އެފްރިކާއާއި ކެރިބިއަން ޤައުމުތަކަށް ނިސްބަތްކޮށް ފާއިތުވި ހަފްތާގައި ހުތުރު އިބާރާތުން އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ވާހަކަ ދައްކާފައިވާތީ އެކަމަށް މާފަށް އެދުމަށް ޔުނައިޓަޑް ނޭޝަންސްގައި އެފްރިކާގެ ގައުމުތައް ތަމްސީލް ކުރާ އެމްބެސެޑަރުންތަކެއް ގޮވާލައިފިއެވެ.
އެމެރިކާގެ މީޑިއާއާއި ހަވާލާދީ އަލް ޖަޒީރާގައި ރިޕޯޓު ކޮށްފައިވާ ގޮތުގައި، ވައިޓްހައުސްގައި އޮތް ކޮންގްރެސް ބައްދަލުވުމެއްގައި، އެމެރިކާގެ އިމިގްރޭޝަން މައްސަލައާމެދު ވާހަކަ ދައްކަމުން ޓްރަމްޕް ވަނީ އެލް ސެލްވަޑޯރ، ހައިޓީ އަދި އެފްރިކާގެ ޤައުމުތަކަށް ނިސްބަތްކޮށް ހުތުރު ބަހުން މުޢާމަލާތު ކޮށްފައެވެ.
މިކަމާ ގުޅޭގޮތުން ޣާނާގެ ފަރާތުން ޔޫއެން އަށް ކަންޑައަޅާފައި ހުންނަވާ ސަފީރު މާތާ އަކްޔާ ޕޮބީ މިދިޔަ ހުކުރު ދުވަހު ވިދާޅޫވެފައި ވަނީ، ”ނަސްލީ އިމްތިޔާޒަށް ހިތްވަރު ލިބޭ ގޮތަށް އެމެރިކާގެ ރައީސް ދައްކާފައިވާ ވާހަކަތައް އެންމެ ހަރުކަށި އިބާރާތުން ކުށްވެރި ކުރާ ކަމަށާއި، އެފަދަ ދަށު ދަރަޖައިގެ އަމަލަކީ ބަލައިގަނެވޭނެ ކަމެއް ނޫން ކަމަށެވެ.
އަދި މި އަމަލަށް މާފަށް އެދުމަށް ވެސް އެފްރިކާ ބައްރުގެ ފަރާތުން އދ އަށް ކަނޑައަޅާފައިވާ ސަފީރުން ވަނީ ގޮވާލާފައެވެ.
މުޢުތަބަރު ފަރާތްތަކާއި ހަވާލާދީ ޔޫއެސް މީޑިއާގައި ބުނެފައިވާ ގޮތުގައި، އެމެރިކާގެ އިމިގްރޭޝަން މައްސަލައަށް ވާހަކަ ދައްކަމުން ކޮންގްރެސްގައި ކެރިބިއަން އަދި އެފްރިކާގެ ޤައުމުތަކަށް ނިސްބަތްކޮށް ޓްރަމްޕ ބުނެފައި ވަނީ، ”މިކަހަލަ މުޑުދާރު ޤައުމުތަކުން އެމެރިކާއަށް މީހުން އެތެރެވަނީ ކީއްވެ ކަމަށް. އަދި އެފަދަ ޤައުމުތަކުގެ ބަދަލުގައި ނޯވޭ ފަދަ ޤައުމުތަކުން މީހުން އެތެރެކުރުމަށް އިސްކަން ދިނުމަށް ޓްރަމްޕް ޚިޔާލު ދެއްވާފައިވާ ކަމަށެވެ.
ޓްރަމްޕްގެ މި ވާހަކައާއި ގުޅޭގޮތުން އދ ގެ އެފްރިކާ ބައްރުގެ ސަފީރުންގެ ސްޕޯކްސް ޕާރސަން އެއްބާ ކަލޮންޑޯ ވިދާޅުވެފައި ވަނީ، މާޒީވެ ގޮސްފައިވާ ތާރީޚުގައި އެފްރިކާގެ އެތައް އިންސާނުންނެއް އަޅުންގެ ގޮތުގައި އެމެރިކާއަށް ގެނެސް ވިއްކާލާފައި ވާތީ، ޓްރަމްޕްގެ މިފަދަ ވާހަކަތަކުގެ ސަބަބުން ނަސްލީ ތަފާތުކުރުންތައް އިތުރުވެ، ތަފާތު ނަސްލުގެ މީހުންނާމެދު އިހާނެތިކޮށް ހިތުން އާންމުވުމަށް މަގުފައިވުން އެކަށީގެންވާ ކަމަށެވެ.
އދ ގައި އެފްރިކާގެ ބައްރު ތަމްސީލުކުރާ ސަފީރުން ޓްރަމްޕްގެ ވާހަކަތަކަށް ނުރުހުން ފާޅުކޮށް ކުއްވެރިކޮށްފައި ވާއިރު، އެފްރިކާއާއި ބެހޭގޮތުން އެފަދަ ބޭއަދަބީ ގޮތަކަށް ވާހަކަ ދެއްކި ކަމަށް ޓްރަމްޕް ވަނީ އިންކާރު ކޮށްފައެވެ.