
2018 ވަނަ އަހަރުގެ ”ފީފާ ވޯލްޑް ކަޕް“ ފުޓްބޯޅަ މުބާރާތް މާދަމާ ފެށޭނެ
2018 ވަނަ އަހަރު ރަޝިއާގައި ބާއްވާ ދުނިޔޭގެ އެންމެ ޝަރަފުވެރި އަދި އެންމެ ބޮޑު ފުޓްބޯޅަ މުބާރާތް ކަމުގައިވާ ފީފާ ވޯލްޑް ކަޕް މާދަމާރޭ ފެށޭއިރު، މި މުބާރާތަކީ، ވޯލްޑްކަޕްގެ 21 ވަނަ މުބާރާތެވެ. މިއަހަރު މި ބޭއްވޭ މުބާރާތް ކުރިޔަށްދާނީ މި މަހުގެ 14 އިން 15 ޖުލައިގެ ނިޔަލަށެވެ.
މިއަހަރުގެ މި މުބާރާތުގައި ބައިވެރިވާނީ 2007 ވަނަ އަހަރުގެ އޯގަސްޓު މަހުގައި ފީފާގެ މެންބަރުންގެ ގޮތުގައި ހިމެނޭ 209 ޤައުމުގެ މެދުގައި ކުޅެވުނު ކޮލިފައިން މެޗުތަކުގެ މަރުޙަލާ ކަޑައްތުކޮށް، ފަހު މަރުޙަލާއަށް އައިސްފައިވާ 32 ޓީމެވެ. މިއީ ޔޫރަޕަށް ނިސްބަތްވާ ޤައުމެއްގައި ބާއްވާ 8 ވަނަ ވޯލްޑްކަޕް ފުޓްބޯޅަ މުބާރާތެވެ. މިފަހަރުގެ މި މުބާރާތް ރަޝިއާގައި ބޭއްވޭއިރު މިއީ މި މުބާރާތް އެގައުމުގައި ބާއްވާ ފުރަތަމަ ފަހަރެވެ.
އަދި 2006 ވަނަ އަހަރުގެ ފަހުން ޔޫރަޕްގައި ވޯލްޑް ކަޕެއް ބާއްވާ ފުރަތަމަ ފަހަރެވެ. މި މުބާރާތް ބޭއްވުމުގެ ފުރުސަތު ރަޝިއާ އަށް ލިބުނީ 2010 ވަނަ އަހަރު ފީފާގެ އެގްޒެކުޓިވް ކޮމެޓީގެ ވޯޓަކުންނެވެ. ރަޝިއާ އަށް ވޯލްޑް ކަޕް ބޭއްވުމުގެ ފުރުސަތު ލިބުނީ ވޯޓިންގެ ދެވަނަ ބުރުންނެވެ. ރަޝިއާ ބިޑް ކާމިޔާބުކުރީ ޕޯޗުގަލް އަދި ސްޕެއިންގެ ބިޑް ފަހަތަށް ޖައްސާލުމަށް ފަހު އެވެ.
ވޯލްޑް ކަޕް މާދަމާ ރޭ ފެށޭއިރު، ރަޝިއާ އޮތީ މިކަމަށް ވާންޖެހޭ ހުރިހާތައްޔާރީއެއްވެސް ވެފަކަމަށް ޚަބަރުތަށް ބުނެއެވެ. އެގޮތުން އެގައުމުގެ 11 ސިޓީއެއްގައި މުބާރާތް ކުރިޔަށް ދާއިރު، މެޗުތައް ކުޅޭ 12 ސްޓޭޑިއަމް ވަރަށް ފުރިހަމަ އަށް ތައްޔާރުކޮށްފައިވާ ކަމަށް ވެސް ރަޝިއާ އިން ވަނީ ބުނެފަ އެވެ.
މި މުބަރާތުގެ އެންމެ ފަހުގެ ޗެމްޕިއަނުން ނަކީ ޖަރުމަންއެވެ. ރަނރަޕް ޓީމަކީ އާޖެންޓީނާއެވެ. މި މުބާރާތް ހުޅުވާ މެޗުގައި ބައްދަލުކުރާނީ މުބާރާތް ބާއްވާ ޤައުމު ކަމުގައިވާ ރަޝިއާ އާއި ސައުދީ އަރަބިޔާއެވެ. މުބާރާތް ފެށިގެންދާ މި މެޗު ކުޅޭނީ މާދަމާރޭ ރާއްްޖޭ ގަޑިން 20:00 ގައެވެ.



