ޚަބަރު ފީތާ

އުއްތަމަ ފަނޑިޔާރު ޖަލަށްލާން ހުކުމްކޮށްފި

ދިވެހިރާއްޖޭގެ އުއްތަމަ ފަނޑިޔާރު އަލް އުސްތާޛު ޢަބްދުﷲ ސަޢީދު ޖަލަށްލާން ކްރިމިނަލް ކޯޓުން މިއަދު ހުކުމްކޮށްފިއެވެ.

4 މަހާއި 24 ދުވަހަށް ޖަލަށްލާން ހުކުމްކުރީ ދައުލަތުގެ އެއްއިދާރާއިން އަނެއް އިދާރާއަށް މަޢުލޫމާތާއި ސިޓީ ފޮނުވަން ޤާއިމުކޮށްފައިވާ ގަވަރމެންޓް އީ ލެޓަރ މެނޭޖްމަންޓް ސިސްޓަމް (ޖެމްސް)ގެ ޚިދުމަތް މެދުކަނޑާލުމަށް އުއްތަމަ ފަނޑިޔާރު އަބްދުﷲ ސައީދު އެންގެވިކަން ސާބިތުވެ، ދައުލަތުގެ މަސައްކަތަށް ހުރަސް އެޅިކަމުގެ ކުށުގައެވެ.

ކްރިމިނަލް ކޯޓުން މިއަދުކުރި ހުކުމުގައި ބުނެފައިވަނީ ހެކިންގެ ހެކިބަހަށް ބަލާ އިރު، އެއްވެސް ޝައްކެއް ނެތް މިންވަރަށް އެ މައްސަލަ އުއްތަމަ ފަނޑިޔާރުގެ މައްޗަށް ސާބިތުވާ ކަމަށެވެ. އަދި އެކަން ނަފީކުރެވޭ ވަރުގެ ހެއްކެއް ދިފާއުން ހުށަހެޅިފައިނުވާ ކަމަށެވެ.

އުއްތަމަ ފަނޑިޔާރުގެ ދިފާޢުގައި 4 ހެކިން ހުށަހެޅި އިރު، އޭގެ ތެރޭގައި ހިމެނެނީ ޖެމްސްގެ ޚިދުމަތް މެދުކަނޑާލަން އުއްތަމަ ފަނޑިޔާރު ސުޕްރީމް ކޯޓުގެ އިސް މުވައްޒަފަކަށް އެންގި އިރު އަރިހުގައި ހުންނެވި ސުޕްރީމް ކޯޓުގެ ފަނޑިޔާރު ޢަލީ ހަމީދާއި ޖުޑީޝަލް އެޑްމިނިސްޓްރޭޓަރު ހަސަން ސައީދުގެ އިތުރުން ދެ މީހެކެވެ.

އެހެންނަމަވެސް ޢަލީ ހަމީދު އާއި ހަސަން ސައީދުގެ ހެކިބަސް ކްރިމަނަލް ކޯޓުން ނަގައިފައެއް ނުވެއެވެ.

ޢަބްދުﷲ ސަޢީދުގެ މައްޗަށް ހުކުމް ސާބިތުވުމުން އަދަބާ ގުޅޭ ގޮތުން ވާހަކަ ދެއްކުމަށް ފުރުޞަތުދެ ފަރާތަށްވެސް ވަނީ ދެއްވާފައެވެ.

އެހެމްކަމުން އުއްތަމަ ފަނޑިޔާރުގެ ވަކީލު ނޫރުއްސަލާމް އަބޫބަކުރު ވަނީ މީގެ ކުރިން އުއްތަމަ ފަނޑިޔާރުގެ މައްޗަށް އެއްވެސް ބާވަތެއްގެ ކުށެއް ސާބިތުވެފައި ނުވާކަން ފާހަގަކޮށް، އަދަބު ލުއިކޮށްދުނުމަށް އެދިވަޑައިގެންފައެވެ. އަދި ޤާނޫނުގައިވާ ހަތަރު މަހާއި 24 ދުވަސް ދެބައިކުޅަ އެއްބަޔަށް ކުޑަކޮށްދިނުމަށްވެސް އެދިފައެވެ.

މީގެ އިތުރުން ގާޒީއަށް ލިބޭ އިޚްތިޔާރުގެ ދަށުން އެ އަދަބު ޖޫރިމަނާއަށްވެސް ބަދަލުކޮށް ދިނުމަށްވެސް އެދިވަޑައިގެންނެވިއެވެ. ނަމަވެސް ގާޒީ ނިންމެވީ ދައުލަތުން އެދުނު ގޮތަށް ހަތަރު މަހާއި 24 ދުވަހަށް އުއްތަމަ ފަނޑިޔާރު ޖަލަށް ލުމަށެވެ.

Rate this post