ރާއްޖޭގެ މޫސުން ކުރިއަށް ލަފާކުރާގޮތަށް ބަލާލާ އިރު، މޫސުމާއިބެހޭ ޤައުމީ އިދާރާއިން ބުނީ ރާއްޖޭގެ އެކިހިސާބަށް ކެރީގެ އަސަރުފޯރާނެ ކަމަށާއި ބައެއް ރަށްތަކަށް ގުގުރުންވެސް އެކަށީގެންވާ ކަމަށެވެ.
އަދި ހުޅަނގާއި ހުޅަނގުއުތުރުން މެދުތެރޭގެ އަތޮޅުތަކަށް ގަޑިއަކު 10 މޭލާ 20 މޭލާ ދެމެދުގެ ބާރުމިނުގައި އަދި އެހެން ހިސާބުތަކަށް ގަޑިއަކު 7 މޭލާ 15 މޭލާ ދެމެދުގެ ބާރުމިނުގައި ވައިޖެހޭނެކަމަށް ލަފާ ކުރެވޭ ކަމަށްވެސް އެ އިދާރާއިން ބުނެއެވެ. މީގެ އިތުރުން ވިލާގަނޑުގައި ގަޑިއަކު ގާތްގަޑަކަށް 35 މޭލަށް ވައިގަދަވުން އެކަށީގެންވާ ކަމަށްވެސް މެޓް އޮފީހުން ބުނެއެވެ.
މެޓް އޮފީހުން ބުނީ ރާއްޖޭގެ ކަނޑުތައް މެދުތެރޭގައި ގަދަވާނެ ކަމަށާއި އެހެން ހިސާބުތަކުގެ ކަނޑުތައް އާދައިގެވަރަކަށް ގަދަވާނެ ކަމަށެވެ.
މިހާރުވެސް ދޭތެރެ ދޭތެރެއިން ރާއްޖޭގެ ރާއްޖޭގެ އެކި ހިސާބުތަކަށް އަންނަނީ ބޯކޮށް ވާރޭ ވެހި ވިދާ ގުގުރަމުންނެވެ. އަދި ކަނޑުތައްވެސް އާދައިގެ ވަރަކަށް ގަދަވެފައި ވިލާގަނޑުގައި ގަދަކަންވެސް ފާހަގަ ކުރެވެއެވެ.
އެހެންކަމުން ކަނޑުދަތުރުކުރާ ފަރާތްތަކުން މޫސުމަށް ބަލައިގެން ދަތުރު ކުރުމަށާއި އުޅަނދުތަކުގައި ސަލާމަތީ ވަޞީލަތްތައް ހަމައަށް ހުރިތޯ ބަލައި، ޗެކް ކުރުމަކީ އެ އުޅަނދަކުން ދަތުރުކުރާ ޕަސިންޖަރުންގެވެސް މަސްއޫލިއްޔަތަކަށް ހެދުމަކީ މުހިންމު ކަމެކެވެ.