ސުންނަތާއި ނަބަވީ އިރުޝާދުގެ ތެރެއިން ”ބޮޓޭނިކަން މެޑިސިން“ (ހަރބަލް) ، ނުވަތަ ގަސްގަހާގެހީގެ ތަފާތު ބާވަތްތައް ބޭނުންކޮށްގެން ބޭސްފަރުވާ ކުރެވިދާނެ ގޮތްތަކާއި ބެހޭ ގޮތުން ރާއްޖޭގައި ފުރަތަމަ ފަހަރަށް މަހާސިންތާއެއް ބޭއްވުމަށް މިނިސްޓްރީ އޮފް އިސްލާމިކް އެފެއާރޒުން ނިންމައިފިއެވެ.
މި މަހާސިންތާ ބޭއްވުމަށް ތާވަލް ކުރެވިފައި ވަނީ އަންނަ އޭޕްރިލް މަހުގެ 17 ވަނަ ދުވަހުއެވެ.
މިމަހާސިންތާ ބޭއްވޭނީ މެލޭޝިޔާގެ، ޔުނިވަރސިޓީ އޮފް މަލާޔާ އާއި ގުޅިގެން އެ ޔުނިވަރސިޓީގެ ކަމާ ގުޅޭ މާހިރުންނާއި ޕްރޮފެސަރުންގެ އެހީގައެވެ. މިކަމާ ގުޅޭ ގޮތުން މިމަހުގެ 10 ވަނަ ދުވަހު އިސްލާމިކް މިނިސްޓްރީގައި ވަނީ އެ ޔުނިވަރސިޓީގެ މި މަހާސިންތާ ރާވާ ހިންގުމަށް ޙަވާލުވެވަޑައިގެން ތިއްބަވާ ބޭފުޅުންނާއި އެކު މަޝްވަރާ ބައްދަލުވުމެއް ބާއްވާފައެވެ.
މި ބައްދަލުވުމުގައި އެ ޔުނިވަރސިޓީގެ ފަރާތުން ބައިވެރިވެވަޑައިގެންނެވި ޓީމުގެ އިސް ބޭފުޅަކަށް ހުންނެވީ ޑރ. އެމް ވައި ޒުލްކިފްލީއެވެ. މި ބައްދަލުވުމުގައި މި މަހާސިންތާގެ އިދާރީ ގޮތުން ނިންމަން ޖެހޭ ކަންކަން ފަދަ މުހިންމު މަޝްވަރާތައް ވަނީ ކުރެވިފައެވެ.
މި މުހިންމު މަހާސިންތާ ބޭއްވުމުގެ މަޝްވަރާތައް ކުރުމަށް ދިވެހިރާއްޖެއަށް ޒިޔާރަތް ކުރަމުންދާ މި ޓީމުން ވަނީ މިނިސްޓަރ އޮފް ހެލްތް އަލްފާޟިލް އަބްދުﷲ ނާޒިމް އިބްރާހީމާއި ވެސް ބައްދަލުކޮށްފައެވެ. މި ބައްދަލުވުމުގައި ސިއްޙީ ދާއިރާގެ މުވައްޒަފުން ބިނާ ކުރުމާއި ހުނަރު ކުރިއެރުވުމަށް އެޔުނިވަރސިޓީގެ ފަރާތުން އެހީތެރިކަން ފޯރުކޮށްދެވޭނެ ގޮތްތަކާއި ބެހޭ ގޮތުން މަޝްވަރާ ކުރެވުނެވެ.
މިޓީމުން ވަނީ ޤުރުއާނާއި ބެހޭ މަރުޒަށް ވެސް ޒިޔާރަތްކޮށް، ޤުރުއާން އުނގަންނައިދިނުމުގެ ދާއިރާގައި ދެމުއައްސަސާ ގުޅިގެން ކުރެވިދާނެ ކަންކަމާއި ގުޅޭ ގޮތުން މަޝްވަރާ ކޮށްފައެެވެ.
Viber in ves share kurevey goiy hadha van vee noo tho