
މިނިވަން ޗެމްޕިއަންޝިޕް މުބާރާތުގައި ބައިވެރިވުމުގެ ފުރުސަތު ހުޅުވާލައިފި
މިނިވަންޗެމްޕިއަންޝިޕް ފުޓްބޯޅަ މުބާރާތުގައި ބައިވެރިވުމުގެ ފުރުސަތު ރާއްޖޭގެ ފުޓްބޯޅައިގެ މައި އިދާރާ އިން މުޅިރާއްޖެއަށް އާންމުކޮށް ހުޅުވާލައިފިއެވެ.
މިނިވަންޗެމްޕިއަންޝިޕް ފުޓްބޯޅަ މުބާރާތުގައި ބައިވެރިވުމުގެ ފުރުސަތު އެފްއޭއެމްއިން ހުޅުވާލާފައިވާއިރު މި މުބާރާތުގައި ބައިވެރިވުމުގެ ފުރުޞަތު ހަމަވާނީ މިމަހުގެ 29 ވަނަ ދުވަހުގެ ނިޔަލަށެވެ.
މިނިވަންޗެމްޕިއަންޝިޕް ފުޓްބޯޅަ މުބާރާތުގައި ބައިވެރިވެވޭނީ ވަކި ޝަރުތުތަކެއްވެސް ފުރިހަމަ ކޮށްގެންނެވެ. އެގޮތުން މުބާރާތުގައި ބައިވެރިވާން ހުށައަޅަން ޖެހެނީ ކައުންސިލްގެ ފަރާތުން ގުޅޭނެ ފަރާތެއްގެ ނަމާއި ނަމްބަރާއެކުގައެވެ. މުބާރާތުގައި ބައިވެރިވާން އެދި ހުށައެޅެނީވެސް ކައުންސިލް މެދުވެރިކޮށެވެ.
މިނިވަންޗެމްޕިއަންޝިޕްގައި ބައިވެރިވުމުގެ ފުރުސަތު ރާއްޖޭގެ ފުޓްބޯޅައިގެ މައި އިދާރާ އިން ހުޅުވާލިއިރު މި މުބާރާތް ފެށުމަށް ހަމަޖެހިފައިވަނީ މިއަހަރުގެ މާޗު މަހުގެ 15 ވަނަ ދުވަހުއެވެ.
އަތޮޅަކުން ދެޓީމަށްވުރެ ގިނައިން ޓީމް ބައިވެރިވާނަމަ އަތޮޅު މުބާރާތް ކުޅޭނީ އެއަތޮޅެއްގެ ކަނޑައަޅާ ރަށެއްގައެވެ. ދެޓީމް ނަމަ ހޯމް އެންޑް އަވޭ އުޞޫލުން ދެ މެޗު ކުޅެ ކުރި ހޯދާ ޓީމަކަށް އަތޮޅު ޗެމްޕިއަންކަން ލިބޭނެއެވެ. ޒޯން ކުޅޭނީ ހޯމް އެންޑް އަވޭ އުސޫލުންނެވެ.
އެފް.އޭ.އެމްއިން މައުލޫމާތުދެއްވި ގޮތުގައި މުބާރާތް ފަށާ ދުވަހުން ފެށިގެން އެއަތޮޅެއްގެ އަތޮޅު މުބާރާތާއި، ޒޯން މުބާރާތް މަސްދުވަހަށްވުރެ ދިގުދެމިގެން ނުދާނެއެވެ. އެކިއަތޮޅު ތަކުގައި މުބާރާތް ފަށާ ތާރީޚްތައް މުބާރާތުގައި ބައިވެރިވުމުގެ ފުރުޞަތު ހަމަވުމުން އިއުލާންކުރާނެކަމަށް އެފްއޭއެމްއިން މައުލޫމާތުދެއްވައެވެ.
އަދި މިފަހަރުވެސް ޓީމް ލިސްޓް ހުށައަޅާއިރު 21 އަހަރުން ދަށުގެ މަދުވެގެން 7 ކުޅުންތެރިން ހިމަނަން ޖެހެއެވެ.
މިފަހަރު މިނިވަން ޗެމްޕިއަންޝިޕްގެ ގަދަ ހަތަރު ޓީމް ނުވަތަ ސެމީއަށް ދާ ޓީމްތަކަށް ރާއްޖޭގެ އެންމެ ބޮޑު ލީގު ” ދިވެހި ޕްރިމިއަރ ލީގު ” ގައި ވާދަކުރުމުގެ ފުރުސަތު ލިބޭނެއެވެ.
ދިވެހި ޕްރިމިއަރ ލީގުގެ ޗެމްޕިއަންކަން ހޯދާ އޭއެފްސީ ކަޕްގެ ޖާގަ ހޯދުމުގެ ފުރުސަތު މިނިވަން ޗެމްޕިއަންޝިޕްގެ ޓީމުތަކަށްވެސް ލިބިގެންދާނެއެވެ.



