ބޭންކުތަކުން ހެޔޮއަގުގައި ހައުސިން ލޯނުދިނުމަށް ގަވަރުނަރު އަޒީމާ ގޮވާލައްވައިފި

ގެދޮރު އިމާރާތްކުރުމަށާއި ގޮދޮރު ގަތުމަށް ހެޔޮއަގުގައި، ލުއިފަސޭހަ ކަމާއެކު، ލޯނު ލިބޭނެ ވަސީލަތްތައް ހުޅުވައިދިމުނަށް، ރާއްޖޭގެ ބޭންކުތަކަށް އެމްއެމްއޭގެ ގަވަރުނަރު ޑޮކްޓަރ އަޒީމާ އާދަމް ގޮވާލައްވައިފިއެވެ.

އެކަމަނާ މިގޮތަށް ގޮވާލެއްވީ، މޯލްޑިވްސް ފައިނޭންޝަލް އެކްސްޕޯ 2017 ހުޅުވުމުގެ ރަސްމިއްޔާތުގައި މިއަދު ހެނދުނު ވާހަކަފުޅު ދައްކަވަމުންނެވެ.

އިޝްތިހާރު ބައިވެރވާ ފޯމު ފުރުމަށް މިތަނަށ ފިތާލާ

މިއަހަރުގެ ފައިނޭންޝަލް އެކްސްޕޯ ގެ ތީމަކީ ހައުސިން އެންޑް ފައިނޭންސެވެ. ގަވަރުނަރު އަޒީމާގެ ވާހަކަފުޅުގައި، އެ ތީމު، އެކްސްޕޯ އަށް ޚިޔާރުކުރެއްވީ، ރާއްޖޭގެ ތަރައްގީގައި މިވަގުތު އެންމެ މުހިންމު ކުރިއެރުމެއް ހޯދަންޖެހިފައިވާ ދާއިރާއަކީ ގެދޮރުވެރިކަން ކަމަށްވާތީ ކަމަށާއި، “ގެދޮރުވެރިކަމާ ނުލައިވެސް، ގައުމެއްގެ އިގްތިސާދީ ދުވެލި ވަރަށް ބާރުމިނެއްގައި ކުރިއަށް ގެންދެވިދާނެ. ނަމަވެސް ރައްޔިތުންގެ ދިރިއުޅުމުގެ ފެންވަރު މަތިކުރެވޭނީ، ރައްޔިތުން ބާރުވެރި ކުރެވޭނީ، ގައުމުގެ ތަރައްގީގެ ފޮނިމީރުކަން ރައްޔިތުމީހާއަށް ގެނެސްދީ، އޭނާގެ މޫނަށް ހިނިތުންވުން ގެނެސްދެވޭނީ، ކޮންމެ މީހަކަށްވެސް އަމިއްލަ ގެދޮރު ހުރެގެން. އަދި އެއީ ޝަރަފުވެރިކަމާއި އަބުރުވެރި ކަމާއެކީ، އޭނާއާއި އޭނާގެ އާއިލާއަށް ދިރިއުޅެވޭނެވަރުގެ ގެއެއް، ނުވަތަ، ފްލެޓަކަށްވެގެން” ކަމަށް ވިދާޅުވިއެވެ. ގަވަރުނަރު ވިދާޅުވި، އެކަން އޮގޮތަށް ކުރެވޭނީ،   ހައުސިން ޕޮލިސީ އެގޮތަށް ބައްޓަންކުރެވިގެން ކަމަށާއި، އަދި ކޮންސްޓްރަކްޝަނަށް ހިނގާ ހަރަދު، އަތްފޯރާފަށް ތިރިކުރެވިގެން ކަމަށާއި ކޮންސްޓްރަކްޝަން ކުންފުނިތަކަށް މާލީ އިދާރާތަކުން، ޚަރަދު ކުޑަގޮތެއްގައި، ލޯނު ލިބޭނެ މަގުފަހިވެގެންކަމަށާއި، އެންމެ އާދައިގެ ވަޒީފާ އަދާކުރާމީހާއަށްވެސް، އޭނާގެ އަމިއްލަ ގެއެއް، ނުވަތަ ފްލެޓެއް އިމާރާތްކުރުމަށް، ނުވަތަ ގަތުމަށް ލޯނު ލިބެންޖެހޭނެ ކަމަށެވެ. “ހައުސިން ލޯނަކީ، އޭނާގެ ވަޒީފާއިން ލިބޭ މުސާރައިން ދެއްކޭނެ ލޯނަކަށް ވާންއެބަޖެހޭ. ހައުސިން ލޯނަކީ، ހަމައެކަނި މުއްސަނދި، ނުވަތަ ބޮޑު މުސާރަލިބޭ މީހުންނަށް އެކަނި ލިބޭ އެއްޗަކަށް ވެގެނެއްނުވާނެ” ގަވަރުނަރު ވިދާޅުވިއެވެ.

