
ބައިޕާސްގެ މައްޗަށް ކުރިހޯދާ ޔޫތް ޔުނައިޓެޑުން ފެށުން ރަނގަޅުކޮށްފި
ތުއްތޮންބެ ކަޕް ފުޓްބޯޅަ މުބާރާތުގައި މިއަދު ހަވީރު ކުޅުނު މެޗުގައި ބައިޕާސްގެ މައްޗަށް ކުރިހޯދާ ޔޫތް ޔުނައިޓެޑުން ފެށުން ރަނގަޅުކޮށްފިއެވެ.
މާލެ އަތޮޅު ގުރައިދޫގައި މިހާރުކުރިއަށްދާ މި މުބާރާތުގައި ޔޫތް ޔުނައިޓެޑުން މިއަދުގެ މެޗު ކާމިޔާބުކުރީ 1-3 ލަނޑުންނެވެ.
ދެޓީމުންވެސް އކުޅިވަރުގެ ރޫޙާއި އެކުވެރިކަމާއެކު ކުޅުނު މި މެޗުގެ 41 ވަނަ މިނެޓުގައި ލަނޑުޖަހާ ލީޑުނެގީ ޔޫތް ޔުނައިޓެޑުންނެވެ. އަދި ފުރަތަމަ ހާފުގެ އިތުރު ވަގުތުގައި އެޓީމުގެ ދެވަނަ ލަނޑުޖަހާ ލީޑުނެގިއެވެ.
ދެވަނަ ހާފުގައި ދެޓީމަށްވެސް ލަނޑުޖަހާނެ ފުރުޞަތުތައް ލިބި ވަނީ ބޭކާރުވެފައެވެ. އެހެންނަމަވެސް 53 ވަނަ މިނެޓުގައި ޔޫތް ޔުނައިޓެޑަށް ލިބުނު ޕެނަލްޓީއަކުން އެޓީމުގެ 3ވަނަ ލަނޑުޖަހާ ލީޑު އިތުރަށް ފުޅާކުރިއެވެ. ބައިޕާސް ޓީމުން ޖެހި ހަމައެކަނި ލަނޑުވެސް ޖަހާފައިވަނީ ދެވަނަ ހާފުގެ އިތުރު ވަގުތުގައި ލިބުނު ޕެނަލްޓީއަކުންނެވެ.
މި މުބާރާތުގައި މާދަމާ ހަވީރު ބައްދަލު ކުރާނީ ޗެލެންޖަރސް އާއި އެޗްއެސްޕީއެން އެވެ. ޖުމްލަ 6 ޓީމު ބައިވެރިވެފައިވާ މި އަހަރުގެ މުބާރާތުގެ ޗެމްޕިއަން ޓީމަށް ދިހަހާސް ރުފިޔާ ދިނުމަށްވަނީ ނިންމާފައެވެ.



