ފާހަގަކޮށްލެވެއެވެ. އެހެން ނަމަވެސް ވޯލްޑް ކަޕުގެ ދުވަހެއް ކުރިން ސްޕެއިންގެ ހެޑް ކޯޗު މަޤާމުން ވަކިވުމަކީ އެޓީމަށް އެކަމުގެ ކޮންމެވެސް އަސަރެއް ކޮށްފާނެ ކަމެއްކަމަށް ރިޕޯޓްތަށް ބުނެއެވެ.

އިޝްތިހާރު ބައިވެރވާ ފޯމު ފުރުމަށް މިތަނަށ ފިތާލާ

ޕޯޗުގަލް ޓީމަށް ބަލާލާއިރު ،

ޕޯޗުގަލް އެންމެ ފުރަތަމަ ވޯލްޑަ ކަޕެއްގައި ވާދަކޮށްފައިވަނީ 1966 ވަނަ އަހަރު އިނގިރޭސި ވިލާތުގައި ބޭއްވުނު މުބާރާތުގައެވެ. އެ އަހަރުގެ މުބާރާތުގެ ތިން ވަނަ އެ ގައުމުން ހޯދިއެވެ.  ފަހުގެ ތާރީހެއްގައި ވޯލްޑް ކަޕްގައި އެ ގައުމަށް ލިބުނު އެންމެ ރަނގަޅު ނަތީޖާއަކީ 2006 ގެ މުބާރާތުގެ ސެމީ ފައިނަލްގައި ވާދަކުރުމެވެ. ބްރެޒިލްގައި އެންމެ ފަހުން 2014 ގައި އޮތް ވޯލްޑް ކަޕުން ޕޯޗުގަލް ކެޓީ ގުރޫޕް ސްޓޭޖުންނެވެ. މި އަހަރުގެ ވޯލްޑް ކަޕަށް ކުރިމަތިލާއިރު، ޕޯޗުގަލްގެ ސަޕޯޓަރުން ރަނގަޅު ނަތީޖާއަކަށް އުންމީދުކުރެ އެވެ. އޭގެ އެއް ސަބަބަކީ 2016 ގެ ޔޫރޯ ޕޯޗުގަލް އިން ކާމިޔާބުކުރުމެވެ. މިއީ ޕޯޗުގަލްގެ ފުޓްބޯޅައިގެ ތާރީހުގައި މިހާތަނަށް ލިބުނު އެންމެ ބޮޑު ކާމިޔާބީ އެވެ.

އެގޮތުން ޕޯޗުގަލް މި ފަހަރުގެ ވޯލްޑް ކަޕަށް ކޮލިފައިވީ ގުރޫޕް ބީގެ އެއްވަނަ ޓީމުގެ ގޮތުގަ އެވެ. އެކަމަކު ޕޯޗުގަލްއާ މި ގުރޫޕްގައި އޮތް ސްވިޓްޒަލޭންޑް އިން ވަރަށް ގާތުން ވާދަކުރި އެވެ. ޕޯޗުގަލް މުބާރާތަށް ކޮލިފައިވީ ފަހު މެޗުގައި ސްވިޓްޒަލޭންޑް އަތުން 2-0 އިން މޮޅުވެގެނެވެ. މި ނަތީޖާއާ އެކު ޕޯޗުގަލް އާއި ސްވިޓްޒަލޭންޑް ޕޮއިންޓްގެ ގޮތުން އެއްވަރުވި އެވެ. އެކަމަކު ލަނޑުގެ ތަފާތުން ޕޯޗުގަލް ވަނީ އެއް ވަނަ ހޯދައިފަ އެވެ. ޕޯޗުގަލް ކޮލިފައިންގައި ކުޅުނު 10 މެޗުގެ ތެރެއިން، ނުވަ މެޗުން މޮޅުވިއިރު، ބަލިވީ އެންމެ މެޗަކުންނެވެ.

