މަލިކުގައި ނެތިގެއްލެމުންދާ ދިވެހި ބަސް (1)

މުޙައްމަދު ނާޖިޙު

ތަޢާރަފު

ބަހަކީ ވަތަނެއްގެ ވަތަނިއްޔަތު ދައްކުވައިދޭ ރަމްޒުތަކުގެ ތެރެއިންވާ މައިގަނޑު އެއްރަމްޒެވެ. އަމިއްލަ ބަހެއް ލިބިފައި އޮތުމީ އެގައުމެއްގެ ނުވަތަ އެބައެއްގެ މިނިވަންކަމާއި އަމިއްލަ ވަންތަކަން ދައްކުވައިދޭ ވަރުގަދަ ނިޝާނެކެވެ. އެގައުމަކުން ނުވަތަ އެތަނަކުން އެގައުމެއްގެ ނުވަތަ އެތަނެއްގެ އަމިއްލަ ބަސް ނެތިގެން ހިނގާއްޖެނަމަ، ނެތިގެން އެދިޔައީ އެގައުމެއްގެ ގައުމިއްޔަތުގެ އެއްތަނބެވެ.

އިޝްތިހާރު Below Header ad

އަދި އެތަނެއްގެ އަމިއްލަވަންތަކަން ރަމްޒުކޮށްދޭ މައިގަނޑު ބިނާއެވެ. ދިވެހިރާއްޖޭގެ އުތުރުން 70 ވަރަކަށް މޭލު ފޭގައި އޮންނަ މަލިކުގެ އަމިއްލަވަންތަކަން ރަމްޒުކޮށްދޭ މައިގަނޑު އެއްބިނާއަކީ އެރަށުގެ އަހުލުވެރިންގެ މާދަރީ ބަހެވެ. ނުވަތަ އެބައިމީހުން ބުނާ ގޮތުންނަމަ އޭރެންގެ މައިދަރި ބަހެވެ. އެއަށް އުތުރުކަރައިގެ ރަސްމީ އިދާރާތަކުން “މަހަލް” ބަހޭ ކިޔަސް، އެނގި ފާޅުވެގެންވާ ހަގީގަތަކީ މަލިކު މީހުން މޮށެއުޅޭ ބަހަކީ ދިވެހި ބަސްކަމެވެ.

މީލާދީން 18 ވަނަ ގަރުނުގެ ތެރޭގައި ދިވެހިރާއްޖޭގެ ސިޔާސީ ބާރުވެރިކަމުގެ ދަށުން ވަކިވެގެން ގޮސް ކަންނަންނޫރު ޢަލީ ރާޖާގެ ބާރުވެރިކަމުގެ ދަށަށް ގޮސް، އެބައިމީހުންގެ އަތްދަށުން އުތުރުކަރައިގެ އެކި ދައުލަތްތައް އެއްކޮށްލައިގެން ވެރިކަން ކުރަމުން ދިޔަ އިނގިރޭސީންގެ ވެރިކަމުގެ ދަށަށް މަލިކު ދިޔައެވެ.

އަދި 1948 ގައި އެތެރެވަރީގައި ހުރި ގިނަ ގައުމުތަކެއް އެއްކޮށްލައިގެން އިނގިރޭސީން އުފެއްދި އިންޑިޔާއަށް މިނިވަންކަން ދިނުމަށްފަހު، 1956 ގައި މަލިކު އިންޑިޔާގެ ޔޫނިއަން ޓެރިޓަރީއަކަށް ހަމަޖެއްސުމާއި ހަމައަށް މަލިކު އޮތީ ދާޚިލީ މިނިވަންކަން ލިބިގެންވާ މިނިވަން ރަށެއްގެ ގޮތުގައެވެ.

މަލިކު އިންޑިޔާގެ ސިޔާސީ ވެރިކަމުގެ ދަށަށް ދިޔުމަށްފަހު މަލިކު އެއްކުރެވުނީ، މަލިކުގެ އުތުރުން 114 ވަރަކަށް މޭލެ ފޭގައި އޮތް އެބައިމީހުންނާ ބީރައްޓެހި ބަހަކާއި، އާދަކާދަތަކަކާއި ސަގާފަތްތަކެއް ގެންގުޅޭ ލަކުޑިދީބުގެ ރަށްތަކުގެ ތެރެއަށް ކަމަށްވިޔަސް، އެދުވަހާއި ޖެހޭންދެންވެސް މަލިކުގެ ހުރިހައި ގުޅުމެއް އޮތީ ދިވެހިރާއްޖެއާއެވެ.

