އެމްއެންޑީއެފް ފަޔަރ އެންޑް ރެސްކިއު ސަރވިސްއިން މާލޭ ސިޓީގެ ރެސްޓޯރަންޓްތަކާއި ކެފޭ އަދި ސައިހޮޓާތައްބަލާ ފާސްކުރުމަށް ހިންގާ ”އޮޕަރޭޝަން ހިރާސް ފާސް“ އާ ގުޅޭ މަޢުލޫމާތު ނޫސްވެރިންނާ ޙިއްސާކޮށްފިއެވެ.
”އޮޕަރޭޝަން ހިރާސް ފާސް“ ކުރިއަށްދާ ގޮތާ ބެހޭ ގޮތުން މަޢުލޫމާތު ދިނުމަށް މިއަދު ކަޅުތުއްކަލާކޮށީގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި މަޢުލޫމާތު ދެއްވީ އެމްއެންޑީއެފް ފަޔަރ އެންޑް ރެސްކިއު ސަރވިސްގެ ކޮމާންޑަރ ކާނަލް ޢަބްދުﷲ ޒުހުރީއާއި މާލޭ ފަޔަރ ސްޓޭޝަންގެ ސްޓޭޝަން އިންޗާޖް، ވޮރަންޓް އޮފިސަރ 1 އަޙްމަދު ނަޝީދުގެ އިތުރުން މި އޮޕަރޭޝަން ހިންގުމުގައި ހަރަކާތްތެރިވާ ސްޓާފް ސާޖަންޓް އިސްތިޔާގު ހުސެއިން އަދި ސްޓާފް ސާޖަންޓް ޙުސެއިން ޙަލީމްއެވެ.
މިމަހު ހަވަނަދުވަހުން ފެށިގެން ކުރިއަށްދާ މި އޮޕަރޭޝަނަކީ އާންމު ރައްޔިތުންގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރުކުރުމަށް ހިންގާ އޮޕަރޭޝަނެވެ.
މި އޮޕަރޭޝަން ކުރިއަށް ގެންދަނީ މާލެ ސިޓީ، ހަތަރު ސަރަޙައްދަކަށް ބަހާލައިގެން އަދި ހަތަރު ޒޯން ސަބް ޒޯންތަކަކަށް ބަހާލައިގެންނެވެ. މިގޮތުން ފުރަތަމަ މަސައްކަތް ފަށާފައިވަނީ މާފަންނުންނެވެ. މި އޮޕަރޭޝަންގައި ބަލާ ފާސްކުރަމުންދަނީ ގުދަނާއި ވޯކްޝޮޕާއި ކާޕެންޓްރީ އާއި ގަރާޖުތަކާއި ސައި ހޮޓާތަކުގެ އިތުރުން ރެސްޓޯރަންޓްތަކެވެ. މި ބަލާ ފާސްކުރުމުގެ އޮޕަރޭޝަންގައި އަލިފާނުގެ ހާދިސާތަކުން ރައްކާތެރިވުމަށް އަޅަންޖެހޭ ފިޔަވަޅުތައް އެޅިފައިހުރީ ކިހާ މިންވަރަކަށްތޯ ބެލުމާއި އަލިފާނުން ރައްކާތެރިކޮށްދޭ ނިޒާމް ހުރިތޯ ބަލައި، އެ ތަކެތީގެ ހާލަތު ދެނެގަނެ، އަލިފާން ނިއްވުމަށް ބޭނުންކުރާ އާލާތްތަކުގެ ފެންވަރު ބަލައިފާސްކުރުމަށް ވަނީ ހަމަޖެހިފައެވެ.
”އޮޕަރޭޝަން ހިރާސް ފާސް“ އަކީ ވަރަށް ކާމިޔާބުކަމާއެކު ކުރިއަށްދާ އޮޕަރޭޝަނެކެވެ. މި އޮޕަރޭޝަން ހިންގުމަށްޓަކައި އާންމު ރައްޔިތުންގެ ފަރާތުން ވަރަށް ބޮޑު އެހީތެރިކަމާއި އެއްބާރުލުމެއް އަންނަނީ ލިބެމުންނެވެ.
ޚަބަރު އެމް އެން ޑީ އެފް ސައިޓް އިން