ހއ. އިހަވަންދޫގައި ނިޔަމި ކޯހެއް ފަށައިފިއެވެ.
އެމްއެންޑީއެފްގެ ކޮލެޖް އޮފް ޑިފެންސް އެންޑް ސެކިއުރިޓީ ސްޓަޑީޒް އާއި އެމްއެންޑީއެފް ކޯސްޓްގާޑު ގުޅިގެން ހިންގާ، ލެވެލް ދޭއް ފެންވަރުގެ މި ކޯހުގައި 120 މީހަކު ވަނީ ބައިވެރިވެފައެވެ.
ފަސް ދުވަހުގެ މުއްދަތަށް ހިންގާ މި ކޯހުގައި ހއ. އިހަވަންދޫ، މޮޅަދޫ، ދިއްދޫ އަދި ހޯރަފުށިން މީހުން ބައިވެރިވެފައިވާ އިރު، އެމްއެންޑީއެފްއިން ބުނީ މިއީ މޯލްޑިވްސް ޓްރާންސްޕޯޓް އޮތޯރިޓީން އެކުލަވާލާފައިވާ ނިޔަމި ކަމުގެ ކޯހުގެ މިންގަނޑަށް ހިންގާ ކޯހެއް ކަމަށެވެ.
އަދި އެ ކޯހުގައި 30 ގަޑިއިރުގެ ކްލާސްތައް ނަގައިދޭނެ ކަމަށާއި އެ ކޯހުގައި ކިޔަވައިދޭ ބައިތަކުގެތެރޭގައި ނެވިގޭޝަން، ސޭފްޓީ، ކޮމިޔުނިކޭޝަން އަދި ރެގިޔުލޭޝަން ހިމެނޭ ކަމަށްވެސް އެމްއެންޑީއެފް އިން ބުނެއެވެ. މީގެ އިތުރުން އެ އިދާރާއިން ބުނީ މި ކޯހަށް ބައިވެރިން ހޮވާފައިވަނީ އެ ފަރާތްތަކަށް ދިން ޓެސްޓުތަކަކަށް ފަހު ކަމަށާއި އެ ކޯހުގައި ކިޔަވައި ދެއްވަނީ އެމްއެންޑީއެފް ކޯސްޓްގާޑުގެ ސިފައިން ކަމަށެވެ.
ކޯހަށް ލިބޭ ތަރުހީބުތަކަށް ބަލައި ރާއްޖޭގެ އެހެން ރަށްރަށުގައިވެސް ކޯސް ހިންގައިދިނުމަށް އެމްއެންޑީއެފް އިން ވަނީ ނިންމާފައެވެ.