މިގޮތުން 1956 އާއި ހަމައަށް މަލިކުގައި ވާހަކަ ދައްކަމުން ދިޔަ ދިވެހި ބަހުގެ ބަހުރުވައާއި ދިވެހިރާއްޖޭގެ އެންމެ އުތުރުގައިވާ ތިލަދުންމަތީގެ ރަށްތަކުގެ ދިވެހި ބަހުރުވައާއި އެއްވެސް ތަފާތެއްނުހުރެއެވެ. އެއްރަށް އަނެއްރަށާއި ހުންނަ ކުދިކުދި ތަފާތުތައް ނުހުންނާނެ ވާހަކައެއް ނޫނެވެ. އެހެންކަމުން ދިވެހި ބަހުގެ އާއްމު ބަހުރުވަ ކަމަށްވާ މާލޭ ބަހާއި މަލިކުބަސް ވެފައި އޮތީ މާބޮޑު ތަފާތެއްނެތް އެއްބަހުރުވައެއްގެ ގޮތުގައެވެ.

އަޅުގަނޑުމެންގެ އައްޑޫ، ހުވަދޫ އަދި ފުވައްމުލަކުގައި ވާހަކަދައްކައިއުޅޭ ދިވަހި ބަހުގެ ބަހުރުވަތަކާއި ޚިލާފަށް މަލިކުގައި ވާހަކަދައްކާ ބަހުރުވައަކީ އެޒަމާނުގައި ވަކި ބަހުރުވައެކޭ ދެންނެވޭން އޮތް ބަހުރުވައެއްވެސް ނޫނެވެ.

މަލިކު ބަސް އާއްމު ދިވެހި ބަހާއި ވަކިވެ ތަފާތު ބަހުރުވައެއްގެ ގޮތުގައި ތަރައްގީވީ ނުވަތަ ތަރައްގީވުމަށްވުރެ ބޮޑަށް ނެތިދާން ފެށީ 1956 ގެ ފަހުންނެވެ. ދިވެހިރާއްޖެއާއި މަލިކާ ދެމެދު އޮތް ދަތުރުފަތުރުގެ ނިޒާމް ހުއްޓުމަކަށް އައި ދުވަހުން ފެށިގެންނެވެ. އެދުވަހުން ފެށިގެން އާއިލާތަކާއިއެކު ބަސްވެސް ވަކިވެގެން ދިޔައެވެ.

އަދި ދިވެހި ބަސް ޒަމާނާއެކު ކުރިއަރައިގެން ދިޔައެވެ. ޢަރަބި ބަހުގެ ނުފޫޒާއި، އިނގިރޭސި ބަހުގެ ނުފޫޒުގެ ތެރެއިން ލާފައެވެ. މަލިކު ބަސް މުޅީން ވަކި ބަހެއްގެ ގޮތުގައި ސިފަޖެހެމުން އައިސް، މަލިކު އެބަޔަކާ އެއްކޮށްލެވިފައިވާ ލަކުޑިދީބު ނުވަތަ އެތަނުގެ ރަސްމީ ނަމުންނަމަ ލަކްޝަދީޕްގެ މައިބަސް ކަމަށްވާ ހޮޅިބަހާއި މަސްހުނި ވަމުން ދިޔައެވެ.

އަދި އޭގެ އިތުރަށް އިންޑިޔާގެ މައިބަސް ކަމަށް ދަޢުވާކުރާ ހިންދީ ބަހުގެ ނުފޫޒު މަލިކުބަހުގެ ތެރެއަށް ވަދެގެން ދިޔައެވެ. ޒުވާނުން ޖަވާނުންނަށްވިޔެވެ. ފަސޭހަކަމާއެކު ދިވެހި ބަހުން ކިޔަމުން ދިޔަ ބައެއް އަޑުތައް އެބަސްބަހުން ކިޔަމުން އަންނަ ގޮތަށް ބަދަލުވިއެވެ. ޒައިނަބު ސައިނަބަށް ބަދަލުވިއެވެ.

