ޚަބަރު ފީތާ

ގާފަރު ކައިރީ އޮތް ދޯންޏެއްގައި އަލިފާނުގެ ހާދިސާއެއް ހިނގައިގެން އެމްއެންޑީއެފް ކޯސްޓްގާޑާއި އެފްއާރުއެސްއިން ހަރަކާތްތެރިވެއްޖެ

ކ.ގާފަރު ކައިރީ އޮތް ދޯންޏެއްގައި އަލިފާނުގެ ހާދިސާއެއް ހިނގައިގެން އެމްއެންޑީއެފް ކޯސްޓްގާޑާއި އެފްއާރުއެސްއިން ހަރަކާތްތެރިވެއްޖެއެވެ.

މިހާދިސާގެ މަޢުލޫމާތު މިއަދު ގާތްގަނޑަކަށް 09:27 ހާއިރު ލިބުމާއެކު ފަޔަރމަނުންގެ ޓީމަކާއެކު ކޯސްޓްގާޑުގެ ލޯންޗެއްވަނީ ދޯނި އޮތް ސަރަޙައްދަށް ގޮސްފައެވެ.

ގާފަރުގެ އިރުމަތިން އޮންނަ ބޮއެއް ކައިރީ މަސްވެރިކަން ކުރަން އޮއްވައި ރޯވެފައިވަނީ 63 ފޫޓުގެ ”ކުރަނގި“ ނަމަކަށް ކިޔާ ކަންނެލި މަސްވެރިކަން ކުރާ ދޯންޏެއްގައެވެ. މިހާދިސާ ހިނގުމާއެކު ދޯނީގައި ތިބި ހުރިހާ މީހުން ވަނީ އެސަރަޙައްދުން ދަތުރުކުރި ”ނަސްރު 7“ ދޯންޏަށް ނަގާފައެވެ.

މިދޯނީގެ ގެގަނޑުގައި ރޯވި އަލިފާން ނިއްވާލާފައިވަނީ ”ކުރަނގި“ ދޯނީގައި ތިބި ފަޅުވެރިން، ޕަމްޕު ބޭނުންކޮށްގެން ފެން ޖަހައިގެންނެވެ. މި ދޯނީގައި އަލިފާނުގެ ހާދިސާ ހިނގާފައިވަނީ ކަރަންޓު ދިނުމަށް ބޭނުންކުރާ ޖަނަރޭޓަރުގައި އަލިފާން ރޯވުމުގެ ސަބަބުން ކަމަށް ކުރަނގި ދޯނިން މަޢުލޫމާތު ދީފައިވެއެވެ.

މިހާދިސާގައި ދޯނިން ދަތުރުކުރި އެއްވެސް މީހަކަށް ގެއްލުމެއް ލިބިފައި ނުވާއިރު އެހެން ދޯންޏެއްގައި ކަފު ޖަހައިގެން ”ކުރަނގި“ ދޯނި ގާފަރަށް ވެއްދުމަށް މިހާރު ދަތުރުކުރަމުންދާކަމުގެ މަޢުލޫމާތު ލިބިފައިވެއެވެ.

އަދި މި ހާދިސާ ހިނގި ސަރަޙައްދުގައި އެމްއެންޑީއެފް ކޯސްޓްގާޑުގެ ލޯންޗެއް ފަޔަރމަނުންގެ ޓީމަކާއެކު ދަނީ ހަރަކާތްތެރިވަމުންނެވެ.

Rate this post