”ކުޅި، ފާ، ޗަސްބިން“ ދުވަސް ފުރަތަމަ ފަހަރަށް ޤައުމީ ފެންވަރުގައި ފާހަގަކުރުމަށް މިނިސްޓްރީ އޮފް އެންވަޔަރަންމަންޓް އެންޑް އެނަރޖީން ހަމަޖައްސައިފިއެވެ.
ދުނިޔޭގެ ”ކުޅި، ފާ، ޗަސްބިން“ ދުވަހަކީ 02 ފެބްރުއަރީ އެވެ. މި އަހަރުގެ މިދުވަސް މިނިސްޓްރީން ފާހަގަކުރަން ހަމަޖެހިފައިވަނީ ފެބްރުއަރީ މަހުގެ 04 އިން 05 އަށް ޏ. ފުވައްމުލަކުގައެވެ. މިދުވަސް ފާހަގަކުރުމުގެ ގޮތުން ފުވައްމުލަކުގައި 18 އަހަރުން މަތީގެ މީހުންނަށް ޚާއްސަކޮށްގެން 30 މީހުން އެކުލެވޭގޮތަށް ”ކުޅި، ފާ، ޗަސްބިން“ ގެ ނަމުގައި އެއްދުވަހުގެ ކޭމްޕެއް ބޭއްވުމަށް ވަނީ ހަމަޖެހިފައެވެ.
މި ކޭމްޕުގައި މޫދު ކުޅިވަރުގެ ގިނަ ޙަރަކާތްތަކާއި ކުޅި، ފާ އަދި ޗަސްބިމާ ގުޅޭގޮތުންނާއި އޭގައިވާ ދިރުންތަކާއި ގުޅޭގޮތުގެ އިތުރުން ކުނި މެނޭޖްކުރުމާ ބެހޭގޮތުން މީހުން ހޭލުންތެރިކުރުން ހިމެނެއެވެ.
މީގެ އިތުރުން ފެބްރުއަރީ މަހުގެ 05 ވަނަ ދުވަހުގެ ރޭ މިދުވަސް ފާހަގަކުރުމަށް ބޮޑު ޖަލްސާއެއް ބޭއްވުމަށްވެސް ވަނީ ހަމަޖައްސާފައެވެ. މި ޖަލްސާގައި މިނިސްޓްރީ އޮފް އެންވަޔަރަންމަންޓް އެންޑް އެނަރޖީގެ އިސް ބޭފުޅުންނާއި އެންވަޔަރަންމަންޓަލް ޕްރޮޓެކްޝަން އޭޖެންސީ (އީ.ޕީ.އޭ) އިންނާއި އައްޑޫ ސިޓީ ކައުންސިލާއި ފުވައްމުލަކު ސިޓީ ކައުންސިލްގެ ބޭފުޅުން މި ޖަލްސާގައި ބައިވެރިވާނެއެވެ. މި ޖަލްސާގައި ފުވައްމުލަކުގެ ޒިކުރާ އިންސްޓިޓިއުޓާއި އެމް.އައި ކޮލެޖާއި ދެމެދު ކުޅި، ފާ އަދި ޗަސްބިމާ ގުޅޭ ހޫނު ބަހުޘެއް ބޭއްވުމަށްވެސް ވަނީ ހަމަޖެހިފައެވެ.
ސަރުކާރުން ހިމާޔަތް ކޮށްފައިވާ އައްޑޫ ސިޓީ އާއި ފުވައްމުލަކުގެ ކުޅިތައް ތަރައްޤީ ކުރުމުގެ މަސައްކަތް ވަރލްޑް ބޭންކާއި ޔޫރަޕިއަން ޔޫނިއަން އަދި އޮސްޓްރޭލިއަން އެއިޑްގެ އެހީގައި ކުރިއަށްގެންދާ ކްލައިމެޓް ޗޭންޖް ޓްރަސްޓް ފަންޑް ގެ ދެވަނަ ފިޔަވަހި، ކްލައިމެޓް ޗޭންޖް އެޑެޕްޓޭޝަން ޕްރޮޖެކްޓް (ސީ.ސީ.އޭ.ޕީ) ގެ ގެންދަވަނީ ކުރައްވަމުންނެވެ.