މޭވާ އާއި ތަރުކާރީއަކީ އޭގައި ހިމެނޭ ވިޓަމިނާއި މިނަރަލާއި ހަށިގަނޑުގެ ހެދިބޮޑުވުމާއި ދުޅަހެޔޮކަމަށް މުހިންމު އެތައް މާއްދާއެއްގެ މުއްސަނދިކަމާއިމެދު ހިމެނޭ ތަކެތިކަން އެއްވެސް މީހަކު ދެބަހެއް ނުވާކެޖަން ޔަޤީނެވެ.
މިތަކެތި ކެއުމުގައި އަޅުގަނޑުމެންގެ އާދައަކީ އޭގެ ތޮށްޓާއި އޮށާއި ތަނޑި އަދި ފަތްތައް އުކައިލުމެވެ. އެހެންނަމަވެސް ތަޖުރިބާކާރުން އެއްބަސްވާގޮތުގައި އަޅުގަނޑުމެން އުކައިލާ މިބައިތަކަކީ އޭގައި ހަށިގަނޑަށް ފައިދާހުރި އެތައް މާއްދާއެއް އެކުލެވޭ ބައިތަކެކެވެ.
އަޅުގަނޑުމެންގެ ތެރެއިން ގިނަ މީހުންނަކީ މޭވާއެއް ނުވަތަ ތަރުކާރީއެއްގެ އެތެރެއަށްވުރެ ގިނައިން އޭގެ ތޮށީގައި ވިޓަމިނާއި މިނަރަލާއި ހަށިގަނޑުގެ ހެދިބޮޑުވުމާއި ދުޅަހެޔޮކަމަށް މުހިންމު މާއްދާތައް އެކުލެވިގެންވާކަން އެނގިހުރެ ނުވަތަ ނޭނގި ނަމަވެސް އެކަމަށް މާބޮޑު އަޅާލުމެއް، ޝައުޤުވެރިކަމެއް ނުދެވޭ މީހުންނެވެ. އެއީ ފަރުވާކުޑަކަމުން ނަމަވެސް ނުވަތަ އެނޫން ގޮތަކުން ނަމަވެސް އަޅުގަނޑުމެންނަށް ކުރެވޭ ވަރަށް ނޭދެވޭ ޢަމަލެކެވެ.
ކަން މިހެން އޮތްނަމަވެސް ކިވީ ފަދަ ބައެއް މޭވާގެ ތޮށި ކެއުމަކީ ބައެއް ފަރާތްތަކަށް އުނދަގޫ ކަމަކަށް ވެދާނެއެވެ. އެހެން ކަމަށް ވާނަމަ އެ ތޮށި މިކްސަރަކުން ގިރައިގެން އޭގެ ފަނި ބުއިމަކީވެސް އެންމެ ރަނގަޅު ގޮތެކެވެ.
އެނގިލައްވާތޯ؟
ނިއުޒިލޭންޑުގައި ކިވީއަކީ ތޮށްޓާއި އެކު ކާ މޭވާއެއް. އަދި އިނގިރޭސިވިލާތާއި އިންޑިއާގައި ދޮންކޭލަކީވެސް ތޮށްޓާއިއެކު ކާއެއްޗެއް.
ބައެއް ތަޖުރިބާކާރުން ވިދާޅުވާގޮތުގައި މޭވާ އާއި ތަރުކާރީއަކީ އޭގެ ހުރިހާ ބައެއް އެކުވެގެން އޭގެ ފުރިހަމަ ފައިދާ ކުރުވާ އެއްޗެއްކެވެ. އެހެން ކަމުން، މޭވާ އާއި ތަރުކާރީ ކާއިރު، އޭގެ ތޮށްޓާއި ތަނޑި ވަކިކުރުމުން އެއިން ލިބެންވާ ހަޤީޤީ ފައިދާއެއް ނުލިބޭނެއެވެ.
އަޅުގަނޑުމެންގެ ކެއުމުގައި ޢާންމުކޮށް ބޭނުންކުރާ ބައެއް މޭވާ އާއި ތަރުކާރީއަކީ މިފަދައިން ކެއުމުން އެއިން ގިނަ ފައިދާތަކެއްވާ ތަކެއްޗެވެ. އެގޮތުން ފަލަމަޑީގެ ބާވަތެއްކަމުގައިވާ މެންގޯލްޑް (މެންގަލް ބީޓް) ކާއިރު، އަޅުގަނޑުމެން ޢާންމުކޮށް އޭގެ ފަތްނަމަވެސް މި ފަތްބޮނޑީގެ ތަނޑިތަކަކީ ހަށިގަނޑުގެ ދިފާޢީ ނިޒާމު ވަރުގަދަކޮށްދޭ މާއްދާއެއް ކަމަށްވާ އެމިނޯ އެސިޑްސް ގިނަ ޢަދަދަކަށް ހިމެނޭ އެއްޗެކެވެ.
އެހެންކަމުން، މި ބާވަތުގެ ފަތް ކެއުން އެންމެ ރަނގަޅީ ތަނޑިއާއި އެކުއެވެ. ތަނޑި ކާން ބޭނުންނުވާނަމަ، އެ ތަނޑިން ފަނި ގިރައިގެންވެސް ބޮވިދާނެއެވެ. މޭންގޯލްޑެކޭ އެއްގޮތަށް ބްރޮކަލީވެސް ބޭނުންކުރުމުގައި އޭގެ ފަތާއި ތަނޑި ބޭނުންކުރުމުން ހަށިގަނޑަށް އިތުރު ވިޓަމިން ލިއްބައިދޭނެއެވެ.
ސެލެރީ އަކީ އޭގައި ސިއްޙީ އެތައް ފައިދާއެއް އެކުލެވިގެންވާ ތަރުކާރީއެކެވެ. އަޅުގަނޑުމެންނަށް އާންމުކޮށް ކެއުމުގައި ބޭނުންކޮށް އުޅެވެނީ ސެލެރީގެ ތަނޑިނަމަވެސް، އޭގެ ކޮޅުގައިވާ ފަތަކީވެސް ސޫޕްތަކުގައި ބޭނުންކުރަން މީރު، އޭގައި ގިނަ ޢަދަދަކަށް މެގްނީޒިއަމް އާއި ކެލްސިއަމް އެކުލެވިގެންވާ އެއްޗެކެވެ.
ލޮނުމެދަކީވެސް މިފަދައެއްޗެކެވެ. ލޮނުމެދުގެ ތޮށީގައި ލޭގެ ޕްރެޝަރު ކޮންޓްރޯލް ކޮށްދޭ މާއްދާއެއް ކަމަށްވާ އެންޓިއޮކްސިޑެންޓްއެއް ހިމެނޭ އިރު، ލޮނުމެދު ކާން އެންމެ ރަނގަޅު ގޮތެއްކަމަށް ތަޖުރިބާކާރުން ބުނަނީ ތޮށްޓާއި އެކުގައެވެ. އަދި ލޮނުމެދު އަޅައިގެން ކެއްކުމަށްފަހު، ކެއުމުގެ ކުރިން ތޮށިގަނޑު ވަކިކޮށްލުން މުހިންމު ކަމަށާއި މިގޮތަށް ހެދުމުން ތޮށިގަނޑުގައިވާ މާއްދާތައް ކާނާގެ ތެރެއަށް ފެތުރިގެންދާނެ ކަމަށްވެސް ތަޖުރިބާ ކާރުން ބުނެއެވެ.