ޕޯޗުގަލް މިރޭގެ މެޗަށް ނިކުންނައިރު އެޓީމުގައިވެސް ފާހަގަކޮށްލެވޭ  ތަޖުރިބާކާރު މޮޅު  ކުޅުންތެރިންތަކެއް އެބަ ތިއްބެއެވެ. އެގޮތުން އެންމެ ފާހަގަކޮށްލެވޭ ކުޅޫންތެރިޔަކީ ކެޕްޓަން ކްރިސްޓިއާނޯ ރޮނާލްޑޯ އެވެ.  ޕޯޗުގަލްގެ ކެޕްޓަން ރޮނާލްޑޯ އަކީ އެ ޓީމުގެ އެންމެ މުހިންމު ކުޅުންތެރިޔާ އެވެ. ދުނިޔޭގެ މޮޅު ކުޅުންތެރިއާގެ މަގާމު ފަސް ފަހަރު ހޯދާފައިވާ ރޮނާލްޑޯ އަކީ ޕޯޗުގަލްގައި މިހާތަނަށް އުފެދުނު އެންމެ މޮޅު އަދި އެންމެ ކާމިޔާބު ކުޅުންތެރިޔާ ވެސް މެ އެވެ. ގައުމީ ޓީމާ އެކު ކާމިޔާބަކަށް ރޮނާލްޑޯ ކުރި އުންމީދު 2016 ވަނަ އަހަރުގެ ޔޫރޯގެ ޗެމްޕިއަންކަމާ އެކު ހާސިލްވި ނަމަވެސް، ވޯލްޑް ކަޕްގެ ތަށި އުފުލާލެވޭގޮތްވަނީ އަދިނުވެފައެވެ.  ކްލަބު ފުޓްބޯޅައިގައި އަދި އަމިއްލަ ގޮތުން ރޮނާލްޑޯ އަށް މިހާރު ނުލިބޭ ކާމިޔާބެއް ނެތްއިރު،  އޭނާގެ ކެރިއަރުގައި މިހާރު މަދުވަނީ ހަމައެކަނި ވޯލްޑް ކަޕްގެ ތައްޓާއި މެޑެއްޔެވެ. މިއީ 33 އަހަރުގެ ކުޅުންތެރިޔާއަށް އެ އުންމީދު ފުރިހަމަކުރަން ލިބޭ ފަހު ފުރުސަތަށް ވެސް ވެދާނެ އެވެ. އެހެންކަމުން އޭނާގެ އެންމެ މޮޅު ކުޅުން ފެންނާނެ ކަމަށް ސަޕޯޓަރުން އުންމީދުކުރާނެ އެވެ.

ދެވަނަ އަށް ފާހަގަކޮށްލެވޭ ކުޅޫންތެރިއަކީ ޑިފެންޑަރ ޕެޕޭއެވެ.  ރެއާލް މެޑްރިޑްގެ ކުރީގެ ޑިފެންޑަރު ޕެޕޭ އަކީ ޕޯޗުގަލްގެ ޓީމުގެ ޑިފެންސް ލައިންގެ މައި ތަނބެވެ. އުމުރުން 35 އަހަރު ވެފައިވާ ޕެޕޭ އުފަންވީ ބްރެޒިލްއަށެވެ. އެކަމަކު އުމުރުން 18 އަހަރުގައި ޕޯޗުގަލްގެ ކްލަބު ފުޓްބޯޅަ އަށް ބަދަލުވި ގޮތަށް، އޭނާ ވަނީ އެ ގައުމުގެ ރައްޔިތަކަށް ވެފަ އެވެ. ފިޒިކަލް ގޭމެއް ކުޅޭ ޕެޕޭ ބޮޑަށް ވިދާލީ ޕޯޓޯގަ އެވެ. އެއަށް ފަހު، 2007 ގައި ރެއާލް މެޑްރިޑަށް ބަދަލުވެ، އެ ކްލަބުގައި ކާމިޔާބު 10 އަހަރު ހޭދަކުރި އެވެ. ޕެޕޭ ޕޯޗުގަލްގެ ގައުމީ ޓީމަށް ކުޅެން ފެށީ 2007 ގަ އެވެ. ޕޯޗުގަލް އިން 2016 ގެ ޔޫރޯ ކާމިޔާބުކުރިއިރު، އޭގައި އޭނާ މުހިންމު ރޯލެއް އަދާކުރި އެވެ. ޕޯޗުގަލްގެ ޓީމަށް ދެ ވޯލްޑް ކަޕާއި، ތިން ޔޫރޯ މުބާރާތުގައި ޕެޕޭ ކުޅެފައިވެ އެވެ.