މަލިކު މުރައިދުގަނޑުވަރު ޑރ.ޢަބްދުލް މުނީރު ފަތްތޫރައިގެ 301 ވަނަ ޢަދަދުގައި ލިޔުއްވާފައިވަނީ މިފަދައިންނެވެ. “1956 ވަނަ އަހަރަށްފަހު މަލިކާއި ދިވެހިރާއްޖެއާއި ދެމެދުގައި އޮންނަ ގުޅުން ކެނޑުމުގެ ސަބަބުން އަޅުގަނޑުމެންގެ ބަހުގެ ތަރައްޤީވަނީ ހުއްޓުމަކަށް އައިސްފައެވެ.

މިހާރު ގިނަ ޢަދަދަކަށް ހޮޅި (މަލަޔާޅަމް)، ހިންދީ، އަދި އިނގިރޭސި ބަސްތައްވަނީ މަލިކުގެ ދިވެހިބަހާއި މަސްހުނިވެ ބޭނުން ކުރަންފަށާފައެވެ. މިގޮތަށް އެބަހާއި އެހެން ބަސްތައް މަސްހުނި ކުރުމަކީ އަޅުގަނޑު ދެކޭގޮތުގައި އަޅުގަނޑުމެންގެ ބަހަށް ލިބޭ ވަރަށް ބޮޑު ގެއްލުމެކެވެ. އަދި މާގިނަ ދުވަހެއްނުވެ އަޅުގަނޑުމެންގެ މި މާދަރީބަސް އުވިގެންދާނެކަމީ އެއްވެސް ޝައްކެއް އޮތްކަމެއްނޫނެވެ.”

ދިވެހި ބަސް މަހަލް ބަހަށް ބަދަލުވުން

މަލިކު ބަހަށް އިންޑިޔާގެ ރަސްމީ އިދާރާތަކުން ދިންނަމަކީ “މަހަލް”އެވެ. މަލިކާއި ދިވެހިރާއްޖެއާއި އޮތް ގުޅުން ދިރާސާކުރުމަށްޓަކައި މަލިކަށް ވަޑައިގެންނެވި ދިވެހިރާއްޖޭގެ ކަމުވޮށިވެގެންވާ ބޭފުޅަކު ވިދާޅުވީ މަލިކު ބަހަށް ރަސްމީކޮށް މަހަލްއޭ ކިޔުނީ ހަތްދިހައިގެ އަހަރުތަކުގެ ތެރޭގައި މަލިކުގެ ބޯހިމެނުގެ ކަންތައް ބަލަހައްޓަން އައި އުތުރުކަރައިގެ ސަރުކާރުގެ އޮފިސަރުން ގާތު މަލިކުގެ ބަހަކީ މަހަލްކަމަށް މަލިކުގެ އިސްބޭފުޅަކު ވިދާޅުވެގެންނެވެ.

އެހެންނަމަވެސް މަހަލް މިނަމަކީ އިނގިރޭސީންގެ ދުވަސްވަރުން ފެށިގެން މަލިކު ބަހަށް ކިޔަމުން އަންނަ ނަމެކެވެ. މަލިކާއި ބެހޭގޮތުން މިހާތަނަށް އެންމެ ފުރިހަމަ ދިރާސާއެއް ހައްދަވާފައިވާ ބޭފުޅަކީ ޖަރުމަނު ވިލާތުގެ ބޭފުޅެއް ކަމަށްވާ ޑރ.އެލަން ކާޓްނަރއެވެ. ޑރ. އެލަން ކާޓްނަރގެ މަސައްކަތާއި ބެހޭގޮތުން މަލިކުގައި ދިވެހި ބަސް ކުރިއެރުއްވުމަށްޓަކައި މިންނަތާއެކު މަސައްކަތް ކުރައްވަމުން ގެންދަވާ ބޭފުޅެއް ކަމުގައިވާ މަލިކު މުރައިދުގަނޑުވަރު، ޑރ.ޢަބްދުލްމުނީރު “މަހަލްބަހަކީ ކޮންބަހެއްބާ؟” މިސުރުޚީގެ ދަށުގައި ފަތްތޫރައިގެ 301 ވަނަ ޢަދަދުގައި ލިޔުއްވާފައިވެއެވެ.

