އެސްޓީއޯ 393 ވެއާރހައުސް މާލެ އިންޑަސްޓްރިއަލް ވިލެޖަށް ބަދަލު ކުރުމަށް ބޭނުންވާ ބިން އެސްޓީއޯ އަށް ހަވާލު ކުރުމަށް މިއަދު ހައުސިންގ މިނިސްޓްރީ އާއި އެސްޓީއޯ އިން އެއްބަސްވުމެއްގައި ސޮއިކޮށްފިއެވެ.
ހައުސިންގ މިނިސްޓްރީގައި މިއަދު ބޭއްވި ރަސްމިއްޔާތުގައި ހައުސިންގ މިނިސްޓްރީގެ ފަރާތުން ސޮއި ކުރެއްވީ ހައުސިންގ މިނިސްޓަރ ޑރ. މުޙައްމަދު މުއިއްޒު އެވެ. އަދި އެސްޓީއޯގެ ފަރާތުން ސޮއި ކުރެއްވީ އެކުންފުނީގެ މެނޭޖިންގ ޑިރެކްޓަރ އަޙްމަދު ޝަހީރު އެވެ.
ސަރުކާރުގެ އަމާޒުތަކުގެ ތެރެއިން މާލެސިޓީ އިތުރަށް ޑިވެލޮޕްކުރުމަށްޓަކައި މާލެ ތެރޭގައި ހުރި ސްޓޯރޭޖް ޔުނިޓްތަށް އެއްތަނަކަށް ބަދަލުކުރުމަށް ހާއްސަ ސަމާލުކަމެއް ދެއްވަމުންދާތީ، މިކަމުގައި އެކުންފުނީގެ ފަރާތުން ފުރިހަމަ އެއްބާރުލުން ދެމުންދާކަން އެސްޓީއޯއިން ފާހަގަ ކުރިއެވެ.
އެސްޓީއޯ އިން ބުނީ މި ބަދަލުގެ އެންމެ ބޮޑު މަޤްސަދަކީ އެސްޓީއޯގެ ގުދަންތަށް އެއްތަނަކަށް ގެނެސް ވީހާވެސް އެފިޝިއެންޓްކޮށް ލޮޖިސްޓިކްސްގެ ކަންކަން ކުރިއަށް ގެންދިއުންކަމަށްށެވެ. މި ޢިމާރާތަކީ އެންމެޒަމާނީ ވަސީލަތްތަށް ޤާއިމްކުރެވިގެން ޢިމާރާތްކުރެވޭ މަލްޓިސްޓޯރީ ވެއަރހައުސްއެކެވެ. މި ގުދަން ބަދަލު ކުރެވެނީ އިންޑަސްޓްރިއަލް ވިލެޖްގެ 05 ނަންބަރ ކޮށްޓަށެވެ.
އެސްޓީއޯ ބްލޮކް 393 ވެއަރހައުސްގައި މިހާރު ގުދަންކޮށްފައި ހުންނަނީ ކާޑެވެ.