ތިންވަނައަށް ފާހަގަކޮށްލެވޭ ކުޅުންތެރިއަކީ މެންޗެސްޓާ ސިޓީއަށް ކުޅެމުންއަންނަ ޕްލޭމޭކަރ ބެނާޑޯ ސިލްވާއެވެ.  މިއީ ބެނާޑޯ ސިލްވާ ވޯލްޑް ކަޕްގައި ކުޅޭ ފުރަތަމަ ފަހަރެވެ. ޔޫރޯ 2016ގައި ޕޯޗުގަލްގެ ޓީމުން އޭނާ އަށް ފުރުސަތު ނުލިބުނީ އަނިޔާގެ ސަބަބުންނެވެ. އެހެންކަމުން މިއީ ބައިނަލްއަގުވާމީ ބޮޑު މުބާރާތެއްގައި ފެންވަރު ދައްކާލަން އޭނާ އަށް ލިބޭ ފުރަތަމަ ފުުރުސަތެވެ.

ޕޯޗުގަލް ހިމެނޭ ގުރޫޕް ”ބީ“ އަށް ބަލާއިރު ގުރޫޕް ބީގައި ފޭވަރިޓުންނަކީ ސްޕެއިން އާއި ޕޯޗުގަލް އެވެ. މި ގުރޫޕްގައި ދެން އޮތީ މޮރޮކޯ އާއި އީރާނެެވެ. އެހެންކަމުން ޕޯޗުގަލް އަށް މި ގުރޫޕުން ދެވަނަ ބުރުގެ ފުރުސަތެއް ލިބޭނެ ކަމަށް ތަޖުރިބާކާރުން ގަބޫލްކުރެ އެވެ. އެކަމަކު މޮރޮކޯ އާއި އީރާނަކީ ބަލިކުރަން ފަސޭހަ ޓީމުތަކެއް ނޫނެވެ. އެހެންކަމުން ޕޯޗުގަލް އަށް މި ގުރޫޕުން ސަލާމަތްވުމަކީ އުނދަގޫ ކަމަކަށް ވާނެ އެވެ.

ސްޕެއިންގެ ގައުމީޓީމަށް ބަލާއިރު ،

ދުނިޔޭގެ ފީފާ ރޭންކުގެ 8 ވަނާގައި ހިމެނޭ ސްޕެއިން އަކީ ފުޓްބޯޅައިގައި ފާހަގަކޮށްލެވޭ ވަރުގަދަ ޤައުމެކެވެ..

ސްޕެއިން އެންމެ ފުރަތަމަ ވޯލްޑް ކަޕްގައި ވާދަކުރީ 1934 ވަނަ އަހަރު އިޓަލީގައި ބޭއްވުނު މުބާރާތުގައެވެ. އަދި އޭގެ ފަހުން 1950 ވަނަ އަހަރުގެ ވޯލްޑް ކަޕްގައި ވާދަކޮށް، މުބާރާތުގެ ހަތަރު ވަނަ ހޯދި އެވެ.

ސްޕެއިން އިން ވަނީ 1978 ވަނަ އަހަރުން ފެށިގެން މިހާތަނަށް ބޭއްވި ހުރިހާ ވޯލްޑް ކަޕެއްގައި ވާދަކޮށްފައެވެ. މި މުއްދަތުގެ ތެރޭގައި 2010 ވަނަ އަހަރު ކުރިން އެ ޤައުމަށް ވޯލްޑް ކަޕްގައި އެންމެ ކުރިއަށް ދެވުނީ ކުއާޓާ ފައިނަލާ ހަމައަށެވެ.

އެކަމަކު 2008 ވަނަ އަހަރުގެ ޔޫރޯ ސްޕެއިން އިން ކާމިޔާބުކުރުމުން، ވޯލްޑް ކަޕް ކާމިޔާބުކުރުމަށް އެ ޤައުމުން ކުރަމުންދިޔަ އުންމީދު އާވި އެވެ. ސްޕެއިންގެ ”ގޯލްޑަން ޖެނަރޭޝަން“ގެ ގޮތުގައި މަޝްހޫރުވި ޓީމާއެކު، ސްޕެއިން އިން ވަނީ 2010 ވަނަ އަހަރު ދެކުނު އެފްރިކާގައި އޮތް ވޯލްޑް ކަޕްގެ ތަށި އުފުލާލައިފަ އެވެ. މިއީ ސްޕެއިންގެ ފުޓްބޯޅައިގެ ތާރީހުގައި މިހާތަނަށް ލިބުނު އެންމެ ބޮޑު ކާމިޔާބެވެ.

