
އެވަޓަން އަދި ހަލްސިޓީގެ ކުރިމަތިލުން އެއްވަރުވެގެން ނިމިއްޖެ.
އިނގިރޭސި ޕްރިމިއާ ލީގުގައި ރޭ އެވަޓަން އާއި ހަލްސިޓީ ބައްދަލުކުރި މެޗު އެއްވަރުވެގެން ނިމިއްޖެއެވެ.
އެވަޓަން އަދި ހަލްސިޓީ ބައްދަލުކުރި މި މެޗު އެއްވަރުވެފައިވަނީ 2:2 ގެ ނަތީޖާއިންނެވެ.
ހަލްސިޓީގެ އަމިއްލަ ދަނޑުގައި ކުޅުނު މި މެޗުގައި އެޓީމުގެ ފަރާތުން ރަނގަޅުކުޅުމެއް ފެނިގެންދިޔައިރު އެޓީމުން ވަނީ މެޗުގެ ވަރަށް ކުރީކޮޅު ލަނޑެއްޖަހާ މެޗުގެ ލީޑުނަގާފައެވެ.
މެޗު ފެށިގެން ފަސްވަނަ މިނެޓުގައި މި ލަނޑު ހަލްސިޓީ އަށް ޖަހައިދީ ލީޑު ނަގައިދިނީ މައިކަލް ޑޯސަންއެވެ.
ހަލްސިޓީން ލަނޑުޖަހާ ލީޑުނެގިނަމަވެސް މެޗުގެ ފުރަތަމަ ހާފްނިމެންދަނިކޮށް ހަލްސިޓީގެ ގޯލް ކީޕަރު ޑޭވިޑް މާޝަލްއަތުން ބައިކޮޅަށް ވަތް ލަނޑަކުން އެވަޓަން ވަނީ މެޗުގެ ނަތީޖާ އެއްވަރުކޮށްފައެވެ.
ދެޓީމުވެސް އެއްވަރެއްގައި އޮވެ މެޗުގެ ފުރަތަމަ ހާފު ނިމުނުއިރު މެޗުގެ ދެވަނަ ލަނޑު ޖަހާ ދެވަނަ ފަހަރަށް ލީޑުނެގީ މެޗުގެ 65 ވަނަ މިނެޓުގައި ރޮބަޓް ސްނޮޑްގްރާސް ކާމިޔާބުކޮށްދިން ހިއްގައިމު ލަނޑުންނެވެ.
ސްނޮޑްގްރާސްގެ މި ލަނޑާ އެކު ހަލްސިޓީ ލީޑުގައި އޮވެ މެޗުން ނިމެންދަނިކޮށް އެވަޓަންގެ ބަދަލުކުޅުންތެރިއެއްގެ ގޮތުގައި މި މެޗުގެ ފަހުހާފުގައި ކުޅެން ނުކުތް ރޮސް ބާކްލޭ ވަނީ އެޓީމަށް ލަނޑެއްޖަހާދީ މެޗުގެ ނަތީޖާ ހަމަހަމަކޮށްފައެވެ.
މި މެޗު ނިމިގެން ދިޔައީ އިތުރު ލަނޑެއް ނުޖެހި ދެޓީމް އެއްވަރުވެ އޮވެގެންނެވެ.
މި ނަތީޖާއާ އެކު އެވަޓަން މިވަގުތު އޮތީ 27 ޕޮއިންޓާއެކު ލީގުހެ 7 ވަނާގައެވެ. އަދި އެވަޓަންއަތުން އެއްވަރުވި ހަލްސިޓީ މިވަތުތު އޮތީ 13 ޕޮއިންޓާއެކު ލީގުގެ 19 ވަނާގައެވެ.



