
ހިގުއައިން އާއި ޑިބާލާގެ ގޯލުން ޔުވެންޓަސް އަށް މޮޅެއް..
އިޓާލިއަން ލީގުގައި ރޭ ލާޒިޔޯ އާ ދެކޮޅަށް ކުޅުނު މެޗު ފަސޭހަކަމާއި އެކު ޔުވެންޓަސްއިން ކާމިޔާބުކޮށްފިއެވެ.
ރޭގެ މެޗު ޔޫވެންޓަސްއިން ކާމިޔާބު ލާޒިއޯގެ މައްޗަށް 2:0 ގެ ނަތީޖާއިން ކުރިހޯދައިގެންނެވެ.
ޔުވެންޓަސްއިން މި މެޗުގައި މޮޅުކުޅުމެއް ދައްކާފައިވާއިރު އެޓީމު މި މެޗުގައި ކުޅެފައިވަނީ މުޅިން އާ ފޯމޭޝަނަކަށެވެ.
މިއީ އެޓީމުން އާންމުކޮށް ކުޅޭ ފޯމޭޝަންއާއި މުޅިން ތަފާތު ފޯމޭޝަންއެކެވެ.
މުޅިންތަފާތު ކުޅުމެއް ކުޅެ ރޭގެ މެޗުގައި ޔުވެންޓަސްއިން މޮޅުކުޅުމެއް ދެއްކިއިރު އެޓީމުން ވަނީ މެޗުގެ ވަރަށް ކުރީކޮޅު ގޯލް ޖަހާ މެޗުގެ ލީޑުނަގާފައެވެ.
މި ލަނޑު ޔުވެންޓަސްއަށް ކާމިޔާބުކޮށްދިނީ އެޓީމުގައި މޮޅުކުޅުމެއް ދައްކަމުން އަންނަ ޕައުލޯ ޑިބާލާއެވެ.
ޔުވެންޓަސްގެ ދެވަނަ ގޯލް މެޗުގެ 16 ވަނަ މިނެޓްގައި ކާމިޔާބުކޮށްދީ ލީޑު ފުޅާކޮށްދިނީ ގޮންޒާލޯ ހިގުއައިންއެވެ.
މި ދެ ގޯލަށްފަހު ވެސް ޔުވެންޓަސްއަށް ގޯލްޖަހާނެ ގިނަ ފުރުސަތުތަކެއް ލިބި ބޭކާރުވެފައިވާކަން ފާހަގަކޮށްލަންޖެހެއެވެ.
މި މެޗުގައި ޔުވެންޓަސްއިން މޮޅަށްކުޅެ ގިނަހަމަލާތަކެއް ލާޒިއޯގެ ގޯލަށް އަމާޒުކުރިއިރު މި މެޗުގައި ލާޒިޔޯއަށް ވަނީ ޔުވެންޓަސްގެ ގޯލަށް، އެއްވެސް ވަރަކަށް ނުރައްކާ ކުރެވޭ ގޮތް ނުވެފައެވެ.
ރޭގެ މި މޮޅާއެކީ ޔުވެންޓަސް ލީގުގެ އެއްވަނައިގައި މިހާރު އޮތީ 48 ޕޮއިންޓާއެކީގައެވެ. އެ އަދަދަށް ޔުވެންޓަސްއިން ޕޮއިންޓް ހޯދާފައިވަނީ، އެޓީމާއި އެންމެ ކައިރިން ވާދަކުރަމުންދާ ރޯމާ (47 ޕޮއިންޓް) އާއި ނަޕޯލީއަށް (44 ޕޮއިންޓް) ވުރެ އެއް މެޗު މަދުން ކުޅެގެންނެވެ.
އިޓާލިއަން ލީގުގައި ރޭ ކުޅުނު އެހެން މެޗުތަކަށް ބަލާއިރު، ރޯމާއިން ވަނީ ކަގްލިއާރީގެ މައްޗަށް 0-1 ގެ ނަތީޖާއަކުން ކުރި ހޯދާފައެވެ. މި މެޗުގެ ހަމައެކަނި ގޯލު، ރޯމާއަށް ކާމިޔާބުކޮށްދިނީ އެޑިން ޒެކޯއެވެ.
އަދި ޕަލޭމޯގެ މައްޗަށް 0-1 ގެ ނަތީޖާއަކުން ކުރި ހޯދައި، ލީގުގެ ފަސްވަނަ މަގާމަށް އިންޓަމިލާން ވަނީ ޖެހިލާފައެވެ.