އެކަމަކު 2014 ވަނަ އަހަރުގެ ވޯލްޑް ކަޕްގައި ސްޕެއިން ވަނީ ފުރަތަމަ ބުރުން ކަޓައިފަ އެވެ. ވޯލްޑް ކަޕް 2010 ވަނަ އަހަރު އަދި ޔޫރޯ 2012 ވަނަ އަހަރު ކާމިޔާބުކުރި ޓީމުގައި ހިމެނޭ ގިނަ ކުޅުންތެރިންތަކެއް 2014 ވަނަ އަހަރު ވޯލްޑް ކަޕްގައި ކުޅުނު ނަމަވެސް، ސްޕެއިން އަށް ތަފާތު ދެއްކޭ ގޮތެއްނުވި އެވެ. ސްޕެއިންގެ ޓީމަށް ބަދަލުތަކެއް ގެންނަންޖެހޭކަން އެ މުބާރާތުން ސާބިވުވި އެވެ.

މި އަހަރުގެ ވޯލްޑް ކަޕަށް ސްޕެއިން ކޮލިފައިވިއިރު، މިހާރު ސްޕެއިން ޓީމުގައި ”ޖާދޫ“ ދައްކަނީ އާ މޫނުތަކެކެވެ. އިސްކޯ އާއި އެސެންސިއޯ ފަދަ ކުޅުންތެރިންނަކީ ވޯލްޑް ކަޕަށް ނުކުންނަ ސްޕެއިންގެ އާ ޖީލުގައި ހިމެނޭ މުހިންމު ތަރިންނެވެ.

މިރޭގެ މެޗަށް ނިކުންނައިރު ސްޕެއިންގެ ޓީމުން ފާގަކޮށްލެވޭ މުހިންމު ކުޅުންތެރިންނަށް ބަލާއިރު،

ގޯލް ކީޕަރު ޑޭވިޑް ޑެހެއާ

ފަހުގެ ތާރީހެއްގައި ސްޕެއިން އިން ހޯދި ގިނަ ކާމިޔާބީތަކެއްގައި، އެ ޓީމުގެ ގޯލު ބެލެހެއްޓީ އިކާ ކަސިއަސް އެވެ. އެކަމަކު އޭރު ވެސް، ގިނަ ބަޔަކު ގަބޫލްކުރި ގޮތުގައި ކަސިއަސް އަށް ފަހު، ސްޕެއިންގެ ގޯލު ދެން ބަލަހައްޓާނީ މެންޗެސްޓާ ޔުނައިޓެޑްގެ ގޯލްކީޕަރު ޑޭވިޑް ޑެހެއާ އެވެ. ހީކުރެވުނު ގޮތަށް، މިހާރު ޑެހެއާ އަކީ ސްޕެއިންގެ އެއްވަނަ ގޯލްކީޕަރެވެ.

ސްޕެއިންގެ އެތުލެޓިކޯ މެޑްރިޑް އިން ކެރިއަރު ފެށި ޑެހެއާ އަކީ މި ވަގުތު ދުނިޔޭގެ އެންމެ މޮޅު ގޯލްކީޕަރުގެ ތެރޭގައި ގުނާލެވޭ ކީޕަރެކެވެ. މޮޅެތި، އާދަޔާ ހިލާފު ސޭވްތައް ކުރުމުގައި މަޝްހޫރުވެފައިވާ ޑެހެއާ ސްޕެއިންގެ ޤައުމީ ޓީމުން ފުރަތަމަ ޖާގަ ހޯދީ 2014 ވަނަ އަހަރެވެ. އަދި އެ އަހަރު ބްރެޒިލްގައި އޮތް ވޯލްޑް ކަޕަށް ނެގި ސްޕެއިން ސްކޮޑުގައި އޭނާ ހިމެނުނެވެ.

