
ރައްޔިތުން މަޖިލީހުގެ ރައީސްގެ އިތުބާރުނެތް ކަމުގެ މައްސަލަ މަޖިލީހަށް ހުށަހަޅައިފި
ރައްޔިތުންގެ މަޖިލީހުގެ ރައީސް އަބްދުﷲ މަސީހްގެ އިތުބާރުނެތް ކަމުގެ މައްސަލަ މަޖިލީހަށް ހުށަހަޅައިފިއެވެ.
މަޖިލީހުގެ 26 މެންބަރުންގެ ސޮޔާއެކު މިއަދު ހުށައެޅި މި މައްސަލަ ހުށަހެޅުމުގައި އިސްކޮށް ހަރަކާތްތެރިވަނީ ރައީސް މައުމޫންގެ ދަރިކަލުން ފާރިސް މައުމޫން އާއި މާއުމޫން ފެކްޝަންގެ މެންބަރުންގެ އިތުރުން އެމްޑީޕީ އާއި ޖޭޕީ މެންބަރުންނެވެ.
މަޖިލީހުގެ ރައީސް އަބުދުﷲ މަސީހްގެ އިތުބާރު ނެތް ކަމުގެ މައްސަލައެއް މިދިޔަ އަހަރުގެ މާޗު މަހުގައި ވެސް ވަނީ ހުށައަޅާފައެވެ. އެހެން ނަމަވެސް އެފަހަރު މަޖިލީހުގެ 22 މެމްބަރު ސޮޔާއެކު ހުށަހެޅި އެ މައްސަލަ އަނބުރާ ވަނީ ގެންގޮސްފަ އެވެ. އެ މައްސަލަ އަށް މެމްބަރުންގެ މެދުގައި ބަހުސްކޮށް ވޯޓަށް އަހާފައެއްވެސް ނުވެ އެވެ.
މަޖިލިހުގެ ރައީސްގެ މައްޗަށް އިތުބާރު ނެތް ކަމަށް ފާސްވާނީ އެ ދުވަހެއްގެ ޖަލްސާއެއްގައި ވޯޓުގައި ބައިވެރިވާ މެމްބަރުންގެ އަޣުލަބިއްޔަތުންނެވެ. މަސީހުގެ މައްޗަށް އިތުބާރު ނެތްކަމަށް މަޖިލީހުގެ ތަޅުމުން ފާސްވެއްޖެނަމަ އެ މަގާމުން މަސީހު އިސްތިއުފާ ދެއްވުމަށް މަޖުބޫރުވާނެ އެވެ.
އެހެން ނަމަވެސް މަޖިލީހުގެ ރައީސް ވަކިކުރުމާ ބެހޭ ބަހުސްގައި ބައިވެރިވެ ދިފާއުވުމުގެ ހައްގު ރައީސަށް ލިބިގެންވެ އެވެ. އެހެން ނަމަވެސް ވޯޓުގައި ބައިވެރިއެއް ނުވެވޭނެއެވެ.
މަޖިލީހުގެ ގަވާއިދުގައިވާ ގޮތުން މަޖިލީހުގެ ރައީސްގެ އިތުބާރު ނެތް ކަމުގެ ވޯޓު ނަގަން ބޭނުންނަމަ ސަބަބު ބަޔާންކޮށް 15 މެމްބަރުންގެ ސޮޔާއެކު ލިޔުމަކުން މަޖިލީހަށް ހުށަހެޅިދާނެ އެވެ. އަދިި އެ މައްސަލައެއް މަޖިލީހަށް ލިބޭތާ ތިން ދުވަސް ތެރޭގައި މެމްބަރުންނަށް ނޯޓިސް ފޮނުވަން ވާނެ އެވެ.
ރައްޔިތުން މަޖިލީހުގެ ރައީސް މަސީހް މަޖިލީހުގެ ރައީސްކަމުން ވަކިކުރުމަށް މަޖިލީހުގެ ތަޅުމަށް ހުށައަޅާފައިވާއިރު އެމައްސަލައާއި ބެހޭގޮތުން އަދި މަސީހް ނިސްބަތްވާ ޕީޕީއެމްއަކުން އެއްވެސް އެއްޗެއް ބުނެފައެއް ނުވެއެވެ.