 

ގަވަރުނަރު އަޒީމާގެ ވާހަކަފުޅުގައި، ވޭތުވެދިޔަ ދެތިން އަހަރު ތެރޭގައި ރާއްޖޭގެ މާލީ ދާއިރާއަށް އައިސްފައިވާ ކުރިއެރުންތަކަށްވެސް އަލިއަޅުއްވައިލެއްވިއެވެ. އެގޮތުން،  އިތުރު ކޮމާރޝަލް ބޭންކަކާއި، ދެ އިންޝޫރެންސް ކުންފުނިވަނީ ހުޅުވިފައިވާ ކަމަށާއި، ދިވެހިރާއްޖޭގެ ޕޭމަންޓް ސިސްޓަމަށް ޒަމާނީ ހެޔޮބަދަލުތަކެއް އައިސްފައިވާ ކަމަށާއި، ޗެކް ކްލިއަރިން އޮޓޮމޭޓްވުމާއި މޯބައިލް ޕޭމަންޓާއި އިންޓަނެޓް ބޭންކިން ވަނީ ވަރަށްބޮޑުތަން ތަރައްގީވެފައިވާކަން ފަހަގަ ކުރެއްވިއެވެ. އަދި ހަމައެހެންމެ، ރާއްޖޭގައި ހުޅުވާފައިވާ ބޭންކްތަކުގެ ސީނިއަރ މެނޭޖްމަންޓްގައި ދިވެހިންގެ ބައިވެރިވުން އިތުރު ކުރުމުގެ ގޮތުން މިހާރު ވަނީ ގާތްގަނޑަކަށް ހުރިހާ ބޭންކްތަކުގައި ސީއީއޯ ނުވަތަ ޑެޕިއުޓީ ސީއީއޯ ގެ މަޤާމަށް ދިވެހިން ހަމަޖައްސާފައިވާކަންވެސް ފަހަގަކުރެއްވިއެވެ.

މޯލްޑިވްސް ފައިނޭންޝަލް އެކްސްޕޯ އަކީ 2017 އަކީ ޢާންމުންގެ މެދުގައި މާލީ އަދި އިޤްތިޞާދީ ކަންކަމާ ބެހޭގޮތުން ހޭލުންތެރިކަން އިތުރުކުރުމާއި، އާންމުންނާއި މާލީ އިދާރާތަކުގެ ގުޅުން އިތުރަށް ހަރުދަނާ ކުރުމަށް މަގުފަހިކުރުމަށް ބޭއްވޭ މިފަދަ ދެވަނަ އެކްސްޕޯއެވެ. މި އެކްސްޕޯގައި ގެދޮރު ގަތުމަށާއި އަމިއްލަ ފަރާތްތަކުން ބިންތައް އިމާރާތް ކުރުމަށް ހުރި ފުރުސަތުތަކާއިި، މާލީ އިދާރާތަކުން އެކަމަށް ފައިނޭންސް ހޯދޭނެ ގޮތްތަކާ ބެހޭ މައުލޫމާތު ލިބިގެންދާނެއެވެ. އަދި މާލީ އިދާރާތަކުން ދޭ ހިދުމަތްތަކުގެ މައުުލޫމާތު ފޯރުކޮށްދިނުމުގެ އިތުރުން، ބައެއް ހިދުމަތްތަކުގެ އެޕްލިކޭޝަން ފޯމް ބަލައިގަތުމަށްވެސް ވަނީ ހަމަޖެހިފައެވެ. އަދި އެކްސްޕޯ ކުރިއަށްދާއިރު މާލީ އިދާރާތަކުން އަލަށް ތަޢާރަފްކުރާ ހިިދުމަތްތައް އިފްތިތާހުކުރުމަށްވެސް ވަނީ ހަމަޖެހިފައެވެ. މީގެ އިތުރުން، އިގްތިސާދާއި، މާލީ ކަންކަމާ ބެހޭ ގޮތުން މައުލޫމާތު ދިނުމަށާއި ހޭލުންތެރިކަން އިތުރު ކުރުމުގެ ގޮތުން އާންމުންނަށް ހުޅުވާލެވިގެން ތަފާތު ސެމިނާތަކެއްވެސް ކުރިއަށް ދާނެއެވެ.

