
ފީފާ ވޯލްޑް ކަޕް 2018: މިރޭ ރަޝިޔާ އަދި ސައޫދީ އަރަބިއާ ބައްދަލުކުރާ މެޗަށް ބަލާލުމެއް !
21 ވަނަ ފީފާ ވޯލްޑް ކަޕް މިރޭ ރަޝިއާގައި ފެށޭއިރު، ފުރަތަމަ މެޗު މިރޭ ކުޅޭނީ މުބާރާތް ބާއްވާ ޤައުމު ރަޝިއާއާއި ސައޫދީ އަރަބިއާއެވެ. މި ދެ ޓީމު ބައްދަލުކުރާ މެޗަށް ބަލާލާއިރު، މި ރޭ މި ދެޓީމު ބައްދަލުކުރާ މެޗު ފެށުމަށް ހަމަޖެހިފައިވަނީ ރާއްޖޭގަޑިން މިރޭ 20:00 ގައެވެ. މިއޭ ގުރޫޕް އޭގެ މެޗެކެވެ. މިމުބާރާތް ހުޅުވިގެންދާ މި މެޗު ކުޅޭނީ ރަޝިއާގެ ވެރިރަށް މޮސްކޯގެ ލުޒްނީ ސްޓޭޑިއަމްގައެވެ.
މިރޭގެ މެޗަށް ރަޝިއާ އަދި ސައުދީ އަރަބިއާ ނިކުންނައިރު ، މީގެ ކުރިން މި ދެޓީމަ ވަނީ ވޯލްޑްކަޕްގައި ބައްދަލުކޮށްފައެވެ. އެމެޗު ކާމިޔާބުކޮށްފައިވަނީ ސައުދީންނެވެ. އެގޮތުން މިރޭގެ މެޗަކީ ވެސް ސައޫދީ އަރަބިއާ އާއި މުބާރާތް ބާއްވާ ގައުމު ރަޝިޔާއަށް ވަރަށް މުހިންމު މެޗެކެވެ. ދެވަނަ ބުރުން ޖާގައެއް ހޯދުމަށް މޮޅުވުން މުހިންމެވެ.ގުރޫޕް ”އޭ“ ގައި ދެން ހިމެނެނީ މިސްރާއި އުރުގުއޭ އެވެ.
މިރޭގެ މެޗަށް މި ދެ ޓީމު ތައްޔާރުވަމުން އަންނައިރު މިހާތަނަށް ދެ ޓީމުންކުރެ އެއްވެސް ޓީމެއްގައި އަނިޔާގެ މައްސަލައެއް ނެތެވެ. އެހެން ނަމަވެސް މުބާރާތް ކައިރިވަމުން އައިއިރު މުހިންމު ދެކުޅުންތެރިން ކަމުގައިވާ ވިކްޓާ ވަސިން އާއި ޖިއޯޖީ ޒިކިޔާއަށް އަނިޔާވެ 23 ކުޅުންތެރިންގެ ސްކޮޑުން ބޭރުވާން ޖެހުމަކީ ރަޝިޔާއަށް ލިބުނު ހިތާމައެކެވެ.
ގިނަ އަހަރުތަކަކަށް ފަހު ރަޝިއާ މިފަހަރުގެ ވޯލްޑް ކަޕުގައި ވާދަކުރާއިރު މިއީ 1990 ގެ ފަހުން އެ ޓީމު މި މުބާރާތުގައި ވާދަކުރާ ފުރަތަމަ ފަހަރެވެ. އަދި މިއީ ރަޝިއާ މި މުބާރާތުގައި ކުޅޭ 11 ވަނަ ފަހަރުކަންވެސް ފާހަގަކޮށްލެވެއެވެ. އެހެން ނަމަވެސް ރަޝިއާއަށް މި މުބާރާތުގައި މިހާތަނަށް މާ ބޮޑުކާމިޔާބީއެއް ލިބިފައެއްނުވެއެވެ.
ސައޫދީއަރަބިއްޔާއަށް ބަލާއިރު، މި ފަހަރުގެ މި މުބާރާތަކީ އެޓީމު ކުޅޭ 4 ވަނަ މުބާރާތެވެ. އެންމެ ފުރަތަމަ ސައުދީ އިން ވޯލްޑް ކަޕެއްގައި ކުޅެފައިވަނި 1994 ވަނަ އަހަރު އެމެރިކާގައި އޮތް މުބާރާތުގައެވެ.
ސައޫދީއަށް ވޯލްޑް ކަޕްގައި މިހާތަނަށް ލިބުނު އެންމެ ބޮޑު ކާމިޔާބީއަކީ 1994 ވަނަ އަހަރު ގްރޫޕް ސްޓޭޖް ފަހަނައަޅާ، ގަދަ 16 އާ ހިސާބަށް ދެވުމެވެ.
މިރޭ ރަޝިޔާ އާއި ސައޫދީ އަރަބިއާ ބައްދަލުކުރާ މެޗުން މޮޅުވުމުގެ ފުރުސަތު ބޮޑުކަމަށް ފުޓްބޯޅަ ދިރާސާ ކުރާ ގިނަ ބަޔަކު ގަބޫލުކުރަނީ ރަޝިޔާއެވެ. ދެ ޓީމުގެ ހާލަތު ދާދި އެއްގޮތްވުމާއެކު، ރަޝިޔާއަށް ހޯމް އެޑްވާންޓޭޖް އޮންނާނެކަން ކަށަވަރެވެ. އެހެނަސް ތަފާތު ބޮޑު ނަތީޖާއެއް ނެރެވުން ނާދިރުއިރު، ރަޝިޔާގެ ޑިފެންސް ލައިންގެ ބަލިކަށިކަމާއެކު، ސައޫދީން ހައިރާން ކުރަނިވި މޮޅެއް ހޯދުން ވެސް ގާތެވެ.
ރަޝިޔާއިން އިން މިރޭގެ މެޗުގައި ހިމެނިދާނެކަމަށް ބެލެވޭ 11 ކުޅުންތެރިން:
ގޯލްކީޕަރ: އަކިންފީވް
ޑިފެންޑަރުން: ކުޓެޕޯވް، އިގްނާސެވިޗް، ފެނާންޑޭސް
މިޑްފީލްޑަރުން: ޒިރްކޯވް، ގޮލޮވިން، ސެމެޑޯވް، ޒަގޮއީވް، ޒޮބްނިން
ފޯވާޑުން: އެންޓޮން މިރަންޗުކް، ސްމޮލޯވް
ސައޫދީ އަރަބިއާ އިން މިރޭގެ މެޗުގައި ހިމެނިދާނެކަމަށް ލަފާކުރެވޭ 11 ކުޅުންތެރިން:
ގޯލްކީޕަރ: މަޔޯފް
ޑިފެންޑަރުން: ބުރައިކް، ބުލައިހީ، ހައުސާވީ، ހަރްބީ
މިޑްފީލްޑަރުން: ފަރާޖް، ޚައިބަރީ، ކަންނޯ، ޖާސިމް، ޝެހްރީ
ފޯވާޑް: ސަހްލާވީ



