ސްޕެނިޝް ލީގުގައި ރޭ ބާސެލޯނާއާއި އެސްޕަންޔޯލް ބައްދަލިކުރި މެޗު ފަސޭހަކަމާއެކު ބާސެލޯނާއިން ކާމިޔާބުކޮށްފިއެވެ.
ރޭގެ މެޗު ބާސެލޯނާއިން ކާމިޔާބުކުރީ 4-1 ގެ ނަތީޖާއިނެނެވެ.
ބާސެލޯނާގެ އަމިއްލަ ދަނޑުގައި ކުޅެވުނު މި މެޗުގައި އެޓީމުގެ ފަރާތުން ރަނގަޅު ކުޅުމެއް ފެނުގެން ދިޔައިރު މެޗުގެ 18 ވަނަ މިނެޓުގައި ލުއިސް ސުއަރޭޒް ކާމިޔާބުޖުރި ގޯލުން ބާސެލޯނާ ވަނީ މެޗުގެ ލީޑު ނަގާފައެވެ.
މި ގޯލާ އެކު މެޗުގެ ފުރަތަމަ ހާފު ބާސާ ލީޑުގައި އޮވެ ނިންމާލިއިރު ދެވަނަ ހާފުގައިވެސް މޮޅަށް ކުޅެ މެޗު ކޮންޓްރޯލް ކުރަމުން ގެންގޮސްފައިވަނީ ބާސާއިންނެވެ.
ނަތީޖާއެއްގެ ގޮތުން މެޗުގެ 66 ވަނަ މިނެޓުގައި ބާސާއިން ވަނީ އެޓީމުގެ ދެވަނަ ގޯލް ކާމިޔާބުކޮށްފައެވެ.
ޖޯޑީ އަލްބާގެ ހިއްގައިމު ގޯލުން ބާސާ ލީޑު ފުޅާ ކުރިއިރު ލުއިސް ސުއަރޭޒް ވަނީ ޖެހިގެން އައި މިނެޓުގައި ބާސާގެ ތިންވަނަ ގޯލް ކާމިޔާބުކޮށްދީ ލީޑު އިތުރަށް ފުޅާކޮށްފައެވެ.
ބާސާގެ ހަތަރުވަނަ ގޯލު ކާމިޔާބުކޮށްދިނީ ލިއޮނެލް މެސީއެވެ.
މި މެޗުގައި އެސްޕަންޔޯލްގެ ހަމައެކަނި ގޯލް މެޗުގެ 79 ވަނަ މިނެޓުގައި ކާމިޔާބުކުރީ ލޯޕޭޒް އެވެ.
މި މޮޅާއެކު ބާސާ މިވަގުތު އޮތީ 34 ޕޮއިންޓާއެކު ޕޮއިންޓް ތާވަލްގެ 2 ވަނާގައެވެ. ތާވަލްގެ އެއްވަނާގައި ބާސާއަށްވުރެ އެއްމެޗު މަދުންކުޅެގެން 37 ޕޮއިންޓާއެކު އޮތީ ރެއާލް މެޑްރިޑެވެ. ތިންވަނާގައި އޮތީ 33 ޕޮއިންޓާއެކު އޮތީ ސެވިއްޔާއެވެ.