އިންދިރާގާންދީ މެމޯރިއަލް ހޮސްޕިޓަލް (އައިޖީއެމްއެޗް) ގައި އެނާޖީ ޑްރިންކުގެ ބާވަތްތަކުގެ ވިޔަފާރި ކުރުން މަނާ ކޮށްފިއެވެ.
އެނާޖީ ޑްރިންކްގެ ބާވަތްތަށް ވިއްކުން މަނާކުރުމާއި ބެހޭގޮތުން މައުލޫމާތުދެމުން އެ ހޮސްޕިޓަލުން ބުނީ އެނާޖީ ޑްރިންކުގެ ބާވަތްތަށް ވިއްކުން މަނާކުރީ އަންނަ އަހަރު (2017) އިން ފެށިގެން އެ ހޮސްޕިޓަލުން ކުރިއަށްގެންދާ ދުޅަހެޔޮ ސިއްހަތަށް ހާއްސަ ކެމްޕެއިނެއްގެ ދަށުންކަމަށެވެ.
އަދި މީގެ ފަހުން އެބާވަތުގެ އެއްވެސް ބުއިމެއް އެ ހޮސްޕިޓަލުން ނުވިއްކާނެ ކަމަށްވެސް ބުނެފައިވެއެވެ.
އެހެންކަމުން އަންނަ އަހަރު ޖެނުއަރީ ފުރަތަމަ ދުވަހުން ފެށިގެން އައިޖީއެމްއެޗްގެ ކެންޓިންތަކާއި ފިހާރަތަކާއި އަދި ހޮސްޕިޓަލުތަކުގެ އިމުގެ ތެރޭގައި ވިޔަފާރި ކުރާތަންތަނުން އެނާޖީ ޑްރިންކު ވިއްކުން މަނާވާނެއެވެ. އެހެން ނަމަވެސް އޭގެ ތެރޭގައި ޑޮކްޓަރުން ލިޔެދޭ ބޭހުގެ ތެރޭގައި ހިމެނިދާނެ އެފަދަ ބައެއް ބުއިންތައް ނުހިމެނޭނެއެވެ.
އައިޖީއެމްއެޗް އިން މިގޮތަށް ނިންމިއިރު އަންނަ އާދީއްތަ ދުވަހުން ފެށިގެން ރާއްޖޭގެ ސްކޫލްތަކުގައި އެނާޖީ ޑްރިންކް ބުއިމާއި ވިއްކުން އެޑިއުކޭޝަން މިނިސްޓްރީން ވަނީ މަނާކޮށްފައެވެ.