
ސިޓީ މޮޅުވިއިރު ލިވަޕޫލް މެޗު އެއްވަރު.
އިނގިރޭސި ޕްރިމިއަރ ލީގުގައި ރޭ ކުޅުނު މެޗުތަކުން މެންޗެސްޓަރ ސިޓީ މޮޅުވިއިރު، ލިވަޕޫލް ކުޅުނު މެޗު އެއްވަރުވެގެން ނިމިއްޖެއެވެ.
މެންޗެސްޓަރ ސިޓީ ރޭ މޮޅުވީ ބާންލީ އާއި ބައްދަލުކޮށް 1-2 ގެ ނަތީޖާއަކުންނެވެ.
ސިޓީގެ އަމިއްލަ ދަނޑުގައި ރޭ ކުޅުނު މި މެޗުގެ ފުރަތަމަ ހާފްގައި ގޯލެއް ފެނިގެން ގޮސްފައިނުވާއިރު، މެޗުގެ 32 ވަނަ މިނެޓްގައި ބާންލީގެ ކުޅުންތެރިއަކަށް ކުރި ފައުލަކާއި ގުޅިގެން، ރެފްރީ ވަނީ ސިޓީގެ މިޑްފިލްޑަރު ފާނަންޑީނިއޯއަށް ރަތްކާޑު ދައްކާ ދަނޑުން ފޮނުވާލާފައެވެ.

މެޗުގެ ބޮޑުބައި 10 ކުޅުންތެރިންނާއެކީ ސިޓީން ކުޅެން ޖެހުނުއިރު އެޓީމުގެ ފުރަތަމަ ގޯލް ޖަހާ މެޗުގެ ލީޑުނެގީ 58 ވަނަ މިނެޓްގައި ގަޔެލް ކްލީޝީ ކާމިޔާބުކޮށްދިން ގޯލުންނެވެ. އޭގެ ހަތަރު މިނެޓުފަހުން ސިޓީގެ ދެވަނަ ގޯލް ޖަހާ ލީޑު ފުޅާކުރީ މެޗުގެ 62 ވަނަ މިނެޓްގައި ބަދަލު ކުޅުންތެރިއެއްގެ ގޮތުގައި ކުޅެން ނިކުތް ސާޖިއޯ އަގުއެރޯ ޖަހައިދިން ގޯލުންނެވެ.
ބާންލީގެ ހަމައެކަނި ގޯލް މެޗުގެ 70 ވަނަ މިނެޓްގައި ކާމިޔާބުކޮށްދިނީ، އެޓީމުގެ ފޯވާޑް ބެން މީއެވެ.

ރޭގެ ނަތީޖާތަކާއެކީ 42 ޕޮއިންޓާއެކީ ސިޓީ މިހާރު އޮތީ ލީގުގެ ތިންވަނައިގައެވެ. ލިވަޕޫލް އޮތީ 44 ޕޮއިންޓާއެކީ ލީގުގެ ދެވަނައިގައެވެ. ލީގުގެ އެއްވަނައިގައި މި ދެ ޓީމަށްވުރެ، އެއް މެޗު މަދުންކުޅެ 49 ޕޮއިންޓާއެކީ އޮތީ ޗެލްސީއެވެ.
ލިވަޕޫލް ރޭ އެއްވަރުވީ ސަންޑަލޭންޑާއި ބައްދަލުކޮށް 2-2 ގެ ނަތީޖާއަކުންނެވެ.

ސަންޑަލޭންޑްގެ އަމިއްލަ ދަނޑުގައި ރޭ ކުޅުނު މި މެޗުގައި، ލިވަޕޫލްގެ ފަރާތުން ރަނގަޅު ކުޅުމެއް ފެނިގެންދިޔައިރު، މެޗުގެ 19 ވަނަ މިނެޓްގައި ޑެނިއަލް ސްޓަރިޖް ވަނީ ލަނޑެއް ޖަހާ ލިވަޕޫލްއަށް ލީޑުނަގާދީފައެވެ. ނަމަވެސް މެޗުގެ 25 ވަނަ މިނެޓްގައި ސަންޑަލޭންޑަށް ލިބުނު ޕެނަލްޓީއަކުން، ޖެމެއިން ޑެފޯ ވަނީ އެޓީމަށް ނަތީޖާ އެއްވަރުކޮށްދީފައެވެ.
މި ނަތީޖާގައި އޮވެ މެޗުގެ ފުރަތަމަ ހާފު ނިމުނުއިރު ދެވަނަ ހާފަށް ކުޅެން ނިކުމެ މި މެޗުގައި ދެވަނަ ފަހަރަށް ވެސް ލީޑުނެގީ ލިވަޕޫލްއިންނެވެ. މި ގޯލް މެޗުގެ 72 ވަނަ މިނެޓްގައި ކާމިޔާބުކޮށްދިނީ ސަޑިއޯ މާނޭއެވެ. މި މެޗުން ލިވަޕޫލް މޮޅުވާން ދަނިކޮށް މެޗުގެ 84 ވަނަ މިނެޓްގައި ސަންޑަލޭންޑަށް ލިބުނު ޕެނަލްޓީއަކުން ޑެފޯ ވަނީ ދެވަނަ ފަހަރަށް އެޓީމަށް ނަތީޖާ އެއްވަރުކޮށްދީފައެވެ.



