ދިވެހިރާއްޖޭގެ އެންމެބޮޑު އޮންލައިން ސްޓޯރގެ އިތުރުން ރާއްޖޭގެ ހުރިހާ ރަށެއްގެ ހުރިހާ ގެއަކަށް ހިލޭ ޑެލިވަރީ ކޮށްދޭ ހަމައެކަނި ވިޔަފާރި، އަވަސްކާޓުގެ ޑެލިވަރީތައް ބައިނަލްއަޤްވާމީ ކުންފުންޏަކާ ޙަވާލުކޮށްފިއެވެ.
މިކަމަށްޓަކާ މިއަދު ބޭއްވި ރަސްމިއްޔާތެއްގައި އަވަސްކާޓުގެ ބައިނަލްއަޤްވާމީ ޑެލިވަރީތަކާ ރާއްޖޭގެ އެތެރޭގެ ޑެލިވަރީތައް ޙަވާލުކޮށްފައި ވަނީ މަޝްހޫރު ބަޖެޓް އެއާލައިން އެއާއޭޝިޔާ އާއި ގުޅިގެން އަވަސް ޑެލިވަރީގެ ޚިދުމަތް ފޯރުކޮށްދެމުން ގެންދާ އާރުބީ އިންޓަރނޭޝަލްގެ ރާއްޖޭގޮފި، ރެޑްބޮކްސް މޯލްޑިވްސް އާއި އެވެ. އާރުބީ އިންޓަރނޭޝަނަލްގެ ރާއްޖޭ ގޮފީގެ ފަރާތުން އެއްބަސްވުމުގައި ސޮއިކުރެއްވީ ރެޑްބޮކްސް މޯލްޑިވްސްގެ ޖެނެރަލް މެނޭޖަރ ރުސްލާން ޢަބްދުﷲ އެވެ. އަވަސްކާޓުގެ ފަރާތުން ސޮއިކުރެއްވީ އަވަސްކާޓުގެ ޖެނެރަލް މެނޭޖަރ މުޙައްމަދު ޝާފިޢު އެވެ.
މި އެއްބަސްވުމުގައި ސޮއިކުރެއްވުމަށްފަހު ނޫސްވެރިންނަށް މަޢުލޫމާތު ދެއްވަމުން އާރުބީ އިންޓަރނޭޝަލްގެ ރާއްޖޭގޮފީގެ ޖެނެރަލް މެނޭޖަރު ރުސްލާން ޢަބްދުﷲ ވިދާޅުވީ، މި ސޮއިކުރި އެއްބަސްވުމަކީ ފުޅާދާއިރާއެއްގައި އޭޝިޔާގައި ޑެލިވަރީގެ ޚިދުމަތް ދެމުންގެންދާ އާރުބީއަށް ރާއްޖޭގެ ހުރިހާ މަންޒިލަކަށް ޑެލިވަރީ ކުރުމާއި އެކު އެ ކުންފުނީގެ ވިޔަފާރި މުޅި ރާއްޖެއަށް ފުޅާކުރަން ލިބުނު ވަރަށް ފަހި ފުރުޞަތެއް ކަމަށެވެ.
އަވަސްކާޓުގެ ފަރާތުން ވާހަކަ ދެއްކެވި އެކުންފުނީގެ ޖެނެރަލް މެނޭޖަރު ވިދާޅުވީ މިއީ ރާއްޖޭގެ ހުރިހާ ރަށެއްގެ ހުރިހާ ގޯއްޗަކަށް މުޅިންހިލޭ މިހާރުވެސް ޑެލިވަރީގެ ޚިދުމަތް ފޯރުކޮށްދެމުން ގެންދާ އަވަސްކާޓުގެ ޚިދުމަތް މިހާރަށްވުރެ ރަނގަޅު ފެންވަރެއްގައި ދިނުމަށް ހުޅުވުނު ދޮރެއް ކަމަށެވެ. އަދި މީގެ ސަބަބުން އަވަސްކާޓުގެ ބައިނަލްއަޤްވާމީ ފިހާރަތަކުގެ މުދާ ރާއްޖެއަށް އެއަރއޭޝިޔާ މެދުވެރިކޮށް ގެނައުން އަވަސްވުމުގެ އިތުރުން ރާއްޖޭގެ އެތެރޭގެ ޑެލިވަރީތައްވެސް އަވަސްވެގެން ދާނެކަމަށް އުއްމީދު ކުރައްވާކަމަށް ޝާފިޢު ވިދާޅުވިއެވެ.
އަވަސްކާޓަކީ ރާއްޖެ އާއި ރާއްޖޭން ބޭރުގެ ފިހާރަތައް ހުންނަ ވެބްސައިޓަކަށް ވީނަމަވެސް މި ސައިޓުގައި ހުންނަ ފިހާރަތަކުން ގަންނަ ކޮންމެ މުދަލެއް ރާއްޖޭގެ ކޮންމެ ރަށެއްގެ ކޮންމެ ގެއަކަށް ގެންގޮސްދެނީ މުޅިން ހިލެއެވެ.
ކޮންމެ ބާވަތެއްގެ މުދަލަކުންވެސް ބޭނުން ސައިޒެއް އަދި ބޭނުން ކުލައެއް ކަސްޓަމަރަށް އިޚުތިޔާރު ކުރެވޭ މި ވެބްސައިޓުން ބޭނުން ޢަދަދަކަށް ތަކެތި ގަނެވެއެވެ. އަދި ގަންނަ މުދަލަށް ފައިސާ ދައްކަންވެސް ޖެހެނީ މުދާ ގެއަށް ލިބުމުން ކަމަށްވާތީ، މިއީ މާލޭގެ އުސް ޢިމާރާތްތަކާއި ރާއްޖޭގެ އެކިރަށްރަށުގައި ދިރިއުޅުއްވާ ފަރާތްތަކަށް ގޭގައި ތިއްބަވައިގެން ރާއްޖޭން ބޭރުގެ ފިހާރަތަކާއި ރާއްޖޭގެ ފިހާރަތަކުން ވިޔަފާރި ކޮށްލުމަށް ރާއްޖޭގައި މިހާތަނަށް ހުޅުވުނު އެންމެ ފަސޭހަ މަގެވެ.