އުރީދޫގެ ނެޓްވާރކް އިތުރަށް ވަރުގަދަކޮށް ޑިޖިޓަލް ގައުމަކަށް ރާއްޖެ ބަދަލުކުރުމުގައި އުރީދޫ އިން ދެމުންގެންދާ އެއްބާރުލުމުގެ ތެރެއިން އުރީދޫގެ ނޭޝަންވައިޑް ސަބްމެރިން ކޭބަލް މިއަދު އިފްތިތާހުކޮށްފިއެވެ.
މިކަމަށްޓަކައި ބޭއްވި ޚާއްޞަ ރަސްމިއްޔާތުގައި ހޯމް މިނިސްޓަރ އަޒްލީން އަޙްމަދު ވިދާޅުވީ ދެކުނު އިރުމަތީ އޭޝިޔާގެ ކަނެކްޓިވިޓީ އެންމެ ރަނގަޅު ޤައުމުތަކުގެތެރޭގައި ރާއްޖެ ހިމެނުމަށް ސަރުކާރުން ދެކޭ ތަޞައްވުރު ހަޤީޤަތަކަށް ހެދުމުގައި އުރީދޫގެ ނެޓްވާރކް އަޕްގްރޭޑް އެހީތެރިވެ، ރާއްޖޭގެ އައިސީޓީ ދާއިރާ އިތުރު ހަރުފަތަކަށް ގެންދިޔުމަށް މަގުފަހިކޮށްދޭނެ ކަމަށެވެ.
“ އުރީދޫއަކީ އިންވެސްޓްމަންޓް މެދުވެރިކޮށް ޤއުމުގެ އިޤްތިޞާދީ އަދި އިޖްތިމާޢީ ތަރައްޤީ ކުރިއެރުވުމުގެ މިސާލެއްކަމަށްވާއިރު، އެކުންފުނިން ރާއްޖެއަށް ކޮށްދެމުންދާ ޚިދުމަތްތަކުގެ އަގުވަޒަންކުރަން.“ އަޒްލީން އަހްމަދު ވިދާޅުވިއެވެ.
ގްރޫޕް ޗީފް އޮފިސަރ އެސްއެމްބީޔޫ އަދި އުރީދޫ މޯލްޑިވްސް ބޯޑުގެ ޗެއަރމަން، ޚާލިދް އިބްރާހިމް އަލް މަހްމޫދް ވިދާޅުވީ ”ޑިޖިޓަލް ޤައުމެއް ބިނާކޮށް، ޑިޖިޓަލް އިޤްތިޞާދަކާއި ރައްޔިތުން ގުޅުވާލަދިނުމުގެ ވަރުގަދަ ތަޞައްވަރެއް ރާއްޖޭގެ ސަރުކާރުން ގެންގުޅުއްވާ ކަމަށެވެ. އަދި މިފުރުޞަތު ރާއްޖޭގެ ހުރިހާ ރައްޔިތުންނަށް ފޯރުކޮށްދިނުމުގައި ދިވެހިރާއްޖޭގައި ޤާއިމްކުރެވިފައިވާ އިންފްރާސްޓްރަކްޗަރ ނެޓްވަރކް ތަރައްޤީކޮށް ރެސިލިއަންޓް ކުރުން ވަރަށް މުހިއްމު ކަމަށެވެ.
“ މިގޮތުން ނޭޝަންވައިޑް ސަބްމެރިން ކޭބަލް ޕްރޮޖެކްޓަށް އިންވެސްޓްކޮށް، ޑިޖިޓަލް މޯލްޑިވްސްއަށް އެއްބާރުލުންދެވުމަކީ، އުރީދޫއަށް ލިބިގެންދާ ވަރަށް ބޮޑު ފަޚުރެއް އަދި އުފަލެއް. މި ޕްރޮޖެކްޓް ކުރިޔަށް ގެންދިޔުމުގައި ދިވެހި ސަރުކާރުގެ ފަރާތުން ލިބިފައިވާ އެއްބާރުލުމުގެ އަގުވަޒަންކޮށް، ޝުކުރު އަދާކުރަން. ދިވެހި މުޖުތަމަޢާއި ރާއްޖޭގެ ވިޔަފާރިތަކަށް، ޒަމާނީ ޓެކްނޮލޮޖީތަކުގެ ފައިދާތައް ފޯރުކޮށްދިނުމުގެ މަޤުޞަދުގައި، ކުރިއަތް އޮތްތަނުގައިވެސް އުރީދޫއިން އިތުރު އިންވެސްޓްމަންޓްތައް ރާއްޖެއަށް ކުރަމުން ގެންދާނެ.“ ޚާލިދް އިބްރާހިމް އަލް މަހްމޫދް ވިދާޅުވިއެވެ.
