ހުޅުލެ އާއި ހުޅުމާލެ ގުޅުވައިދޭ ލިންކް ރޯޑު ހަދާނެ ފަރާތެއް ހޯދަން ހައުސިން ޑިވެލޮޕްމަންޓު ކޯޕަރޭޝަނުން އިއުލާނުކޮށްފި އެވެ.
ހުޅުލެއާ ހުޅުމާލެއާ ދެމެދު އަޅާ މި ލިންކް ރޯޑް އެޅުމަށް އެޗްޑީސީން މިއަދު ކޮށްފައިވާ އިއުލާނެއްގައި ބުނެފައިވަނީ ލިންކް ރޯޑުގެ ޑިޒައިން މަސައްކަތާއި ކޮންސްޓްރަކްޝަން މަސައްކަތް ކުރާނެ ފަރާތެއް ހޯދަން ބޭނުންވާ ކަމަށެވެ.
ހުޅުލެ/މާލެ ދެމެދު އަޅާ މި ބްރިޖު ބޭނުން ކުރަން ފެށުމުން ހުޅުލެއިން ހުޅުމާލެއަށް ދިއުމަށް ބޭނުން ކުރާނީ މިހާރު އެ ދެ ރަށް ހުރަސް ކުރުމަށް ބޭނުން ކުރާ މަގު ނޫންކަމަށް ވެސް އެޗްޑީސީން ބުނެ އެވެ.
އެޗްޑީސީން ނެރުނު މި އިއުލާނުގައި ބުނެފައި ވަނީ އެ މަޝްރޫއު ކުރިޔަށް ގެންދަން ޖެހޭނީ ކޮންޓްރެކްޓަރުގެ އަމިއްލަ ޚަރަދުގައި ކަމަށާއި އެ މަސައްކަތަށް ޝައުގުވެރިވާ ފަރާތްތަކުން މި މަހުގެ 16ގެ ކުރިން ބީލަން ފޮތް ގަތުމަށް ފަހު ބީލަން ސެކިއުރިޓީގެ ގޮތުގައި އެއް މިލިއަން ޑޮލަރާ އެކު އަންނަ މާޗް 12 ވަނަ ދުވަހުގެ ކުރިން ބީލަން ހުށަހަޅަން ޖެހޭނެ ކަމަށެވެ.
ހުޅުލެ އަދި ހުޅުމާލޭ ގުޅުވައިދޭ ހައިވޭ ބްރިޖް ތަރައްގީކުރުމުގެ މަޝްރޫއު ކުރިޔަށް ގެންދަން ހައުސިން މިނިސްޓްރީން ހަވާލުކޮށްފައި ވަނީ އެޗްޑީސީއާ އެވެ.
މާލޭ/ހުޅުލޭ ބްރިޖް ނިމެންވާ އިރަށް ހަދަން ޖެހޭ މަގުގެ މަޝްރޫއާ ބެހޭ ގޮތުން ޕްރީ ބިޑް މީޓިންއެއް މި މަހު 23 ގައި އެޗުޑީސީ އޮފީހުގައި ބާއްވަން ވަނީ ހަމަޖައްސައިފަ އެވެ.