މޯލްޑިވްސް ފައިނޭންޝަލް އެކްސްޕޯ 2017 ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވަނީ ޖުލައި މަހުގެ 6 އިން 8 އަށް ދަރުބާރުގޭގައެވެ. މިގޮތުން މިއަހަރުގެ އެކްސްޕޯގެ ބޭއްވުމަށް ހަމަޖެހިފައިވަނީ އެސޯސިއޭޓް ޕާޓްނަރެއްގެ ގޮތުން ހައުސިން ޑެވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ) އާ ގުޅިގެން، ”ހައުސިން  އެންޑް ފައިނޭންސް“ ތީމުގެ ދަށުންނެވެ.

މިއަހަރުގެ އެކްސްޕޯގައި ބައިވެރިވާ ފަރާތްތަކުގެ ތެރޭގައި ރާއްޖޭގައި ޚިދުމަތްދޭ ހުރިހާ ބޭންކުތައް، އިންޝުއަރެންސް ކުންފުނިތައް، ހައުސިން ޑެވެލޮޕްމަންޓް ފައިނޭންސް ކޯޕަރޭޝަން (އެޗްޑީއެފްސީ)، މޯލްޑިވްސް ފައިނޭންސް ލީސިން ކޮމްޕެނީ (އެމްއެފްއެލްސީ)، ކެޕިޓަލް މާކެޓް ޑެވެލޮޕްމަންޓް އޮތޯރިޓީ (ސީއެމްޑީއޭ)، މޯލްޑިވްސް ސްޓޮކް އެކްސްޗޭންޖް (އެމްއެސްއީ)، މޯލްޑިވްސް ޕެންޝަން އެޑްމިނިސްޓްރޭޝަން އޮފީސް (އެމްޕީއޭއޯ)، މިނިސްޓްރީ އޮފް އިކޮނޮމިކް ޑެވެލޮޕްމަންޓް، މޯލްޑިވްސް އިންލޭންޑް ރެވެނިއު އޮތޯރިޓީ (މީރާ)، ދިރާގު އަދި އޫރިދޫ ހިމެނެއެވެ. މީގެ އިތުރުން، ރިއަލް އެސްޓޭޓް ޑިވެލޮޕަރސް އާއި ކޮންޓްރެކްޓަރުން އަދި އާކިޓެކްޓުންނާއި އިންޓީރިއާރ ޑިޒައިނަރުންނާ އެކު ޖުމްލަ 30 އަށް ވުރެ ގިނަ އެގްޒިބިޓަރުން ބައިވެރިވާނެއެވެ.

މިލިޔުން ކިޔާލުމުން

ވައިބަރ ޗެނަލަށް ވަންނަވާ
އިޝްތިހާރު

ޚިޔާލު ފާޅުކުރައްވާ


ގުޅުން ހުރި ލިޔުންތައް

Below Comments Ad
Back to top button
Close

Ad blocker Detected ! ފޮޓޯ ބްލޮކް ކުރާއެއް ފެނިއްޖެ

ތިޔަ ޑިވައިސްގައި ފޮޓޯ ބްލޮކް ކުރާ ސޮފްޓްވެއަރ/އެޕް އެއް އަޅާފައި އެބަހުއްޓެވެ. އެހެންކަމުން މިވެބްސައިޓްގައިވާ ފޮޓޯތައް ނުފެނުން އެކަށީގެންވެއެވެ. ފޮޓޯތައް ފެންނަ ގޮތަށް ވަނުމަށްޓަކައި ފޮޓޯ ބްލޮކް ކުރާ (އެޑް ބްލޮކަރ) އޮފކޮށްލައްވާށެވެ.