އުރީދޫގެ ސީއީއޯ ވިކްރަމް ސިންގހަ ވިދާޅުވީ އުރީދޫއިން ޤަބޫލުކުރާގޮތުގައި އައިސީޓީ ޓެކްނޮލޮޖީ އަދި ބްރޯޑްބޭންޑްގެ ޚިދުމަތްތައް މެދުވެރިކޮށް، ދިވެހި ރައްޔިތުންގެ ޙަޔާތައް އިތުރު ފުރިހަމަކަމެއް ލިބިގެންދާނެ ފުރުސަތުތަކަށް މަގުފަހިކޮށްދެވޭނެ ކަމަށެވެ. އަދި ދުނިޔޭގެ އެކިހިސާބުތަކުގައިވާ ޑިޖިޓަލް މުޖުތަމައުތަކުގެ މައިބަދަ އަކީ ފައިބަރ ކަމަށް ވީހިނދު، އަޅުގަނޑުމެންގެ މަގްސަދަކީ ވީހާވެސް އަވަހަކަށް ސަބްމެރިން ކޭބަލްގެ އެންމެ ފުރިހަމަ ބޭނުން ހިފުން ކަމަށާއި މަލްޓި މިލިއަން ޑޮލަރުގެ އަޕްގްރޭޑަކަށްފަހު، ދެކުނު އިރުމަތީ އޭޝިޔާގެ ފުރަތަމަ 100% 4G+ ނެޓްވާރކް، ކައިރި މުސްތަޤްބަލެއްގައި ދިވެހިރާއްޖޭގައި ތަޢާރަފްކުރުން ވެގެންދާނީ އަޅުގަނޑުމެންނަށް ލިބިގެންދާ ވަރަށް ބޮޑު ފަޚުރަކަށް ކަމަށްވެސް އޭނާ ވިދާޅުވިއެވެ.
މަލްޓިމިލިއަން ޑޮލަރުގެ އަގުހުރި ފައިބަރ އަޕްގްރޭޑް މެދުވެރިކޮށް، 2016 ނިމުމުގެ ކުރިން ދިވެހިރާއްޖޭގެ ކަންކޮޅުތަކަށް 4G+ ފޯރުކޮށްދިނުމުގެ ޤާބިލްކަން އުރީދޫއަށް މިހާރުވަނީ ލިބިފައެވެ.
އަދި ޑިޖިޓަލް ދުނިޔޭގައި ދިވެހި މުޖުތަމަޢުގެ ބައިވެރިވުން އިތުރުކުރެވިގެންދާ އިރު، ރާއްޖޭގެ އެކި އަތޮޅުތަކުގައި 4G+ ތަޢާރަފްކުރުމުގެ މަސައްކަތް ކާމިޔާބު އަޕްގްރޭޑްތަކާއެކު، މިހާރުވެސް ވަނީ ފަށާފައެވެ.
ރާއްޖޭގެ ރައްޔިތުންނަށާއި ވިޔަފާރިތަކަށް ބޭނުންވާ މުވާސަލާތީ ޚިދުމަތްތައް ފޯރުކޮށްދިނުމުގެ ގޮތުން ރާއްޖޭގެ ހުރިހާ ރަށަކާއި ރިސޯޓްތަކަށް ހައި ސްޕީޑް ބްރޯޑްބޭންޑް ޚިދުމަތްތައް ފޯރުކޮށްދިނުމުގެ މުހިއްމު ޕްރޮޖެކްޓްވެސް އުރީދޫއިން ވަނީ އިޢުލާން ކޮށްފައެވެ.
ދުނިޔޭގެ އެކި ހިސާބުތަކުގައި ކުރެވިފައިވާ ދިރާސާތައް ދައްކާގޮތުގައި، ގައުމުގެ ތަރައްޤީއަށް، ޑިޖިޓަލް އިކޮނޮމީއެއް ގާއިމްކުރެވިފައިވުން ވަނީ ވަރަށް މުހިއްމު ވެފައެވެ. މިގޮތުން، މުޅި ރާއްޖޭގައި އެޅޭ ފައިބަރ އަކީ، ޑިޖިޓަލް މޯލްޑިވްސް އަށް އެއްބާރުލުންދިނުމަށް އުރީދޫއިން ކުރަމުން އަންނަ މަސައްކަތުގެ ދަށުން ކޮށްފައިވާ އިންވެސްޓްމަންޓެކެވެ. އުރީދޫގެ 100% 4G+ އަދި ހައި ސްޕީޑް ބްރޯޑްބޭންޑް ޚިދުމަތްތައް ރާއްޖޭގެ ހުރިހާ ހިސާބުތަކަށް ފުޅާ ކުރުމާއި އެކު، ޓެލެމެޑިސިން، ޓެލެވާރކިންގ، އޮންލައިން އެޑިއުކޭޝަން އަދި އީ ގަވަރމަންޓް ޚިދުމަތްތައް ފަދަ އާ ފުރުސަތުތަކާއި ދިވެހިރާއްޖޭގެ ހުރިހާ ރައްޔިތުން ގުޅުވައިދިނުމުގައި އިތުރު ކުރިއެރުން ލިބިގެންދާނެއެވެ.
އެންމެ ފަހުގެ އުފެއްދުންތަކާއި ޚިދުމަތްތައް ފޯރުކޮށްދީ، ކަސްޓަމަރުންގެ ބޭނުންތަކާއި އެއްގޮތަށް ޚިދުމަތް ފޯރުކޮށްދިނުމަށް އުރީދޫއިން މަސައްކަތްކުރަމުން ގެންދާނެއެވެ.