
ކަނޑުން ލިބޭ ރޯއްޖަކީ ކޮބައިކަން ފުރިހަމަ ގޮތުގައި ދެނެގަތުމަށް މިނިސްޓަރ ގޮވާލައްވައިފި
ކަނޑުން ލިބޭ ރޯއްޖަކީ ކޮބައިކަން ފުރިހަމަ ގޮތުގައި ދެނެގަތުމަށް ތިމާވެއްޓާއި ހަކަތައާބެހޭ ވަޒީރު ގޮވާލައްވައިފިއެވެ.
މިއަހަރުގެ ކުރީކޮޅުގައި މިނިސްޓްރީ އޮފް ޓޫރިޒަމް އިން ކުރި ސަރވޭއަކުން ދައްކާގޮތުގައި ރާއްޖެއަށް އަންނަ ފަތުރުވެރިންގެ ތެރެއިން 30 އިންސައްތަ ފަތުރުވެރިން ޒިޔާރަތްކުރަން އެންމެ ބޭނުންވާ ތަނަކީ ނުވަތަ ރާއްޖެއިން އެންމެ ދެކެން ބޭނުންވާ އެއްޗަކީ ފެހުރިހި ނުވަތަ ”ވޭލް ޝާކް“ ކަމަށާއި އަހަރުގެ ހުރިހާ ދުވަސްވަރެއްގައިވެސް އެތަނަކުން ފެހުރިހި ފެންނަ ސަރަޙައްދެއް ރާއްޖޭގައިވާ ކަމަށެވެ. އަދި މި ސަރަޙައްދަކީ ދުނިޔޭގެ ނިސްބަތުންވެސް އެއްތަނަކުން އެންމެ ގިނަ ޢަދަދަކަށް ފެހުރިހި ފެންނަކަމަށްވެސް ލަފާކުރެވޭ ސަރަޙައްދު ކަމަށާއި އަރިއަތޮޅު ދެކުނުބުރީގައި ޙިމާޔަތް ކޮށްފައިވާ ސަރަޙައްދަކީ ތިމާވެށީގެ ޤާނޫނުގެ ދަށުން ޙިމާޔަތް ކޮށްފައިވާ ސަރަޙައްދުތަކުގެތެރެއިންވެސް އެންމެ ބޮޑު ސަރަޙައްދު ކަމަށެވެ.
ވަޒީރު ވިދާޅުވީ ފެހުރިއްސަކީ މަސްމަހާމެއްސަށް ނިސްބަތްވާ އެންމެ ބޮޑު މަސް ކަމަށާއި މިޔަރުގެ ޢާއިލާއަށް ނިސްބަތްވާ މި މަހަކީ މަޑުމައިތިރި އޭގެ ޒާތުގައި ވަރަށް އެކުވެރި މަހެއް ކަމަށެވެ. އަދި އެންމެބޮޑުވާ އިރު، 40 ފޫޓު ހުންނަ މި މަސް ކައި ހަދަނީ ކަނޑުގެ ކުދިކުދި ދިރުންތައް ކަމަށާއި ވިހާ އާލާވެ ހެދިބޮޑުވާ މިންވަރު ލަސް މި އާދަޔާ ޚިލާފު ރީތި މަހުގެ މުހިއްމުކަން ދިވެހިންނަށް އިންތިހާއަށް ބޮޑު ކަމަށެވެ.
“ ރާއްޖޭގެ އިގްތިސާދު ފަތުރުވެރިކަމަށް ބިނާވެފަ އިވާއިރު ފަތުރުވެރިކަމުގެ މިހާގިނަ އަދަދެއްގެ ބަޔަކު އެންމެ ޝައުގުވެރިވާ އެއްޗަކީ ފެހުރިހިކަމަށް ވީހިނދު ދިވެހި އިޤްތިޞާދަށް މި މަހުން އެކަނިވެސް ކުރާ ފައިދާ އަޅުގަނޑުމެން ވިސްނާލަންޖެހޭ. ދިވެހި އެތައްބައެއްގެ ވަޒީފާތަކާއި އެތައް އާއިލާއެއްގެ އާމްދަނީ ބިނާވެފައިވަނީ ފެހުރިހިން ލިބޭ ފައިދާއަށް“ ވަޒީރުގެ ޚިތާބުގައި ވަނީ ވިދާޅުވެފައެވެ.
އެހެންނަމަވެސް ހިތާމައަކީ މިފަދަ މުހިއްމު ދިރުންތަކަށް އެކި ގޮތްގޮތުން އަޅުގަނޑުމެން ދެމުންގެންދާ ގެއްލުންތައް ބޮޑުކަމަށާއި ކަނޑުތަކުގެ މާޙައުލަށް އުކާލެވޭ ކުނިބުންޏާއި ޕްލާސްޓިކް ފެހުރިހިފަދަ ދިރުންތަކުގެ ނޭވާލާ ނިޒާމާއި ގޮހޮރުގެ ތެރެއަށް ވަދެ ނޭވާލާ ނިޒާމުގެ މައްސަލަތަކުގެ ސަބަބުން ނުވަތަ ގޮހޮރުގައި ކުނިބުނި ގިނަވުމުގެ ސަބަބުން މަރުވެދާ ކަމަށްވެސް ހިތާމައާއެކު ވަނީ ފާހަގަކުރައްވާފައެވެ.
މީގެއިތުރުން ފެހުރިހި ޒިޔާރަތް ކުރާ ސަރަހައްދުތަކުގައި އެތަކެއްޗަށާއި އެތަކެތީގެ ކާނާއަށް ގެއްލުންވާގޮތަށް ވަރަށް ގިނަ ފަރާތްތަކުގެ އަމަލުތައް ބަހައްޓާކަން ފާހަގަ ކުރެވޭ ކަމަށާއި ދިވެހިރާއްޖޭގެ މޫދަކީ ކުނިބުނިން ތަޣައްޔަރުވެފައިވާ، މިފަދަ ދިރުންތަކަށް ގެއްލުންދޭ ތަނެއް ކަމަށްވަނީނަމަ ރާއްޖޭގެ ކަނޑުތަކުން މިފަދަ ދިރުންތައް ފެނުން މަދުވުމަކީ އެކަށީގެންވާކަމެއް ކަމަށްވެސް ވިދާޅުވިއެވެ.
”ހަމައެކަނި ފެހުރިއްސެއް ނޫން. ކެއުމުގެ ގޮތުގައި ދިވެހިން ބޭނުންކުރާ އެހެނިހެން މަސްމަހާމެހިވެސްމެ. އެފަދަ ދުވަހަކާއި ކުރިމަތިލާން ޖެހިއްޖެނަމަ ގެއްލުންވާނީ ހަމަ އަޅުގަނޑުމެން ދިވެހިންނަށް. އެހެންކަމުން ވަށައިގެން މިވާ މާޙައުލާއި އޭގައިވާ ދިރުންތަކާއި އެމާޙައުލުން ލިބޭ ޚިދުމަތްތަކުގެ އަގުވަޒަންކުރާ ބަޔަކަށް އަޅުގަނޑުމެން ވަމާހިނގާ“ ރާއްޖޭގެ ތިމާވެއްޓާއި ހަކަތައާބެހޭ ވަޒީރު ގޮވާލެއްވިއެވެ.