ހުޅުމާލޭގައި ހުންނަ ކުޑަކުދިންގެ ހިޔާ ”ފިޔަވަތި“ ގެ ތިބޭ ކުދިންނަށް ބޭނުންވާ ބައެއްތަކެތި މޯލްޑިވްސް ކަސްޓަމްސް ސަރވިސްގެ މުވައްޒަފުން އިއްޔެ ހަދިޔާކޮށްފިއެވެ.
ކަސްޓަމްސްގެ އިޖްތިމާޢީ ޒިންމާގެ ދަށުން ހިންގުނު މި ހަރަކާތުގައި ތަކެތި ހަވާލުކޮށްދެއްވީ އިއްޔެ އެސެންޓަރގައި ބޭއްވުނު ޚާއްޞަ ހަފްލާއެއްގައި ކޮމިޝަނަރ ޖެނަރަލް އޮފް ކަސްޓަމްސް އިބުރާހިމް ޝަރީފް މުޙައްމަދު އެވެ. ކުޑަކުދިންގެ ހިޔާގެ ފަރާތުން މިތަކެއްޗާ ޙަވާލުވެވަޑައިގަތީ ”ފިޔަވަތި“ ގެ ޗީފް އެގްޒެކެޓިވް އޮފިސަރ އަލްފާޟިލާ ފާތިމަތު ޝިޔާމާއެވެ. މިގޮތުން ހަދިޔާކުރެވުނު ތަކެތީގެ ތެރޭގައި އެ ސެންޓަރގެ ބަދިގެ އަށް ބޭނުންވާ ސާމާނާއި، ހިފާގެންގުޅޭ ތަކެތީގެ އިތުރުން ސެންޓަރގެ ހެލްތު ޑިޕާޓްމެންޓަށް ބޭނުންވާ ފަސްޓް އެއިޑްގެ ސާމާނެވެ.
މިތަކެތި ހަވާލުކޮށްދެއްވުމަށް ބޭއްވުނު ހަފްލާގައި ކޮމިޝަނަރ ޖެނެރަލް އޮފް ކަސްޓަމްސް ވިދާޅުވީ ކުޑަކުދިންގެ ހިޔާގެ ފަރާތުން ފޯރުކޮށްދެނީ ގައުމަށް ވަރަށް ބޭނުންތެރި ޚިދުމަތެއްކަމަށާއި، މުޖުތަމައުގެ އެންމެހާ އަފުރާދުންވެސް އެބޭފުޅުންގެ އަގުހުރި ޚިދުމަތުގެ އަގު ވަޒަންކޮށްދެއްވުމަށް އެދިވަޑައިގެންނެވިއެވެ. މި ހަފްލާގައި ސީ.އީ.އޯ ފާތިމަތު ޝިޔާމާ ދެއްކެވި ވާހަކަފުޅުގައި ކަސްޓަމްސް މުވައްޒަފުން ވެދެއްވި އެހީތެރިކަން ފާހަގަކޮށް ޝުކުރު އަދާކުރެއްވިއެވެ.
ތަކެތި ހަވާލުކުރުމުގެ އިތުރުން ކުޑަކުދިންގެ ހިޔާގެ ކުދިންނަށް ޚާއްޞަ މޫދު ކުޅިވަރުތަކެއް އިއްޔެ ހެނދުނު ހުޅުމާލެ ބީޗްގައި ބާއްވާފައިވާއިރު، ތަފާތު ކުޅިވަރު ހަރަކާތްތައް އިއްޔެ ހަވީރުވެސް ވަނީ އެސެންޓަރގައި ބާއްވާފައެވެ. އަދި ކަސްޓަމްސް މުވައްޒަފުންގެ ފަރާތުން އެކުދިންނަށް ހަދިޔާ ދިނުންވެސް ބާއްވާފައިވެއެވެ.
މީގެއިތުރުން، ”ފިޔަވަތި“ ގެ ކްލާސްރޫމްތަކާއި ފާރުތަކުގައި ކުލަލާ ޒީނަތްތެރި ކުރުމުގެ ހަރަކާތެއްވެސް ކަސްޓަމްސް މުވައްޒަފުންގެ ފަރާތުން ހިންގާފައިވެއެވެ. އަދި ކްލާސްރޫމްތައް އެކުދިންނާ ރައްޓެހިގޮތަށް ޒީނަތްތެރިކުރެވިފައިވެއެވެ.
މިޙަރަކާތް ކާމިޔާބު ކަމާއެކު ކުރިއަށް ގެންދިޔުމުގައި، ”ފިޔަވަތި“ މެނޭޖްމެންޓްގެ ފަރާތުން ލިބުނު އެއްބާރުލުން ފާހަގަކޮށް ޝުކުރުދަންނަވަމެވެ. ކުރިއަށް އޮތްތަނުގައިވެސް، އިޖްތިމާޢީ ޒިންމާގެ ދަށުން މިފަދަ ތަފާތު ކަންތައްތަކެއް ހިންގުމަށް ރޭވިފައިވެއެވެ.