“ބޭރުގެ ރިސާޗަރެއްކަމުގައިވާ ޑރ. އެލެން ކާޓްނާގެ ރިސާޗް ޕޭޕަރުގައި މަލިކުގެ އާދަކާދަތަކާއި އަދި ތާރީޚާއި ބެހޭގޮތުން ތެދުވެރިކަމާއެކު ވަރަށް ރަނގަޅަށް ހަގީގަތް ހާމަކުރައްވާފައިވެއެވެ. އޭނާގެ ލިޔުއްވުމުގައި މަލިކުގައި ވާހަކަދައްކާ ބަހަކީ ދިވެހިރާއްޖޭގައި ވާހަކަދައްކާ ދިވެހިބަސްކަމަށާއި އަދި އަކުރަކީ ތާނަ އަކުރުކަމަށް ވިދާޅުވެފައިވެއެވެ.”

ޑރ.އެލަން ކާޓްނަރ (1990) މަލިކާއި ބެހޭގޮތުން ލިޔުއްވާފައިވާ ލިޔުއްވުމުގެ ތަރުޖަމާގައިވެއެވެ. “މަލިކު މީހުން ވާހަކަ ދައްކާ ދިވެހި ބަހުގެ ބަހުރުވައަށް ބޭރު މީހުން ކިޔައި އުޅެނީ ‘މަހަލް’ އެވެ. މިކަމަކީ މަލިކު މީހުންނަށް ވަރަށް ހެއްވާކަމެއްކަމުގައިވެއެވެ. ފުރައްކާޑު މޫސާ ބޭފާނު (މަލިކު ބޮޑުގަނޑުވަރު މޫސާ އަންވަރު) ވިދާޅުވާ ގޮތުން އެއީ އަރާފައިވާ އޮޅުމެކެވެ.

އޭނާ އަޅުގަނޑު ގާތުގައި ވިދާޅުވެފައިވަނީ: ‘އިނގިރޭސި އޮފިސަރަކު މަލިކުގައި ހުރި ހުރުމުގައި ރަށުގެ އަހުލުވެރިންގެ ބަހާއިބެހޭ ގޮތުން ރަށުގެ މީހަކާއި ސުވާލު ކުރިއެވެ. ޖަވާބުގައި އެމީހާ ބުނީ މަހަލްދީބު ބަސް (މާނައަކީ ދިވެހިރާއްޖޭގެ ބަސް) ކަމަށެވެ. އެތަނުން އިނގިރޭސި އޮފިސަރަށް ނޯޓު ކުރެވުނީ މަހަލް އެވެ.’ މިއެވެ.”

އިނގިރޭސި އޮފިސަރު ސުވާލު ކުރުމުން މަލިކު މީހާ މޯލްޑިވް ބަހޭ ނުބުނެ މަޙަލްދީބު ބަހޭ ބުނި ސަބަބު ވިސްނަވާލެއްވީމަ ސާފުވާނެއެވެ. އެހެނީ އެދުވަސްވަރު ދިވެހިންނާއި މަލިކު މީހުންނަށް އިނގިރޭސި ބަހަކީ ވަރަށް ބީރައްޓެހި ބަހެކެވެ. އެތެރެވަރީގައި ދިވެހިރާއްޖޭގެ ނަން މަޝްހޫރުވެފައިވަނީވެސް މަޙަލްދީބު ނުވަތަ މާލްދީޕް ފަދަ ނަންނަމުންނެވެ.

އެހެންކަމުން ބައިނަލްއަގުވާމީ ގޮތުންވެސް ރަސްމީ ގޮތުންވެސް ދިވެހިރާއްޖޭގެ އެދުވަސްވަރުގެ ނަމަކީ މަޙަލްދީބު ކަމަށްވުމުން އެމީހާ، އެއިނގިރޭސި އޮފިސަރަށް ފަސޭހައިން ސާފުވާނޭހެން މަޙަލްދީބު ބަހޭ ބުނީއެވެ. ދިވެހިރާއްޖޭގެ ބަހޭ ބުންޏަސް އެމީހާއަށް ނޭނގޭނެކަން އެނގޭތީއެވެ. ދެން މީހަކު ކޮށްފާނެ ސުވާލަކީ ދިވެހި ބަހޭ ނުބުނީ ކީއްވެބާއެވެ.