ޔޫރޯ 2016ގައި ސްޕެއިންގެ އެއްވަނަ ކީޕަރުގެ ގޮތުގައި ކުޅުނީ ޑެހެއާ އެވެ. އެކަމަކު އެ މުބާރާތުގެ ދެވަނަ ބުރުން ސްޕެއިން ވަނީ ކަޓައިފަ އެވެ.

ސާޖިއޯ ރާމޯސް

ރެއާލް މެޑްރިޑްގެ ސާޖިއޯ ރާމޯސް އަކީ މި ފަހަރުގެ ވޯލްޑް ކަޕްގައި ސްޕެއިންގެ ކެޕްޓަނެވެ. ރާމޯސް އަކީ ސްޕެއިން އިން ފަހުގެ ތާރީހުގައި ހޯދި ހުރިހާ ކާމިޔާބެއްގައި ވެސް މުހިންމު ރޯލެއް އަދާކުރި ކުޅުންތެރިޔެކެވެ.

ސްޕެއިންގެ ސެވިއްޔާ އިން ކެރިއަރު ފެށުމަށް ފަހު، ރާމޯސް ރެއާލަށް ބަދަލުވީ 2005 ވަނަ އަހަރެވެ. އޭގެ ފަހުން ރެއާލްގައި އޭނާވެފައިވަނީ އެ ޓީމުގެ އެންމެ މުހިންމު އެއް ކުޅުންތެރިޔާއަށެވެ. ރެއާލްއާއެކު އޭނާ ވަނީ ގިނަ ކާމިޔާބީތަކެއް ހޯދައިފަ އެވެ.

ސްޕެއިންގެ ޤައުމީ ޓީމަށް ރާމޯސް ކުޅެން ފެށީ 2005 ވަނަ އަހަރެވެ. މިހާތަނަށް ރާމޯސް ވަނީ ސްޕެއިންގެ ޤައުމީ ޓީމަށް ތިން ވޯލްޑް ކަޕާއި ތިން ޔޫރޯގައި ކުޅެފަ އެވެ. އޭގެ ތެރެއިން 2008 ވަނަ އަހަރާއި 2012 ވަނަ އަހަރުގެ ޔޫރޯ ސްޕެއިން ކާމިޔާބުކުރިއިރު، 2010 ވަނަ އަހަރުގެ ވޯލްޑް ކަޕް ވެސް ވަނީ ކާމިޔާބުކޮށްފަ އެވެ..

އަންދްރެސް އިނިއެސްޓާ

ސްޕެއިން އިން ފަހުގެ ތާރީހުގައި ހޯދި ހުރިހާ ކާމިޔާބެއްގައި ވެސް އަންދްރެސް އިނިއެސްޓާ ވަނީ މުހިންމު ރޯލެއް އަދާކޮށްފަ އެވެ.

ސްޕެއިންއާއެކު އިނިއެސްޓާ ވަނީ 2008 ވަނަ އަހަރާއި 2012 ވަނަ އަހަރުގެ ޔޫރޯ އާއި 2010 ވަނަ އަހަރުގެ ވޯލްޑް ކަޕް ކާމިޔާބުކޮށްފަ އެވެ.

މި ފަހަރުގެ ވޯލްޑް ކަޕަށް ސްޕެއިން ކުރިމަތިލާއިރު، ޓީމުގެ އެންމެ ސީނިއާ އެއް ކުޅުންތެރިޔަކަށް ހުރީ އުމުރުން 33 އަހަރުގެ އިނިއެސްޓާ އެވެ. މިއީ އިނިއެސްޓާ ވޯލްޑް ކަޕްގައި ކުޅޭ ފަހު ފަހަރަށްވުމަކީ ގާތް ކަމެކެވެ.

