އިނގިރޭސި ޕްރިމިއާ ލީގުގައި ރޭ މެންޗެސްޓާ ޔުނައިޓެޑާއި ވެސްޓްހޭމް ޔުނައިޓެޑު ބައްދަލުކުރި މެޗު 1-2 ގެ ނަތީޖާއިން ޔުނައިޓެޑު މޮޅުވެއްޖެއެވެ.
ވެސްޓްހޭމްގެ އަމިއްލަ ދަނޑުގައި ރޭ ކުޅުނު މި މެޗުގެ، ފުރަތަމަ ހާފްގައި ގޯލެއް ފެނިގެން ގޮސްފައިނުވާއިރު މެޗުގެ ވަރަށް ކުރީކޮޅު ރެފްރީ ވަނީ ވެސްޓްހަމްގެ ސުފިއާން ފެގޫލީއަށް ރަތްކާޑު ދައްކާ ދަނޑުން ފޮނުވާލާފައެވެ. އެހެން ކަމުން ވެސްޓް ހޭމްއިން މި މެޗުގެ ބޮޑުބައި ފުރިހަމަ ކޮށްފައިވަނީ އެއްކުޅުންތެރިއަކު މަދުކޮށެވެ.
ދެ ޓީމުވެސް އެއްވަރެއްގައި އޮވެ ފުރަތަމަ ހާފް ނިމުނުއިރު ދެވަނަ ހާފްގެ ކުރީކޮޅު ވެސްޓްހަމްގެ އެންޓޯނިއޯއަށް ވަނީ، ގޯލްޖަހާނެ ރަނގަޅު ފުރުސަތެއް ލިބި ބޭކާރުވެފައެވެ. އެ ފުރުސަތުގެ ބޭނުން ނުހިފުމުގެ ނަތީޖާއަކަށްވީ މެޗުގެ 63 ވަނަ މިނެޓްގައި ޔުނައިޓެޑުން ގޯލެއް ޖަހާ މެޗުގެ ލީޑުނެގުމެވެ. މި ލަނޑު ޔުނައިޓެޑަށް ކާމިޔާބުކޮށްދިނީ ހުއާން މާޓާ އެވެ..
މި މެޗުގައި ޔުނައިޓެޑުން ޖެހި ދެވަނަ ގޯލް މެޗުގެ 78 ވަނަ މިނެޓްގައި ކާމިޔާބުކޮށްދިނީ ޒްލަޓާން އިބްރަހިމޮވިޗްއެވެ. މިއީ އިބްރަހިމޮވިޗް ލީގުގައި ކާމިޔާބުކުރި، 13 ވަނަ ގޯލެވެ.
ރޭގެ މި މޮޅާއެކީ ލީގުގައި އެންމެފަހުން ކުޅުނު ހަ މެޗުންވެސް ޔުނައިޓެޑް ވަނީ މޮޅުވެފައެވެ.
މި ނަތީޖާއާއެކު އެޓީމު މިވަގުތު އޮތީ، 39 ޕޮއިންޓާއެކީ ލީގުގެ ހަވަނައިގައެވެ. ޔުނައިޓެޑް އަތުން ބަލިވި، ވެސްޓްހަމް އޮތީ 22 ޕޮއިންޓާއެކީ ލީގުގެ 13 ވަނައިގައެވެ.
ލީގުގައި ޔުނައިޓެޑް ދެން ބައްދަލުކުރާނީ ލިވަޕޫލްއާއެވެ.