އޭގެ ޖަވާބަކަށް އޮތީ އެދުވަސްވަރުގައި ކޮންމެ ރަށެއްގައި އޮންނަނީ އެރަށެއްގެ ބަހެވެ. މިސާލަކަށް މަލިކުގައި މަލިކު ބަހެވެ. ނައިފަރުގައި ނައިފަރު ބަހެވެ. ކުޅުދުއްފުށީގައި ކުޅުދުއްފުށީ ބަހެވެ. އައްޑޫގައި އައްޑޫ ބަހެވެ. މާލޭގައި މާލޭ ބަހެވެ. މިހުރިހާ ބަސްތައް އެއްކޮށްލައިގެން އެކުވި ނަމެއްގެ ގޮތުގައި ދިވެހި ބަސް ކިޔަން ފެށީ އަދި މާފަހުންނެވެ.

ކޮންމެއަކަސް އިނގިރޭސި އޮފިސަރަށް މިއެރި އޮޅުން، ފިލުވައި ދީ ރަނގަޅު ކޮށްދިނުމުގެ ބަދަލުގައި އެނަން ބޭނުން ކުރަމުން އައިސް މިއަދު މަލިކު މީހުންނަށްވެސް އެމީހުންގެ ބަހަކީ މަހަލްބަހަށް ވެނިމިއްޖެއެވެ. އަދި މިހާރު އެމީހުންވެސް ހީކުރާ ގޮތުން މަހަލް ބަހަކީ ދިވެހިބަހުގެ ބަހުރުވަޔަކަށްވުރެ ބޮޑަށް ދިވެހިބަހާއި ވަރަށް އެއްގޮތްކަން ހުރި ގާތް ބަހެކެވެ.

އެހެނީ މިކަމަށް ވާގިދީ ކުރިއަރުވާ ބަޔަކު ދިވެހީންގެ ތެރޭގައިވެސް އުޅޭތީއާއެކުގައެވެ. ވިކިޕީޑިއާ ކަހަލަ މައުލޫމާތު ވެބްސައިޓްތަކުގައި މަހަލް ބަހަށް ޚާއްޞަ ފަތްފުށްތައްވެސް ހަދާފައިވެއެވެ. މަލިކު މީހުންނީ ދިވެހި ބަހުން ވާހަކަ ދައްކާ މީހުންކަމުގައި ނުވި ފަދައިން، ދިވެހީންކަމުން ވަކިކޮށް އެބައިމީހުންނީ މަހުލީންނަށްވެސް ހަދައިފިއެވެ. މިކަމުގައި ފޮރުވިފައިވަނީ އަޑިނޭނގޭ މަޤްޞަދެއްކަމާއިމެދު ޝައްކެއްނެތެވެ.

މަލިކުގައި މާދަރީ ބަސް ކިޔަވައި ދިނުން

1980 ގެ އަހަރުތަކުގެ ތެރޭގައި މަލިކުގައި މާދަރީ ބަސް ކިޔަވައި ދިނުމުގެ މުހިއްމުކަން އިންޑިޔާ ސަރުކާރަށް ވިސްނިގެން މަލިކުގައި ދިވެހި ބަސް ކިޔަވައިދޭން ގަސްދު ކުރުމަށްފަހު އެކަން މަލިކުގެ ކަމާއި ބެހޭ ފަރާތްތަކަށް އެންގިއެވެ.

ނުނިމޭ….

މިލިޔުން ކިޔާލުމުން

ވައިބަރ ޗެނަލަށް ވަންނަވާ
އިޝްތިހާރު

ޚިޔާލު ފާޅުކުރައްވާ


ގުޅުން ހުރި ލިޔުންތައް

Below Comments Ad
Back to top button
Close

Ad blocker Detected ! ފޮޓޯ ބްލޮކް ކުރާއެއް ފެނިއްޖެ

ތިޔަ ޑިވައިސްގައި ފޮޓޯ ބްލޮކް ކުރާ ސޮފްޓްވެއަރ/އެޕް އެއް އަޅާފައި އެބަހުއްޓެވެ. އެހެންކަމުން މިވެބްސައިޓްގައިވާ ފޮޓޯތައް ނުފެނުން އެކަށީގެންވެއެވެ. ފޮޓޯތައް ފެންނަ ގޮތަށް ވަނުމަށްޓަކައި ފޮޓޯ ބްލޮކް ކުރާ (އެޑް ބްލޮކަރ) އޮފކޮށްލައްވާށެވެ.