ސްޕެއިން ބާސެލޯނާ އިން ކެރިއަރު ފެށި އިނިއެސްޓާ އަކީ ސްޕެއިންގެ 15 އަހަރުން ދަށުގެ ޓީމުން ފެށިގެން، އެ ޤައުމުގެ ޔޫތު ޓީމުތަކަށް ކުޅެފައިވާ ކުޅުންތެރިޔެކެވެ. އިނިއެސްޓާ ސްޕެއިންގެ ޤައުމީ ޓީމަށް ކުޅެން ފެށީ 2006 ވަނަ އަހަރެވެ. އިނިއެސްޓާގެ ކެރިއަރުގައި އެންމެ ފާހަގަކޮށްލެވޭ އެއް މުބާރާތަކީ 2010 ވަނަ އަހަރުގެ ވޯލްޑް ކަޕެވެ. އެ މުބާރާތް ސްޕެއިން އިން ކާމިޔާބުކުރީ އިނިއެސްޓާ ޖެހި ލަނޑަކުންނެވެ…

 ޕޯޗުގަލް އަދި ސްޕެއިން ގެ ބައްދަލުކުރުންތަށް :

ސްޕެއިން އަދި ޕޯޗުގަލް އެންމެ ފުރަތަމަ ވާދަވެރި މުބާރާތެއްގައި ބައްދަލުކޮށްފައިވަނީ 1934 ވަނަ އަހަރު އިޓަލީގައި ބޭއްވުނު ވޯލްޑް ކަޕް ފުޓްބޯޅަ މުބާރާތުގައެވެ. އެ މުބާރާތުގައި މި ދެޓީމުވަނީ ދެފަހަރެއްގެ މަތިން ބައްދަލުކޮށްފައެވެ. އެއީ ގުރޫޕް ސްޓޭޖުގައާއި ނޮކްއައުޓް ބުރުގައެވެ. ދެފަހަރުވެސް ޕޯޗުގަލްގެ މައްޗަށް ކުރިހޯދާފައިވަނީ ސްޕެއިންނެވެ. 1950 ވަނަ އަހަރު ބްރެޒިލްގައި ބޭއްވުނު ވޯލްޑްކަޕް ފުޓްބޯޅަ މުބާރާތުގައިވެސް މި ދެޓީމުވަނީ ދެފަހަރެއްގެ މ،ަތިން ވާދަކޮށްފައެވެ.  އޭގެ ތެރެއިން އެއްފަހަރު ސްޕެއިން މޮޅުވިއިރު ދެވަނަ މެޗުވަނީ އެއްވަރުވެފައެވެ. އޭގެ ފަހުން ވޯލްޑްކަޕެއްގައި މި ދެޓީމު އެންމެ ފަހުން ވާދަކޮށްފައިވަނީ 2010 ވަނައަހަރު ސައުތް އެފްރިކާގައި ބޭއްވުނު މުބާރާތުގައެވެ. އެމެޗުވެސް ކާމިޔާބުކޮށްފައިވަނީ ސްޕެއިން ޓީމުންނެވެ. މި ދެޓީމު އެންމެ ފަހުން ވާދަވެރި މެޗެއްގައި ކުޅެފައިވަނީ 2012 ވަނަ އަހަރު ބޭއްވުނު ޔޫރޯ ފުޓްބޯޅަ މުބާރާތުގައެވެ. އެފަހަރު މި ދެޓީމު ވާދަކުރި ސެމީފައިނަލް މެޗު ޕެނަލްޓީ ޖަހައިގެން ކާމިޔާބުކުރީ ސްޕެއިންއެވެ.

މިލިޔުން ކިޔާލުމުން

ވައިބަރ ޗެނަލަށް ވަންނަވާ
އިޝްތިހާރު

ޚިޔާލު ފާޅުކުރައްވާ


ގުޅުން ހުރި ލިޔުންތައް

Below Comments Ad
މިލިޔުންވެސް ކިޔާލަމާ
Close
Back to top button
Close

Ad blocker Detected ! ފޮޓޯ ބްލޮކް ކުރާއެއް ފެނިއްޖެ

ތިޔަ ޑިވައިސްގައި ފޮޓޯ ބްލޮކް ކުރާ ސޮފްޓްވެއަރ/އެޕް އެއް އަޅާފައި އެބަހުއްޓެވެ. އެހެންކަމުން މިވެބްސައިޓްގައިވާ ފޮޓޯތައް ނުފެނުން އެކަށީގެންވެއެވެ. ފޮޓޯތައް ފެންނަ ގޮތަށް ވަނުމަށްޓަކައި ފޮޓޯ ބްލޮކް ކުރާ (އެޑް ބްލޮކަރ) އޮފކޮށްލައްވާށެވެ.