
ވޯލްޑްކަޕް ކޮލިފައިން: އިންގްލެންޑް ކުޅުނު ދެވަނަ މެޗުންވެސް މޮޅުވެއްޖެ.
2018 ވަނަ އަހަރު ރަޝިއާގައި ބާއްވާ ދުނިޔޭގެ އެންމެ ބޮޑު ފުޓްބޯޅަ މުބާރާތް ފީފާ ވޯލްޑްކަޕަށް ކޮލިފައިވުމަށް ރޭ ކުޅުނު ކޮލިފިކޭޝަން ގެ ދެވަނަ މެޗުންވެސް އިންގްލޭންޑް އާއި ޖާމަނީ މޮޅުވެއްޖެއެވެ.
އިންގްލޭންޑް މޮޅުވީ މަލްޓާގެ މައްޗަށް 0-2 ގެ ނަތީޖާއިން ކުރިހޯދައިގެންނެވެ.
އިންގްލޭންޑްގެ ވެމްބްލީ ސްޓޭޑިއަމްގައި ކުޅުނު މި މެޗުގައި އެޓީމުގެ ފަރާތުން ފަނގަޅުކުޅުމެއް ފެނިގެން ދިޔައިރު މެޗުގެ 29 ވަނަ މިނެޓްގައި އިންގްލެންޑުން ވަނީ ލަނޑެއްޖަހާ މެޗުގެ ލީޑުނަގާފައެވެ. މި ލަނޑު އެޓީމަށް ކާމިޔާބުކޮށްދިނީ ޑެނިއަލް ސްޓަރިޖްއެވެ. ޑެނިއަލް ސްޓަރިޖް ލަނޑެއްޖަހާ މެޗުގެ ލީޑުނެގިތާ މާގިނައިރުތަކެއް ނުވަނީސް ޑެލެ އަލީ ވަނީ އެޓީމުގެ ދެވަނަ ގޯލް ކާމިޔާބުކޮށްދީ ލީޑުފުޅާކޮށްދީފައެވެ.
ދެ ގޯލުގެ ލީޑަކާއެކީ ފުރަތަމަ ހާފް އިންގްލޭންޑުން ނިންމާލިއިރު ދެވަނަ ހާފްގައިވެސް ގޯލްޖަހާނެ ރަނގަޅު ފުރުސަތުތަކެއް އެޓީމަށް ވަނީ ލިބި ބޭކާރުވެގެން ގޮސްފައެވެ.
ރޭ މޯލްޓާ އަތުން ލިބުނު މި މޮޅާއެކީ އިންގްލޭންޑް މިވަގުތު އޮތީ ކުޅުނު ދެ މެޗުންވެސް މޮޅުވެ ލިބުނު ހަ ޕޮއިންޓާއެކީ، ގްރޫޕް އެފްގެ އެއްވަނައިގައެވެ. ހަތަރު ޕޮއިންޓާއެކީ ގްރޫޕްގެ ދެވަނައިގައި ސްކޮޓްލޭންޑް އޮތްއިރު ގްރޫޕްގެ ތިންވަނައިގައި އޮތް ސްލޮވީނިއާއަށް ވެސް ވަނީ ހަތަރު ޕޮއިންޓް ލިބިފައެވެ.
ގްރޫޕް ސްޓޭޖުގެ ތިންވަނަ މެޗުގައި، މި މަހުގެ 11 ވަނަ ދުވަހު އިންގްލޭންޑް ބައްދަލުކުރާނީ ސްލޮވީނިއާއާއެވެ.



