
ޕޯސްޓް ލިމިޓެޑުގެ 99 އިންސައްތަ ހިއްސާ އައިލެންޑް އޭވިއޭޝަންގެ ދަށަށް
މޯލްޑިވްސް ޕޯސްޓް ލިމިޓެޑުގެ 99 އިންސައްތަ ހިއްސާ އައިލެންޑް އޭވިއޭޝަންގެ ދަށަށް ބަދަލުކޮށްފައިވާ ކަމަށް ޕްރައިވަޓައިޒޭޝަން ބޯޑުން ބުނެފިއެވެ.
އެ ބޯޑުން މިއަދު ނެރުނު އިޢުލާނެއްގައި ބުނެފައިވަނީ ޕޯސްޓް ލިމިޓެޑުގެ 99 އިންސައްތަ ހިއްސާ ސަރުކާރުގެ 100 އިންސައްތަ ހިއްސާ އޮންނަ އައިލެންޑް އޭވިއެޝަނުގެ ދަށަށް ބަދަލުކޮށްފައިވާ ކަމަށާއި އަދި އެކުންފުނީގެ އެއް އިންސައްތަ ހިއްސާ ބަދަލުކޮށްފައިވަނީ މޯލްޑިވްސް އެއަރޕޯޓްސް ކޮމްޕެނީގެ ދަށަށް ކަމަށެވެ.
އެހެންކަމުން ޕޯސްޓް ލިމިޓެޑަކީ މިހާރު އައިލެންޑް އޭވިއޭޝަނުގެ ސަބްސިޑަރީއެއް ކަމަށާއި މި ބަދަލާއެކު ޕޯސްޓް ލިމިޓެޑުން ކުރަމުން އައި މަސައްކަތްތަކާއި ޤާނޫނީ ޙައްޤުތަކާއި އުފުލަންޖެހޭ އިލްޒާމުތަކާއި ކުންފުނީގެ ނުއުފުލޭ މުދަލާއި ދަރަންޏާއި ހިއްސާގެ އޮނިގަނޑާ އެއްގޮތަށް ބަދަލުވެގެން ދާނެ ކަމަށްވެސް ޕްރައިވަޓައިޒޭޝަން ބޯޑުގެ އިޢުލާނުގައި ވަނީ ބުނެފައެވެ.
މި ބަދަލު ގެނެސްފައިވަނީ ހުސްވި މެއި މަހުގެ 30 ވަނަ ދުވަހު ކަމަށްވެސް ވަނީ ބުނެފައެވެ.